ޔުއެފާ ޔުރޮޕާ ލީގުގެ ފައިނަލްގައި ރޭ ޕެނަލްޓީ ޝޫޓްއައުޓްގައި 11-10 އިން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދައި ފުރަތަމަ ފަހަރަށް އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މިއީ އެ ޓީމުން ޔޫރަޕްގެ ބޮޑު މުބާރާތެއްގެ ފައިނަލްގައި ވާދަކުރި ފުރަތަމަ ފަހަރެވެ. އަދި މި ފަހަރުގެ ސީޒަނުގައި ސްޕެނިޝް ލީގުގެ ހަތްވަނައިގައި ނިންމާލަން ޖެހުމުން ރޭގެ މެޗު ކާމިޔާބުކޮށް އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުޞަތު ލިބުމުން މި ކާމިޔާބީ އިތުރަށް ހާއްސަވެފައިވެއެވެ.

ޕޯލެންޑްގެ އުތުރުގައި އޮންނަ ޑަންސްކްގައި ރޭ ކުޅުނު މި މެޗުގެ 45 މިނެޓުގެ ދެ ހާފުގެ އިތުރުން އިތުރުވަގުތުގެ 15 މިނެޓުގެ ދެ ހާފު ނިމުނުއިރުވެސް ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފައެވެ. މި މެޗުގައި ދެ ޓީމުގެ 11 ކުޅުންތެރިން ޕެނަލްޓީ ފޮނުވާލިއިރު ނާކާމިޔާބުވީ އެންމެ ޕެނަލްޓީއެކެވެ. އެއީ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެ ހެއާ ފޮނުވާލި ޕެނަލްޓީއެވެ. މި ޕެނަލްޓީ ވިޔަރެއާލްގެ އާޖެންޓީނާ ކީޕަރު ޖެރޮނީމޯ ރޫލީ މަތަކުރިއެވެ.

ރޭގެ މެޗު ފެށިގެން 29 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ ވިޔަރެއާލުންނެވެ. ސްޕެއިނުގެ ގައުމީ ޓީމުގެ ފޯވާޑް ޖެރާޑް މޮރޭނޯ މިލަނޑުޖަހައިދިނީ ޑަނީ ޕަރޭހޯ ފޮނުވާލި ހިލޭޖެހުމަކުން ލިބުނު ބޯޅައަކުންނެވެ. މި ހާފުގައި ޔުނައިޓެޑަށް ލަނޑުޖަހާނެ މާރަނގަޅު ފުރުޞަތުތަކެއް ތަނަވަސްކުރެވިފައެއްނުވެއެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން 10 ވަރަކަށް މިނެޓުގެ ތެރޭގައި ޔުނައިޓެޑްގެ ސްކޮޓްލެންޑް މިޑްފީލްޑަރު ސްކޮޓް މެކްޓޮމިނޭ ދިން ބޯޅައަކުން އުރުގުއޭގެ އިތުބާރު ފޯވާޑް އެޑިންސަން ކަވާނީ ވަނީ ނަތީޖާ 1-1 އަށް ބަދަލުކޮށްލާފައެވެ. އޭގެފަހުން، ދެ ޓީމަށް ވެސް އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާ ކުރެވިފައެއްނުވެއެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ވިޔަރެއާލުން ފޮނުވާލި ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކުރިއެވެ. އެ ޓީމުގެ ޕެނަލްޓީތައް ފޮނުވާލި؛ މޮރޭނޯ، ޑަނީ ރާބާ، ޕަކޯ އަލްކަސާ، އަލްބާޓޯ މޮރޭނޯ، ޕަރޭހޯ، މޮއީ ގޮމެޒް، ރައުލް އަލްބިއޯލް، ފްރެންސިސް ކޮކެލިން، މާރިއޯ ގަސްޕާ އާއި ޕައު ޓޮރޭޒް އަދި ރޫލީ އެވެ.

ޔުނައިޓެޑުން ވައްދާލި 10 ޕެނަލްޓީ ކާމިޔާބުކޮށްދިނީ؛ ހުއާން މަޓާ، އަލެކްސް ޓެލެސް، ބްރޫނޯ ފެނާންޑޭސް، މާކަސް ރަޝްފޯޑް، ކަވާނީ، ފްރެޑް، ޑެނިއެލް ޖޭމްސް، ލޫކް ޝޯ އާއި އެކްސެލް ޓުއަންޒޭބޭ އަދި ވިކްޓަ ލިންޑެލޯފް އެވެ. އެ ޓީމުން ފޮނުވާލި 11 ވަނަ ޕެނަލްޓީ ޑެ ހެއާ ފޮނުވާލުމުން ވިޔަރެއާލްގެ ކީޕަރު ރޫލީ މަތަކުރިއެވެ.

މިއީ ވިޔަރެއާލަށް އިރުޝާދު ދެމުން އަންނަ އުނާއި އެމެރީގެ ކޯޗިން ކެރިއަރުގައި ޔުރޮޕާ ލީގު ކާމިޔާބުކުރި ހަތަރުވަނަ ފަހަރެވެ. މިއާއެކު އޭނާ ވަނީ ޔޫރަޕްގެ ބޮޑު މުބާރާތެއްގެ ހަތަރު ތަށި ކާމިޔާބުކުރި ހަތަރުވަނަ ކޯޗުގެ ޝަރަފު ހޯދާފައެވެ. މީގެކުރީން، ހޯސޭ މޮރީނިއޯ އާއި ބޮބް ޕެއިސްލީ އަދި ޖިއޮވާނީ ޓްރައްޕަޓޯނީ ވަނީ ހަތަރު މުބާރާތެއްގެ ތަށި އުފުލާލައިފައެވެ.

މީގެއިތުރުން، ޔުނައިޓެޑްގެ ކޯޗުކަމާ 2018 ވަނަ އަހަރުގެ ޑިސެންބަރު މަހު ހަވާލުވި އޮލެ ގުނަ ސޯލްޝެއާގެ އިރުޝާދުގެ ދަށުން އެ ޓީމު ވަނީ ހަތަރު ފަހަރެއްގެ މަތީން ސެމީ ފައިނަލުގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައެވެ.

އަދި ރޭގެ މެޗަކީ ފައިނަލެއްގައި ޔުނައިޓެޑް ގޮވައިގެން ސޯލްޝެއާ ނިކުތް ފުރަތަމަ ފަހަރެވެ. ޔުނައިޓެޑަށް މިދިޔަ އަހަރުގެ ޔުރޮޕާ ލީގު ނިންމާލަން ޖެހުނީ ސެމީއާ ހިސާބުންނެވެ. އެ ފަހަރު ބަލިވި ސްޕެއިނުގެ ކްލަބެއް ކަމަށްވާ ސެވިއްޔާ އަތުންނެވެ. މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކުރީ ވެސް އެ ޓީމުންނެވެ.