ޗުއްޓީ ހޭދަކޮށްލަން ދާނެ ތަނަކާއި މެދު ވިސްނަމުންދާއިރު، ދާނީ ބާލީގެ ބީޗްތަކަށްތޯ، ނުވަތަ ވެނިސްގެ ރީތި ކެނަލްތަކުގަ ދުއްވާލަންތޯ ވިސްނުން ހުއްޓާލަން ވީވަގުތު މިވަނީ ކައިރިވެފައެވެ. މުސްތަގުބަލުގައި ޗުއްޓީ ހޭދަކޮށްލަން ޖައްވަށް ގޮސްލަން ދަތުރު ރާވާލަން ފުރުސަތު ލިބެން މިވަނީ މަގުފަހިވެފައެވެ. ޖައްވުގައި ތައްޔާރުކުރާ ފުރަތަމަ ހޮޓެލް 2027 ގައި ހުޅުވަން ޝެޑިއުލްކޮށް އެކަން ވަނީ އާންމުކޮށްފައެވެ.
ކެލިފޯނިއާގެ ކުންފުންޏެއް ކަމުގައިވާ ގޭޓްވޭ ފައުންޑޭޝާނުންވަނީ ކްރޫޒް ޝިޕް ޒާތުގެ ޖައްވީ ހޮޓަލެއް ތައްޔާރުކުރުމުގެ ވިސްނުންތަކެއް 2019 ވަނައަހަރުވެސް އާންމުކޮށްފައެވެ. މިހުވަފެން ހަގީގަތަކަށް ހެދުމުގެ މަސައްކަތް ފަށާ އެކަން ހާމަ ކުރުމުގެ ގޮތުން ސީއެންއެން އަށް ދިން އިންޓަރވިއުގައި އޯބިޓަލް އެސެމްބްލީ ކޯޕަރޭޝަނުގެ ފަރާތުން ޖޯން ބްލިންކޯ ބުނެފައިވަނީ ޖައްވުގައި ތައްޔާރުކުރާ މިހޮޓަލަކީ 280 ގެސްޓުން އަދި 112 ކްރޫއިންގެ ޖާގަ އެކުލެވޭ ހޮޓަލެއް ކަމަށެވެ. 

ވޮޔޭގަރ ސްޓޭޝަން ގެ ނަމުން ނަންދިނުމަށް ނިންމާފައިވާ މިހޮޓެލްގެ މަސައްކަތްތައް ވަރަށް ހަލުވިކަމާއިއެކު ކުރަމުން ގެންދާކަމަށް ބްލިންކޯ ވަނީ ހާމަ ކޮށްފައެވެ. ޖައްވުގައި ޓުއަރިޒަމްގެ މަސައްކަތް ކުރުމަށް އިލޯން މަސްކް އަދި ރިޗަރޑް ބްރެންސަން ފަދަ މަހުޖަނުން ކުރަމުން އަންނައިރު، މިހޮޓެލް ހެދުމަށް މުސްތަގުބަލްގައި ޕަރޓްނަރޝިޕް ހެދުމަކީ އެކަށީގެންވާ ކަމެއްކަމަށް ވެސް ބްލިންކޯ ވަނީ ހާމަކޮށްފައެވެ. 
މީގެކުރިން ޕައިލެޓެެއްގެ ވަޒީފާ އަދާކޮށްފައިވާ ބްލިންކޯ ބުނެފައިވަނީ މިފަދަ ހޮޓެލް އެއް ތައްޔާރު ކުރުމަށް ބޭނުންކުރާނެ ފިޒިކްސް އަކީ ބާލިދީ އަކަށް ފެން އަޅައިގެން އެންބުރުމުން ފެނިގެންދާފަދަ ފިޒިކްސްއެކެވެ. ފެންތަށް ބަންޑުން ނުވެ ބާލިދީގައި ހިފެހެއްޓޭފަދައިން މިފަދަ ގޮތަކަށް ގްރެވިޓީގެ ބޭނުން އަލަށް ހަދާ ހޮޓަލްގައި ބޭނުން  ކުރުމުގެ ހިޔާލް އެބަހުރިކަމަށެވެ. 
 ޖައްވުގައި އުޅޭ އިރު ބަރުދަން ލުއިކަމުގެ އިހުސާސް ތައް ކުރެވިގެންދާނެތީ މިއީ ތަފާޓު ތަޖުރިބާއަކަށް ވާނެކަމަށް މިކުންފުނިން ގަބޫލްކުރެއެވެ. މިހޮޓެލްގައި ކެއުމަށް ޖައްވާއި ގުޅޭ ފްރީޒް ޑްރައިޑް އައިސް ކްރީމް ގެ އިތުރުން ޖައްވީ ސެޓޭޝަން ތަކުގައި ކެއުމަށް ބޭނުންކުރަން ހާއްސަ ކޮށް ތައްޔާރުކުރާ ކާބޯތަކެތި ލިބެން ހުންނާނެއެވެ. އޭގެ އިތުރުން ބާސްކެޓް ބޯލް ފަދަ ކުޅިވަރުވެސް ކުޅެވެން ހުންނާޏެ ކަމަށް ވަނީ ބުނެފައެވެ. އަދި ޖައްވު ތެރެ ބަލާލަން އިށީދެލާނެ ޑެކްތަކާޢި، ރެސްޓޯރެންޓް ގެ އިތުރުން އަރާމް ކޮޓަރި ތަކެއް ވެސް އެކުލެވޭނެ ކަމަށް ވަނީ ހާމަކޮށްފައެވެ .