ހދ.ނޮޅިވަރަމު ކައުންސިލް ވެޓަރަންސް ފުޓްސަލް މުބާރާތުގެ ފައިނަލަށް "މެޑްރިޑް"އާއި "ޗަކުލީ" ދަތުރުކޮށްފިއެވެ. މި ދެ ޓީމު ވެސް މުބާރާތުގެ ފައިނަލަށް ދިޔައީ ސެމީ ފައިނަލުގައި "ސްޓްރީޓް ކޯނަރ" ބަލިކޮށްގެންނެވެ. 

ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ މެޑްރިޑާއި ސްޓްރީޓް ކޯނަރއެވެ. އެ މެޗުގައި މެޑްރިޑްގެ ފަރާތުން ފެނިގެންދިޔައީ އާދަޔާޚިލާފު ކުޅުމެކެވެ. 03 - 07ގެ ނަތީޖާއަކުން މެޑްރިޑް ކާމިޔާބުކުރި މި މެޗުގައި، އެޓީމުގައި ހުރި އެންމެ ޒުވާން ކުޅުންތެރިޔާ މުޙައްމަދު ޒިޔާދުގެ 02 ހެޓް-ޓްރިކް ވެސް ފެނިގެންދިޔައެވެ. އެހެނީ ފުރަތަމަ 06 ލަނޑު ކާމިޔާބުކުރީ ޒިޔާދެވެ. އަދި 07 ވަނަ ލަނޑު ކާމިޔާބުކުރީ ޓީމުގެ ކެޕްޓަން އިބްރާހީމް ވަޙީދެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މެޑްރިޑްގެ މުޙައްމަދު ޒިޔާދެވެ. 

ސެމީ ފައިނަލްގެ ފުރަތަމަ މެޗުން ސްޓްރީޓް ކޯނަރ މެޑްރިޑް އަތުން ބަލިވުމުގެ ސަބަބުން ދެވަނަ ސެމީގައި އެ ޓީމު ނުކުންނަން ޖެހުނީ ޗަކުލީއާ ދެކޮޅަށެވެ. މި 02 ޓީމު ގްރޫޕް ސްޓޭޖުގައި ބައްދަލުކުރި މެޗު ކާމިޔާބުކުރީ ސްޓްރީޓް ކޯނަރއިންނެވެ. ނަމަވެސް ފުރަތަމަ ސެމީއެކޭ އެއްފަދައިން ސްޓްރީޓް ކޯނަރއަށް މިމެޗުގައި އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. މެޗުގެ ފުރަތަމަ 05 މިނެޓު ތެރޭގައި ޗަކުލީއިން ވަނީ ލީޑް ނަގާ ފުޅާކޮށްފައެވެ. އެއާއެކު މެޗުން ޗަކުލީ މޮޅުވީ 02 - 05ގެ ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޗަކުލީގެ ޢަލީ ރަޝީދެވެ. ޗަކުލީއަކީ ގްރޫޕް ސްޓޭޖުގެ 01 މެޗުން މޮޅުވެގެން ގްރޫޕްގެ ތިންވަނައިގައި ސެމީއަށް ދަތުރުކުރި ޓީމެވެ. 

ސެމީ ފައިނަލް 02 މެޗުގެ މޮޅު ކުޅުންތެރިންނަށް ހަނދާނީ ފިލާ އަރުވަނީ --ފޮޓޯ: ކޭ.އެޗް އާކޭޑް

މި މުބާރާތަކީ ވެޓަރަންސް ފުޓްސަލް މުބާރާތުގެ ނަމުގައި ރަށުގައި ކުޅެވޭ 03 ވަނަ މުބާރާތެވެ. މެޑްރިޑް ވަނީ ނިމިދިޔަ 02 މުބާރާތުގެ ވެސް ފައިނަލް ކުޅެ ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަމާއި ދެވަނަ މުބާރާތުގެ ރަނަރަޕްކަން ހޯދައިފައެވެ. 03 ވަނަ ފަހަރަށް މިއަދު ޗަކުލީއާ ދެކޮޅަށް މެޑްރިޑް، މުބާރާތުގެ ފައިނަލުގައި ނުކުންނައިރު މެޑްރިޑް އަދި މި މުބާރާތުގެ އެއްވެސް މެޗަކުން ބަލިވެފައެއް ނެތެވެ. ނަމަވެސް ޗަކުލީ ވަނީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ 02 މެޗުން ބަލިވެފައެވެ.

ފައިނަލް މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:30ގައެވެ. މި މެޗު "ނޮޅިވަރަމް ސްޕޯޓްސް"ގެ ފޭސްބުކް ޕޭޖުން ލައިވްކުރާނެއެވެ.