ޔޫރޯ އާއި ކޮޕާ އެމެރިކާގެ ޗެމްޕިއަނުންގެ މެދުގައި މުބާރާތެއް ބޭއްވުމަށް ޔުއެފާ އާއި ކޮންމެބޯލް އިން ވިސްނަމުންދާ ކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ޔޫރަޕާއި ދެކުނު އެމެރިކާގެ ފުޓްބޯޅައިގެ މައި އިދާރާ އިން ގުޅިގެން ބޭއްވުމަށް ވިސްނަމުންދާ މި މުބާރާތުގެ ސަބަބުން ފީފާ އިން ކޮންމެ ވޯލްޑް ކަޕެއްގެ ކުރީން ބާއްވާ ކޮންފެޑެރޭޝަންސް ކަޕުގެ ބަދަލުގައި ކުޅުމަށް އެކަށީގެންވާ މުބާރާތެއް ކަމުގައި ވުމުގެ ފުރުޞަތު އެބައޮތް ކަމަށް ވެސް ހަބަރުތައް ބުނެއެވެ. އަދި ފީފާ އިން ވެސް މި މުބާރާތް ބޭއްވުމަށް ތާއީދުކުރާނެކަމަށް ބެލެވޭކަމަށް ވެސް ހަބަރުތައް ބުނެއެވެ.

ޔުއެފާގެ ރައީސް އަލެކްސެންޑަ ކެފެރިން އާއި ކޮންމެބޯލްގެ ރައީސް އަލެހަންދްރޯ ޑޮމިންގޭޒް މިހާރު މި މުބާރާތާ ގުޅޭގޮތުން މަޝްވަރާތައް ފަށާފައިވާ ކަމަށް ވެސް ޓީއެންޓީ ސްޕޯޓްސް އިން މައުލޫމާތުދެއެވެ.

އަދި މި މުބާރާތުގައި ޔޫރޯ އާއި ކޮޕާ އެމެރިކާގެ ފައިނަލްގައި ކުޅޭ ދެ ޓީމު ބައިވެރިކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށާއި، އެކަމަކު ދެ މުބާރާތުގެ ޗެމްޕިއަނުންގެ މެދުގައި ކުޅުމުގެ ފުރުޞަތު ބޮޑުކަމަށްވެސް މީޑިއާ ހަބަރުތައް ބުނެއެވެ.

މީގެއިތުރުން، އަލަށް ބާއްވަން ވިސްނަމުންދާ މުބާރާތް އޮންނާނީ ކޮންމެ ވޯލްޑް ކަޕް މުބާރާތެއް ފެށުމުގެ އެއް އަހަރު ކުރީން ކަމަށާއި، މި މުބާރާތް ބާއްވާނީ އެ ފަހަރެއްގެ ވޯލްޑް ކަޕް ހޯސްޓްކުރާ ގައުމުގައި ކަމަށެވެ. އަދި 2026 ވަނަ އަހަރު އޮންނަ ވޯލްޑް ކަޕް ފެށުމުގެ އެއް އަހަރު ކުރީން މީގެ ފުރަތަމަ މުބާރާތް ބޭއްވުމަށް ވިސްނަމުންދާ ކަމަށް ވެސް ވެއެވެ.