އިސްރަށްވެހިންނަށް ޚާއްޞަ އިޖުތިމާޢީ މަރުކަޒުތަކެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުގެ ތެރެއިން، ބިނާކުރި ފުރަތަމަ އިޖުތިމާޢީ މަރުކަޒު "އިސްރަށްވެހިންގެ ނާދީ" ގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ޕްރޮގްރާމްތަކެއް ހިންގާ ގޮތަށް ހަމަޖެހިއްޖެއެވެ.
 
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރައިގެ އިސްނެންގެވުމުގެ މަތިން، "އިސްރަށްވެހީންގެ ނާދީ" ހަދާފައި ވަނީ އަމީރުއަޙްމަދުމަގުގައި ހުރި، ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު ކުރިން ހިންގި އިމާރާތުގައެވެ.

މި ނާދީ ހުޅުވުމަށް ފެބުރުވަރީ 17 ވަނަ ދުވަހު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އިސްރަށްވެހީންގެ ނާދީ ހުޅުވައިދެއްވީ، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ.

އެކިއެކި ވުޒާރާތަކާއި އެސޯސިއޭޝަންތަކުން މި ނާދީގައި އިސްރަށްވެހީންނަށް ތަފާތު ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާއިރު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން ވެސް ވަނީ ޕްރޮގްރާމްތަކެއް ހިންގަން ނިންމައި، މި ނާދީ ހުޅުވުމުގެ ރަސްމިއްޔާތުގައި އެ ޕްރޮގްރާމްތަކާ ގުޅޭ މަޢުލޫމާތު ދިނުމަށް ޑެސްކެއް ބަހައްޓާފައެވެ. 

އެ ރަސްމިއްޔާތުގައި، އެކިއެކި އިދާރާތަކުން ބަހައްޓާފައިވާ ޑެސްކުުތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ދުވަހު ޒިޔާރަތް ކުރައްވާފައެވެ. މިގޮތުން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ޤާއިމުކުރި ޑެސްކަށް ވެސް ޒިޔާރަތް ކުރައްވައި، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން އެ ނާދީގައި ދިނުމަށް ހަމަޖެހިފައިވާ ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒް ވަނީ އޮޅުންފިލުއްވާފައެވެ.

އަހަރުދުވަހަށް ބަހާލައިގެން އިސްރަށްވެހީންގެ ނާދީގައި އެމްއެންޑީއެފް މާލެ އޭރިއާކޮމާންޑުން އެކި ޕްރޮގްރާމްތައް ހިންގުމަށް ރާވާފައިވާއިރު، އޭގެތެރޭގައި، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުން ހިންގޭ އެކި ޕްރޮގްރާމްތަކާއި، ޞިއްޙީ ދާއިރާއާ ގުޅުންހުރި އެކިކަހަލަ ހަރަކާތްތަކުގެ އިތުރުން، މެރިޓައިމް ދާއިރާއާ ގުޅުންހުރި އެކި ކަހަލަ ހަރަކާތްތައް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.