މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރޭ އެކުއޭޑޯއާ 1-1 އިން އެއްވަރުވެ، އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލުން ދަމަހައްޓަމުންއައި މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް އަތުވެއްޖެއެވެ.
މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ބްރެޒިލުން ކުޅުނު ތިން މެޗު މޮޅުވިއިރު، ރޭގެ މެޗާ ހަމައަށް އައިއިރު އެ ޓީމު އެންމެ ފަހުން ކުޅުނު 10 މެޗު ވަނީ ކާމިޔާބުކޮށްފައެވެ.
ރޭގެ މެޗުތަކަށްފަހު ބްރެޒިލުން ގްރޫޕް ސްޓޭޖް ނިންމާލީ ގްރޫޕް ބީ ގެ އެއްވަނައިގައި އޮވެގެންނެވެ. އެ ޓީމަށް ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ޕެރޫ އަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ތިންވަނައިގައި އޮތް ކޮލަމްބިއާ އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، އޭގެ އެއް ޕޮއިންޓް ފަހަތުން ހަތަރުވަނައިގައި އޮތީ އެކުއޭޑޯ އެވެ. މިއާއެކު، މި ގްރޫޕުގެ އެންމެ ކުރީގައި އުޅޭ ހަތަރު ޓީމު ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދާފައެވެ.
އެސްޓާޑިއޯ އޮލިމްޕިކޯ ޕެޑްރޯ ލުޑޮވީކޯގައި ރޭ ކުޅުނު މެޗަށް ބްރެޒިލްގެ ކޯޗު ޓީޓޭ ވަނީ އެ ޓީމުގެ ފުރަތަމަ އެގާރަ އަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، މި މުބާރާތުގައި އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނެމުންއައި ޕީއެސްޖީގެ ތަރި ނޭމާ އާއި މިޑްފީލްޑްގެ މައިތަނބުކަމަށްވާ ކަސެމީރޯގެ އިތުރުން ގެބްރިއެލް ޖެސޫސް އަދި ފްރެޑް އާއި ރިޗާލިސަން ރޭގެ މެޗު ފެށީ ބެންޗުންނެވެ.
ބްރެޒިލުން ރޭގެ މެޗުގައި ލީޑްނެގީ ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި އެޑާ މިލިޓާއޯ ކާމިޔާބުކުރި ގޯލުންނެވެ. މިއީ އެ ޓީމުގެ ވިންގާ އެވަޓަން ސޮއާރޭސް ފޮނުވާލި ހިލޭޖެހުމަކުން ލިބުނު ބޯޅައަކުން މިލިޓާއޯ ކާމިޔާބުކުރި ގޯލެކެވެ. މިއީ ބްރެޒިލްގެ ގައުމީ ޓީމަށް އޭނާ ޖަހައިދިން ފުރަތަމަ ލަނޑެވެ. އޭގެކުރީން، އެ ޓީމުގެ ފޯވާޑް ގެބްރިއެލް ބާބޯސާ ފޮނުވާލި ބޯޅަ އެކުއޭޑޯގެ ކީޕަރު ހެރްނާން ގަލިންޑޭޒް މަތަކުރިއެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަވަނަ މިނެޓުގައި އެކުއޭޑޯ އިން ނަތީޖާ ހަމަހަމަކުރީ އެނާ ވެލެންސިއާ ދިން ބޯޅައަކުން އެންހެލް މެނާ ވައްދާލި ލަނޑުންނެވެ. އޭގެފަހުން، ބްރެޒިލަށް އަލުން ލީޑްނަގައިދޭން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ރެއާލްގެ ހަލުވި ވިންގާ ވިނީޝަސް ޖޫނިއާ އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތެއްނުވިއެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ޕެރޫ ވަނީ 1-0 އިން ވެނެޒުއޭލާ ބަލިކޮށްފައެވެ. މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު އެ ޓީމަށް މިލަނޑުޖަހައިދިނީ ސައުދީ އަރަބިއާގެ އަލް ހިލާލް އަށް ކުޅެމުން އަންނަ ވިންގާ އަންދްރޭ ކަރީލޯ އެވެ. މިއީ މި ފަހަރުގެ ކޮޕާ އެމެރިކާގައި އޭނާ ޖެހި ދެވަނަ ލަނޑެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން