ހދ.ނޮޅިވަރަމު "ކައުންސިލް ވެޓަރަންސް ފުޓްސަލް މުބާރާތް 2022"ގެ ސެމީ ފައިނަލަށް "މެޑްރިޑް"، "ސްޓްރީޓް ކޯނަރ" އަދި "ޗަކުލީ" ދަތުރުކޮށްފިއެވެ. "މެޑްރިޑް" މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ 09 ޕޮއިންޓާއެކު އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ދެވަނަ ޓީމެއްގެ ގޮތުގައި 06 ޕޮއިންޓާއެކު "ސްޓްރީޓް ކޯނަރ" ސެމީ ފައިނަލަށް ގޮސްފައިވާއިރު ތިންވަނައަށް "ޗަކުލީ" ގޮސްފައިވަނީ 03 ޕޮއިންޓާއެކުގައެވެ. ޖުމްލަ 04 ޓީމު ބައިވެރިވެގެން މުބާރާތް ކުރިއަށް ދާއިރު ހަތަރުވަނަ ޓީމެއްގެ ގޮތުގައި އޮތީ "ކޭޖީ"އެވެ. އެ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައި ނެތުމުން، ނުވަތަ އެއްވެސް ޕޮއިންޓެއް ހޯދިފައި ނެތުމުން މިހާރު ވަނީ މުބާރާތާ އަލްވަދާޢު ކިޔައިފައެވެ.
މުބާރާތުގައި "މެޑްރިޑް" ކުޅުނު 03 މެޗަށް ބަލައިލާއިރު އެންމެ ފުރަތަމަ، "ކޭޖީ"އާއެކު ބައްދަލުކުރި މެޗު "މެޑްރިޑް"އިން ކާމިޔާބުކުރީ ފަސޭހަ ކަމާއެކު 00 - 05ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ "މެޑްރިޑް"ގެ ޒާހިރު ނަޞީރެވެ.
މެޑްރިޑުގެ ދެވަނަ މެޗުގައި ޗަކުލީއާ ދެކޮޅަށް ކުޅުނު މެޗު ނިމިގެންދިޔައީ ފޯރިގަދަ ކުޅުމަކަށްފަހު 05 - 08ގެ ނަތީޖާއަކުން މެޑްރިޑް ކާމިޔާބުކޮށްގެންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދާފައިވަނީ މެޑްރިޑްގެ އިބްރާޙީމް ވަޙީދެވެ. ގްރޫޕް ސްޓޭޖުގެ ތިންވަނަ މެޗުގައި މެޑްރިޑް ނުކުންނަން ޖެހުނީ "ސްޓްރީޓް ކޯނަރ" އާ ދެކޮޅަށެވެ. ނަމަވެސް އެ މެޗަށް "ސްޓްރީޓް ކޯނަރ"ގެ ޓީމުން ޙާޟިރުނުވުމުގެ ސަބަބުން ވަނީ މުބާރާތުގެ ޤަވާޢިދުގައި ވާގޮތުގެ މަތިން ޙާޟިރުނުވި ޓީމު އެ މެޗުން ބަލިވީ ކަމަށް ކަނޑައަޅައި، ޙާޟިރުވި ޓީމަށް 03 ޕޮއިންޓާއި ފައިދާ 02 ގޯލް ދިނުމަށްފަހު ނިންމާލައިފައެވެ. މިއީ މުބާރާތުގައި "ސްޓްރީޓް ކޯނަރ" އަދި މިހާތަނަށް ބަލިވި ހަމައެކަނި މެޗެވެ.
މި ޙާލަތު ވަނީ އިތުރު މެޗެއްގައި ވެސް ދިމާވެފައެވެ. އެއީ "ޗަކުލީ"އާއި "ކޭޖީ" ބައްދަލުކުރަން ހަމަޖެހިފައިވާ މެޗެވެ. އެ މެޗަށް ވެސް ގަޑިޖެހުނުއިރު "ކޭޖީ" ޓީމުގެ ކުޅުންތެރިންގެ ތެރެއިން މެޗު ފެށުމަށް ޙާޟިރުވާންޖެހޭ ޢަދަދަށް ކުޅުންތެރިންނަށް ޙާޟިރުނުވެވުމުގެ ސަބަބުން ވަނީ "ކޭޖީ" އެ މެޗުން ބަލިވީ ކަމަށް ކަނޑައަޅައި "ޗަކުލީ"އަށް 03 ޕޮއިންޓާއި ފައިދާ 02 ގޯލް ދިނުމަށްފަހު ނިންމާލައުފައިފައެވެ. މިއީ "ޗަކުލީ" އަދި މިހާތަނަށް މި މުބާރާތުގައި މޮޅުވި ހަމައެކަނި މެޗެވެ.
"ސްޓްރީޓް ކޯނަރ" ގްރޫޕް ސްޓޭޖުގެ ފުރަތަމަ 02 މެޗު ވެސް ކާމިޔާބުކުރީ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އެހެނީ ޗަކުލީއާ ބައްދަލުކުރި މެޗުގައި އެ ޓީމުން ވަނީ "ޗަކުލީ" ކޮޅަށް 11 ލަނޑު ޖަހައިފައެވެ. 02 - 11ގެ ނަތީޖާއިން އެ މެޗު ނިމުނުއިރު ދެވަނަ މެޗުގައި އެ ޓީމުން ވަނީ 01 - 14ގެ ނަތީޖާއަކުން "ކޭޖީ" ބަލިކޮށްފައެވެ.
މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި މިއަދު ހަވީރު ވާދަކުރާނީ "މެޑްރިޑް" އާއި "ސްޓްރީޓް ކޯނަރ"އެވެ. މެޗު ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 16:30ގައެވެ. ސެމީ ފައިނަލް ދެވަނަ މެޗުގައި އަންގާރަ ދުވަހު ހަވީރު ބައްދަލުކުރާނީ ފުރަތަމަ ސެމީއިން ބަލިވާ ޓީމަކާ "ޗަކުލީ"އާއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން