ޖަރމަން އަދި އާސެނަލްގެ ފުޓްބޯޅަ ތަރި މެސުޓް އޮޒިލް ފެންނަނީ އެހެން ފުޓްބޯޅަ ކުޅުންތެރިންނާ ތަފާތު ކުޅުންތެރިއެއްގެ ގޮތުގައެވެ. އޮޒިލްގެ ޚަބަރުތައް މި ދުވަސްވަރު މީޑިއާތަކުގައި ތިލަވެފައި މިވަނީ އިސްލާމްދީނުގެ ހައްގުގައި ބަސް ބުނުމުގެ ސަބަބުން އޭނާއަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކުގެ ސަބަބުންނެވެ.

އާސެނަލްގެ ޕްރިމިއަރ ލީގު އަދި ޔޫރޮޕާ ލީގު ސްކޮޑުން އޮޒިލް ބާކީ ކޮށްފައިވާއިރު، ވަފާތެރިވުމަކީ މިހާރު ބަލައިގަންނަ ކަމެއް ނޫންކަމަށް ދޭހަވާ ގޮތަކަށް މިދިޔަ ބުދަ ދުވަހު އޮޒިލް ބުނެފައެވެ. އެހެންނަމަވެސް، އާސެނަލްގެ ކޯޗު އާޓެޓަ އެކަން ދޮގު ކުރެއެވެ. އޮޒިލްއާއެކު މަސައްކަތް ކުރުން ނާކާމިޔާބު ވެއްޖެކަމަށާއި އެ ނިންމުމަކީ "ފުޓްބޯޅަ ނިންމުމެއް" ކަމަށެވެ. އަދި އެކަމުގެ ޒިންމާ އޭނާ ނަގާކަމަށެވެ. އެހެންނަމަވެސް، އާސެނަލްގެ ސަޕޯޓަރުން އާޓެޓާގެ މި ވާހަކައާމެދު ސުވާލު އުފައްދައެވެ. ގިނަ ސަޕޯޓަރުން ތުހުމަތު ކުރާ ގޮތުގައި، އޮޒިލްއަށް ދަތިކުރުންތަކެއް ކުރިމަތިވެފައި މިވަނީ، ޗައިނާގެ މުސްލިމުންނަށް އެ ގައުމުން ދޭ އަނިޔާތަކާ ދެކޮޅަށް އަޑު އުފުލުމުގެ ސަބަބުންނެވެ.

ބީބީސީ ނިއުސްއިން އިއްޔެ ރިޕޯޓް ކޮށްފައިވާ ގޮތުގައި، މި މައްސަލަ ފެށިފައިވަނީ 2018 ވަނަ އަހަރު އޮޒިލް ދެއްކި ވާހަކަ އަކާއި ގުޅިގެނެވެ. މިލިއަނެއްހާ ޗައިނާގެ އުއިގަރ މުސްލިމުން އެކަހެރިކޮށް ސަލާމަތީ ގޮތުން ވަރުގަދަ ޖަލުތަކެއްގައި ހައްޔަރުކޮށްފައި ވާތީ، އޮޒިލްވަނީ އެކަން ކުށްވެރިކޮށް ޗައިނާއަށާއި އެހެން ގައުމުތަކުގެ މުސްލިމުން އެ މައްސަލާގައި ބަހެއް ނުބުނާތީ ފާޑު ކިޔާފައެވެ. އެކަމާ ގުޅިގެން އެ އަހަރުގެ ޑިސެމްބަރ މަހު އޮޒިލްވަނީ މީސްމީޑިއާގައި ވަރަށް ބޮޑަށް އެކަމަށް ފާޑުކިޔާފައެވެ.

އޮޒިލްގެ އެ ވާހަކަތައް ޗައިނާއިން ކުށްވެރިކުރި ނަމަވެސް، އެ ވާހަކަތަކަށްފަހު، ޕްރޯ އިވޮލިއުސަން ސޮކަ 2020 ގޭމުގެ ޗައިނާ ވާޝަންއިން އޮޒިލް އުނި ކުރިއެވެ. އަދި މެންޗެސްޓަރ ސިޓީއާއި އާސެނަލް ކުޅުނު މެޗު ޗައިނާގެ ގައުމީ މީޑިއާ ކަމަށްވާ ސީސީޓީވީ އިން ނުދައްކާ ގޮތަށް ނިންމިއެވެ. އަދި އޮޒިލް ވާހަކަ ދައްކަނީ "ފޭކް" ޚަބަރުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ހާމަކޮށްފައިވެއެވެ.

އޮޒިލްގެ އެ ވާހަކަތަކަށްފަހު ވެސް އާސެނަލްގެ ޓީމުން އޮޒިލަށް ފުރުޞަތު ލިބުނެވެ. ނަމަވެސް ކޮރޯނާވައިރަހުގެ ސަބަބުން ލީގު މެދުކަނޑާލުމަށްފަހު ދެން ފެށިގެން އައި މެޗުތަކުގައި އޮޒިލް ނުފެނެއެވެ. އަދި އާސެނަލްގެ ސްކޮޑުން ބާކީ ކުރުމުގެ ސަބަބުން އޮޒިލް މީސްމީޑިއާގައި ހާމަކުރި ބަޔާނުގައި ހާމަކޮށްފައިވާ ގޮތުގައި، 2018 ވަނަ އަހަރު އާސެނަލްއާއެކު އައު އެއްބަސްވުމެއްގައި ސޮއި ކުރެވުނުއިރު، ކުލަބާމެދު އޮންނަ ލޯތްބާއި ވަފާތެރިކަން ހާމަކޮށްފައިވާނެކަމަށާއި، އެހެންނަމަވެސް މިފަދަ ގޮތަކަށް ސްކޮޑުން ބާކީ ކޮށްލުމުން ކުއްލި ހައިރާންކަމެއް ލިބިއްޖެކަމަށެވެ. އަދި ކޮންމެ ހަފްތާއަކުވެސް އުއްމީދު ކުރަނީ ޓީމަށް ނަގާނެކަމަށާއި މިހާތަނަށް އެއްޗެއް ނުބުނެ ހަނު ހުރީ އެހެންވެ ކަމަށްވެސް ހާމަ ކޮށްފައިވެއެވެ.

