ފޯރިގަދަ މެޗުތަކަކަށްފަހު ނޮޅިވަރަމު ކައުންސިލް ކްލަބް ހުވާސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ކްލަސްޓަރއިން ހޯދާ މިމަހުގެ 15 ވަނަ ދުވަހު ވަނީ ކާމިޔާބުކަމާއެކު ނިންމާލައިފައެވެ. ޖުމްލަ 04 ޓީމު ބައިވެރިވެގެން ކުރިއަށް ގެންދިޔަ މިމުބާރާތުގެ ފިރިހެން ޑިވިޝަން ނިންމާލައި ހަފްތާއެއް ފަހުން މިހާރު ދަނީ އަންހެން ޑިވިޝަންގެ މެޗުތައް ކުޅެވެމުންނެވެ. މުބާރާތުގެ އަންހެން ޑިވިޝަންގައި ބައިވެރިވެފައިވަނީ 03 ޓީމެވެ. އެހެންކަމުން ގްރޫޕް ސްޓޭޖުގައި 02 ބުރު ކުޅުމަށްފަހު ފައިނަލް ކުޅޭ ގޮތަށް ވަނީ ރޭވިފައެވެ. މުބާރާތުގައި ބައިވެރިވެފައިވާ 03 ޓީމަކީ "ޗާލު" އާއި "އީގަލް" އަދި "ސްމެޝަރސް"އެވެ. 

"ޗާލު" ޓީމު --ފޮޓޯ: އުނޭ ފޮޓޯސް

މުބާރާތުގެ ފުރަތަމަ މެޗު، އާދީއްތަ ދުވަހުގެރޭ ވަނީ ކުޅެފައެވެ. އެ މެޗުގައި "ސްމެޝަރސް" އަދި "ޗާލު" ބައްދަލުކޮށްފައިވާއިރު 03 ސެޓު 01 ސެޓުން މެޗު ކާމިޔާބުކުރީ "ޗާލު" ޓީމުންނެވެ. އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ "ޗާލު" ޓީމުގެ ޖާޒީ ނަންބަރު 11، އަޙްމީމާ މުޙައްމަދެވެ. އަދި ދެވަނަ މެޗުގައި "ސްމެޝަރސް" އާއި "އީގަލް" ހޯމަ ދުވަހުގެރޭ ބައްދަލުކޮށްފައިވާއިރު އެ މެޗު 03 ސެޓު 02 ސެޓުން ކާމިޔާބުކުރީ "އީގަލް"އެވެ. "ސްމެޝަރސް" އަދި "އީގަލް" ބައްދަލުކުރި މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ "އީގަލް"ގެ ޖާޒީ ނަންބަރު 10، ނަދުޙާ އަޙުމަދެވެ.

"ސްމެޝަރސް" އާއި "އީގަލް" ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔާ 'ނަދުޙާ'އަށް ޓްރޮފީ ޙަވާލުކުރަނީ --ފޮޓޯ: އުނޭ ފޮޓޯސް

މުބާރާތުގައި މިރޭ އޮންނާނީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ ބުރުގެ އެންމެ ފަހު މެޗެވެ. އެއީ "ޗާލު" އަދި "އީގަލް" ބައްދަލުކުރާ މެޗެވެ. ހދ.ނޮޅިވަރަމު ކްލަބް ހުވާސް ވޮލީކޯޓުގައި މުބާރާތް ކުރިއަށް ދާއިރު މިރޭގެ މެޗު ފެށޭނީ 20:30ގައެވެ.