މިދިޔަ ޖަނަވަރީ މަހުގައި އެޑިޑާސް އާއި ތިމާވެށީގެ ޖަމިއްޔާ ޕާލީ ފޯ ދަ އޯޝަންސް ގުޅިގެން އޮސްޓްރޭލިއާގެ ގްރޭޓް ބެރިއާ ރީފް މެރިން ޕާކުގެ ތެރޭގައި ލޯންޗްކުރި ފްލޯޓިންގ ރީސައިކަލް ޕްލާސްޓިކް ޓެނިސް ކޯޓާއެކު ތިމާވެށްޓަށް މީހުން ހޭލުންތެރިކުރުމުގެ ގޮތުން ކުޅިވަރު ސާމާނު އުފައްދާ އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގައި ވަނީ އިތުރު ހަރުފަތަކަށް ޖެހިލާފައެވެ.
މެލްބަންގައި ކުރިއަށްދިޔަ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތާ ދިމާކޮށް ލޯންޗްކުރި މި ފްލޯޓިން ކޯޓަކީ ކަނޑުތަކަށް އުކާލެވޭ ޕްލާސްޓިކް ބޭނުންކޮށްގެން، އެ ތަކެތި ރީސައިކަލްކޮށްގެން އުފައްދާފައިވާ އެންމެ ފަހުގެ ރޭންޖް އޮފް އެޕަރަލް ޕްރޮމޯޓް ކުރުމަށް އެޑިޑާސް އިން ތައްޔާރުކޮށްފައިވާ ކޯޓެކެވެ. މި ކުލަގަދަ ހެދުންތަކުގެ ރޭންޖަކީ އެ ބްރޭންޑާއި ޕާލީ ފޯ ދަ އޯޝަންސް ގުޅިގެން އުފެއްދި ޑިޒައިންތަކެވެ.
ދުނިޔޭގެ ކަނޑުތަކަށް އުކާލެވޭ ޕްލާސްޓިކް ކުނީގެ ނުރައްކަލަށް ސަމާލުކަން ދިނުމަށް ގްރޭޓް ބެރިއާ ރީފް – ދުނިޔޭގެ އެންމެ ބޮޑު ކޮރަލް ރީފް ސިސްޓަމް – ގައި ބަހައްޓާފައިވާ މި ފްލޯޓިން ޓެނިސް ކޯޓަކީ ގްރޭޓް ބެރިއާ ރީފް މެރިން ޕާކް އޮތޯރިޓީއާ ގުޅިގެން މެރިން އޮތޯރިޓީގެ އެއް ބާޖުގައި އެޑިޑާސް އިން ތައްޔާރުކޮށްފައިވާ ކޯޓެކެވެ. މި ކޯޓުގެ ސަރަހައްދު ހެދި އެޑިޑާސްގެ އެންމެ ފަހުގެ ޓެނިސް ކަލެކްޝަންގައި ބޭނުންކުރި ރީސައިކަލް ޕްލާސްޓިކް ފޯރުކޮށްދީފައިވަނީ ޕާލީ ފޯ ދަ އޯޝަންސް އިންނެވެ.
މިކޯޓް ލޯންޗު ކުރުމުގެ ގޮތުން އޮސްޓްރޭލިއާގެ ލެޖެންޑަރީ ފެތުންތެރިޔާ އިއަން ތޯޕް އާއި ކެނޯ ދުއްވުންތެރިޔާ ޖެސް ފޮކްސް އަދި ރަގްބީ ލީގުގެ ކުޅުންތެރިޔާ ނޭތަން ކްލިއަރީ އާއި މޮޑެލް ސްޓެފް ކްލޭއާ ސްމިތު ވަނީ ކޯޓުގައި މިކްސްޑް ޑަބަލްސްގެ ގޭމެއް ކުޅެފަ އެވެ. އަދި މި މެޗުގައި ކުޅެން ބޭނުންކުރި ހުރިހާ ބޯޅައެއް ވެސް ފެނުން ނަގާފައިވާ ކަމަށް އެޑިޑާސް އިން ވަނީ ބުނެފައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން