ބ.ކެންދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ކެންދޫ ފުޓްބޯލް ޗެލެންޖު 2024ގެ ފަސްވަނަ މެޗު އެފް.ސީ ވެންގާޑުން ކާމިޔާބުކޮށްފިއެވެ. މި މެޗުގައި ބައްދަލު ކުރީ އެފް.ސީ ވެންގާޑާއި ހޭޅިއެވެ.

2-4 ގެ ނަތީޖާ އަކުން މި މެޗު އެފް.ސީ ވެންގާޑު ކާމިޔާބު ކުރި އިރު، މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 ގެ ނަތީޖާ އަކުން އެއްވަރު ވެގެންނެވެ. އެފް.ސީ ވެންގާޑަކީ ކެންދޫ ކައުންސިލް ފުޓުބޯޅަ މުބާރާތްތަކުގައި އެއްމެ ކާމިޔާބު ޓީމެވެ. ހޭޅި ފާހަގަ ކުރެވެނީ މި މުބާރާތުގައި ވާދަކުރާ އެއްމެ ހަގު ޓީމުގެ ގޮތުގައެވެ. މުބާރާތުގެ ގަދަ ބާރަކާއި ދެކޮޅަށް ހޭޅިން ދެއްކި މޮޅު ކުޅުމަށް ގިނަބައެއްގެ ތައުރީފު އަންނަނީ ލިބެމުންނެވެ. 

މި މެޗުގައި މޮޅު ކުޅުމެއް ދައްކާ، މެޗުގެ އެއްމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ އެފް.ސީ ވެންގާޑުގެ ޖާޒީ ނަންބަރ 17، އަބްދު ﷲ ޔާމިން އެވެ. މީގެ ކުރިން އެފް.ސީ ވެންގާޑު ކުޅުނު މެޗުގައިވެސް މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވެސް އަބްދު ﷲ ޔާމިން އެވެ. މި މޮޅާއި އެކު އެފް.ސީ ވެންގާޑަށް މި ވަނީ ޖުމުލަ 6 ޕޮއިންޓު ލިބި، ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުވެފައެވެ.

މިއަދުވެސް މި މުބާރާތުގެ ކުޅުން އޮންނާނެއެވެ. މިއަދު އޮންނަަނީ ގުރޫޕު އޭ ގެ ހަތަރުވަނަ މެޗެވެ. މި މެޗުގައި ބައްދަލު ކުރާނީ އެފް.ސީ ރައިވަލްސް އަދި ބީ.އެލް.ޓީ އެވެ. މި ދެޓީމު ވަނީ މީގެ ކުރިން ކުޅުނު ދެ މެޗުންވެސް ބަލިވެފައެވެ. މިއަދު ހަވީރު 16:00ގައި މި މެޗުގެ ކުޅުން ކެންދޫ ރަސްމީ ފުޓުބޯޅަ ދަނޑުގައި އޮންނާނެއެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ތީރުމީޑިއާއެވެ. ކޯ ސްޕޮންސަރަކީ ފްލާވަރ ބޯއްޓެވެ. އަދި ކޯ ޕާޓްނަރުންގެ ގޮތުގައި ތަނބިވަށް، ނަޔަމް ޓްރޭޑާސް، ސީކް ޖަމުއިއްޔާ، ކެންދޫ ޒުވާނުންގެ ގުޅުން، ދޯނި މޯލްޑިވްސް، މުރާދު ކާޕެންޓްރީ، އަނަންތާރާ ކިހަވަށް އަދި ދިރާގު ހިމެނެއެވެ.