ދަތުރުކޮށްލާ ހިތްހަމަ ޖައްސާލަން އެދޭ މީހުންނަށް ވަރަށްގިނަ ފުރުސަތުތައް މި ދުނިޔޭގައި އޮތީ ފަހިވެފައެވެ. އެހެނެއްކަމަކު އެއިން ކޮންމެ ފުރުސަތަކީ ކޮންމެ ކޮންމެ މީހަކަށް ހޯދައިގަނެވޭނެ ފުރުސަތުތަކެއް ނޫނެވެ. އާއްމުންގެ އާދައިގެ މީހަކަށް ހޯދެން އޮތީ އަތްފޯރާފަށުގެ ދަތުރުތަކެވެ. ނުވަތަ މަންޒިލްތަކެވެ. އެގޮތުން އަވައްޓެރި ސްރީލަންކާ އަކީ އެފަދަ އެއް މަންޒިލެވެ.

ސްރީލަންކާގެ ނުވަރަ އެލިޔާ އަކީ ދަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. ރާއްޖޭގެ ބައެއް ރަށްރަށަށް "ކުޑަ މާލެ" ކިޔާހެން ނުވަރަ އެލިޔާއަށް "ކުޑަ އިނގިރޭސި ވިލާތޭ" ކިޔާ އުޅެއެވެ.

ނުވަރަ އެލިޔާއަށް ގިނަ ބައެއްގެ ޝައުގުވެރިކަން ހުއްޓެނީ އެތަނުގައި ހުންނަ ޝައުގުވެރި ކުރުވާ ބައެއް ތަންތަނާ ކަންކަމުގެ ސަބަބުނެވެ. އެގޮތުން އެއީ ސައިފަތް ދަނޑުތަކުން މުއްސަނދި ވެފައިވާ ސަރަހައްދެކެވެ. ފެހި ކުލައިގެ ފަރުބަދަ މަތީ މި ސަރަހައްދުގައި ގިނަ އަދަދެއްގެ ސައިފަތް ދަނޑުތައް ހުރެއެވެ. މީގެ އިތުރުން ހޯޓޮން ޕްލެއިންސް ނެޝަނަލް ޕާކް ވެސް ހުންނަނީ މި ސަރަހައްދުގައެވެ. މިއީ އެ މަންޒިލެއްގެ ތެރޭގައި ހިނގާލާ، ދުއްވާލާ އަދި ބަލާލަން ރީތި ހިތްގައިމު މަންޒިލެކެވެ. ގަސްގަހާހެގީގެ އެކި ބާވަތްތަކުން މި ސަރަހައްދުވަނީ ޒީނަތްތެރި ވެފައެވެ.

ސްރީލަންކާގެ ނުވަރަ އެލިޔާ އަކީ ވޯޓާ ފޯލްސްތައް ގިނަ ސަރަހައްދެކެވެ. ފަރުބަދަތަކުގެ މަތިން ފައިބައިގެން އަންނަ ފެންތައް، ފައިބާ ތަނާއި އެފެންތައް ދައުރުވާ ކޯރުތަކާ ކުޅިތައް މި ސަރަހައްދުގައި ފެންނަން ހުރެއެވެ. މިއީ ބަލައިލަން ރީތި ހިތްގައުމު މަންޒަރުތަކެކެވެ.

ގްރެގޮރީ ފެންގަނޑޭ ކިޔާ ބޮޑު ފެންގަނޑެއް މި ސަރަހައްދުގައި ވެއެވެ. ފެންގަނޑުގެ ވަށައިގެން ބޮޑެތި ފެހި ގަސްތައް ހެދިފައި ހުންނައިރު މިއީ ގުދުރަތްތެރިކަމުގެ ރީތި މަންޒަރެކެވެ. އަދި މި ފެންގަނޑުގައި ބޯޓު ދުއްވާލާ، މަންޒަރު ބަލާލުމަކީ ގިނަ ފަތުރުވެރިން ކޮށް އުޅޭ ކަމެކެވެ. މީގެ އިތުރުން ސްޓޯބެރީ ދަނޑުތަކަކީ މި ސަރަހައްދުގައި ފެންނަން ހުންނަ ތަންތަނެވެ. އަދި އަމިއްލަ މީހުންގެ އެހެނިހެން ދަނޑުބިންތަކާއި ވިޔަފާރި ކުރާނޭ މާރުކޭޓުތައްވެސް މި ސަރަހައްދުގައި ހުރެއެވެ. އަދި އަހަށް ސަވާރުވެ، އަސް ދުއްވުމުގެ ފުރުސަތަކީވެސް ގިނަ ދަތުރުވެރިން ތަޖުރިބާކޮށްލަން ބޭނުންވާ ފުރުސަތެކެވެ.

ދެ ފިޔަވައްސަކަށް އިމާާރާތްކޮށްފައިވާ ބޮޑު ހޮސްޕިޓަލެއްވެސް މި ސަރަހައްދުގައި ހުރެއެވެ. ނުވަރަ އެލިޔާ އަށް ޒިޔާރަތްކުރާ ފަރާތްތަކަށް ސިއްހީ އެހީތެރިކަމާ ފަރުވާ ހޯދުމަށް ގިނަ ބަޔަކު މި ހޮސްޕިޓަލަށް ގޮސް ހަދައެވެ. އެހެންކަމުން ނުވަރަ އެލިޔާ ފާހަގަވެފައިވަނީ ފަތުރުވެރިންގެ ސިއްހީ ކަންކަމުގައިވެސް ފަރުވާހޯދަން ފަސޭހަ މަންޒިލަކަށެވެ.

އާއްމު ދިވެހިންގެ ލުއި ބަޖެޓުތަކަށް މިފަދަ މަންޒިލް ތަކަކީ ފުރިހަމަ ރީތި މަންޒިލް ތަކެކެވެ. ބޮޑު ހަރަދުކޮށްގެން ސްވިޒަލޭންޑަށް، އައިސްލޭންޑަށް ދިއުން އެއީ ބޭކާރު ކަންކަމެވެ. ނުވަރަ އެލިޔާ އިންވެސް ފެންނަނީ ހަމަ ހިތްގައިމު ގުދުރަތީ ރީތި މަންޒަރުތަކެވެ.