އޮޒިލްގެ މައްސަލާގައި ޔޫރޮޕްގެ ފުޓްބޯޅަ ދިރާސާ ކުރާ ފަރާތެއްކަމަށްވާ، ގުލެމް ބަލާގްގެ ވާހަކަ ތަފާތެވެ. އޭނާ ބުނާ ގޮތުގައި، ޗައިނާގެ މުސްލިމުންނާ ބެހޭ ގޮތުން އޮޒިލް ދެއްކި ވާހަކަތަކަށްފަހު ވެސް، އޮޒިލްއަށް ކުޅުމުގެ ފުރުސަތު ލިބިފައިވާކަމަށާއި، އެހެންނަމަވެސް، ދެ ކޯޗުންނަށް އޮޒިލް ބޭނުން ނުކުރެވުމުގައި އެހެންކަމެއް އުޅޭކަމަށް ބެލެވިދާނެކަމަށާއި، ބޮޑު މަންޒަރަށް ބަލަން ޖެހޭކަމަށެވެ. އޮޒިލްއަކީ މޮޅު ކުޅުންތެރިއެއްކަމަށާއި އެހެންނަމަވެސް، ގަވާއިދުން ޓީމުން ޖާގަ ހޯދުމުގައި ގަވާއިދުން ޕްރެކްޓިހަށް ދިޔުމާއި، ކުޅުމަށް އިސްކަން ދިނުމާއި، ޓީމެއްގެ ގޮތުގައި އުޅުމާއި، ކޯޗުގެ އިތުބާރު ހޯދުމަކީވެސް ކުރަން ޖެހޭ ކަންކަން ކަމުގައި އޭނާއާ ހަވާލާދީ ބީބީސީ ނިއުސްގައި ހާމަކޮށްފައިވެއެވެ.

އޮޒިލްގެ މައްސަލާގައި އޮޒިލްގެ އެޖެންޓް ވެސް ވަނީ ސުވާލު އުފައްދާފައެވެ. އޮޒިލް ކަންތައް ކުރަނީ ރަނގަޅަށްކަމަށާއި، އޮޒިލް ބާކީ ކޮށްލުމުގެ އަސްލު ސަބަބު ސަޕޯޓަރުންނަށް ހާމަ ކޮށްދޭން ޖެހޭކަމަށާއި، އާސެނަލްގެ ފަސް ކުޅުންތެރިއަކާ ހަވާލާދީ އޮޒިލްއަށް ފުރުޞަތު ނުލިބޭންވީ ކީއްވެތޯ ސުވާލު އުފައްދާފައެވެ. އެ ފަސް ކުޅުންތެރިންގެ ނަން ހާމަ ނުކޮށް އޮޒިލްގެ އެޖެންޓް ޑރ. ސޮގަޓް އީއެސްޕީއެން އަށް ބުނެފައިވާ ގޮތުގައި، އޮޒިލް ޕްރެކްޓިސްތަކުގައި ތަފާތު ކަމަށާއި، ސްކޮޑުން ބާކީ ކުރަން ޖެހޭ ސަބަބެއް ނުވިސްނޭކަމަށް އެ ކުޅުންތެރިންވެސް ބުނާކަމަށެވެ. އަދި އިންސާނިއްޔަތަށްޓަކައި އެއްޗެއް ބުނުމަކީ ސިޔާސީ ވުން ތޯ ނުވަތަ ހަމްދަރުދީވުންތޯ ވަނީ ސުވާލު އުފައްދާފައެވެ. އަދި މިއަދު އޮޒިލަށް ހާލަތުގެ ގޮތުން ހުރިހާ ވާހަކައެއް ކިޔައި ނުދެވުނަސް، އެ ދުވަސްވެސް އަންނާނެކަމަށް އޮޒިލްގެ އެޖެންޓް ވަނީ ބުނެފައެވެ.

އޮޒިލްގެ މައްސަލާގެ ސަބަބުން އާސެނަލް އަދި ޖާމަނީ ޓީމުން ބާކީވެފައިވާއިރު، އެޑިޑާސް އާއެކު ހަދާފައިވާ 22 މިލިއަން ޕައުންޑްގެ އެއްބަސްވުންވެސް ވަނީ އުވާލާފައެވެ. ސަބަބަކީ ޗައިނާގެ މުސްލިމުންނަށް ލިބެމުންދާ އަނިޔާތަކާ ދެކޮޅަށް އަޑު އުފުލުމެވެ. އެހެންނަމަވެސް، އޮޒިލް އެކަމާ ފަރުވާލެއް ނެތްކަން، މި ހުކުރު ދުވަހު ކުރި ޕޯސްޓުންވެސް ހާމަވެއެވެ. ﷲ އިސްމުފުޅު ބޮޑުކޮށް ލިޔެ، އެކަލާނގެ އާއެކު އުއްމީދު ނުގެއްލޭނެ ކަމަށާއި، އަދި ލޯބިވެސް ނުގެއްލޭނެކަމަށް ލިޔެފައިވެއެވެ.