އިޓާލިއަން ލީގުގައި އިއްޔެ އަމިއްލަ ދަނޑުގައި ހެލަސް ވެރޯނާ އަތުން 1-2 އިން ހޯދީ މޮޅާއެކު އިންޓަ މިލާނުން ތާވަލްގެ އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
މި ނަތީޖާއާއެކު އިންޓަ އެއްވަނައިގައި އޮތީ ކުޅުނު 19 މެޗުން 48 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެވަނައިގައި ޔުވެންޓަސް އަށް 18 މެޗުން 43 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ހަތް ޕޮއިންޓް ފަހަތުން ތިންވަނައިގައި އޮތީ އޭސީ މިލާނެވެ. ހަތަރުވަނައިގައި އޮތް ފިއޮރެންޓީނާ އަށް 19 މެޗުން ލިބިފައިވަނީ 33 ޕޮއިންޓެވެ.
އިންޓަގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން 13 ވަނަ މިނެޓުގައި އެ ޓީމުން ލީޑްނެގީ ކެޕްޓަން، ލަޓާރޯ މާޓިނޭޒް ވައްދާލި ލަނޑުންނެވެ. މިއީ އެ ޓީމުގެ ހެންރިކް މިކިތާރްޔަން އާއި މާކަސް ތުރާމް ގުޅިގެން އުފެއްދި އެޓޭކަކުން މާޓިނޭޒް ކާމިޔާބުކުރި ގޯލެކެވެ.
ވެރޯނާ އިން އެއްވަރުކުރި ލަނޑު، 74 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތޯމަސް އޮންރީ އެވެ. އޭގެފަހުން، މެޗުގެ އިތުރުވަގުތުގެ ތިންވަނަ މިނެޓުގައި އިންޓަ އަށް އަލުން ލީޑްނަގައިދިނީ ޑެވިޑޭ ފްރަޓޭސީ އެވެ. އަދި އޭގެފަހުން، އިންޓަގެ ލީޑް ފުޅާކޮށްދޭން ނިކޮލޯ ބަރެއްލާ ދިން ބޯޅައަކުން އަލެކްސިސް ސަންޗޭޒް ފޮނުވާލަން މަސައްކަތްކުރި ހަމަލާ ވެރޯނާގެ ކުޅުންތެރިން ވަނީ ސަލާމަތްކޮށްފައެވެ.
އިތުރުވަގުތުގައި ވެރޯނާގެ ޑާކޯ ލަޒޮވިޗް އަށް ސީދާ ރަތެއް ދެއްކުމުން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ އެ ޓީމަށް މެޗު ނިމެން ދަނިކޮށް ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެއް އޮންރީ ފޮނުވާލުމުން އަމާޒުވީ ގޯލްގެ އަރިމަތީދަނޑިއަށެވެ. އަދި އެ ބޯޅަ ދެވަނަ ފަހަރަށް މައިކަލް ފޮލޮރުންޝޯ ފޮނުވާލުމުން ދިޔައީ ދަނޑިކައިރިން ބޭރަށެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން