އައްޑޫ ސިޓީގައި ހުންނަ މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީގެ މުވައްޒަފުންނަށް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަނުން، ބޭސިކް ފަޔަރ އެވެއަރނަސް ސެޝަނެއް ހިންގައިފިއެވެ.
 
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ހެޑްކުއޯޓަރޒްގައި މިއަދު ކުރިއަށްގެންދިއަ މި ސެޝަންގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓް ބޭނުން ކުރާނެގޮތުގެ މުހިންމު މަޢުލޫމާތުތައް ކިޔައިދީފައިވެއެވެ. އަދި މި ސެޝަންގައި ޢަމަލީ ގޮތުން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް ވަނީ މުވައްޒަފުންނަށް އުނގަންނައި ދެވިފައެވެ.
 
މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީގެ 14 މުވައްޒަފުން ބައިވެރިވި މި ސެޝަންތައް ނަގައިދިނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުންނެވެ.