ނައިންޓީ ޕްލަސް ގޯލްޑް ކަޕްގައި ރޭ އައްޑޫ ސިޓީ 2-0 އިން ބަލިކޮށް، ބ. އޭދަފުށިން ޗެމްޕިއަންކަން ހޯދައިފިއެވެ.

ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު އެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އޭދަފުށިން ލީޑު ނެގީ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް މުޙައްމަދު ފާސިރު (ފާއްޓޭ) ކާމިޔާބުކުރި ލަނޑުންނެވެ. 

އޭދަފުށިން މި މެޗުގައި ޖެހި ފަހު ލަނޑު، 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ.

ފައިނަލް މެޗަށްފަހު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޗެމްޕިއަންކަން އޭދަފުށީ ޓީމަށް މެޑެއްޔާއި ޓްރޮފީ ހަވާލުކޮށްދެެއްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފައިނަލް މެޗުގައި ދެ ޓީމުން ބޭނުންކުރި "މެޗުބޯޅައިގައި" ސޮއިކުރައްވާފައެވެ.

މެޗަށްފަހު މުބާރާތުގެ ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް އިނާމުދިންއިރު، އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އޭދަފުށީގެ ފާއްޓޭ އެވެ. 

އެންމެ މޮޅު ގޯލްކީޕަރަކަށް އޭދަފުށީގެ ކީޕަރު، ޒީޔަޒަން ހޮވުނުއިރު، މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އަށް ދޭ ރަންބޫޓު ހާސިލްކުރީ ދ. މީދޫގެ އިބްރާހިމް އިމްރާން އާއި ފުވައްމުލަކު ސިޓީގެ ބިދޭސީ ފޯވާޑް، ކޯފީ އޮވޫސޫ އެވެ. މި ދެ ކުޅުންތެރިން ވެސް ވަނީ މުބާރާތުގައި އަށް ލަނޑުޖަހައިފައެވެ.