ކުރިއަށް މިއޮތީ ފިޠުރު ޢީދެވެ. އެހެން ބަންދު ތަކެކޭ އެއް ފަދައިން ފިޠުރު ޢީދު ބަންދުގައިވެސް ގިނަ ބަޔަކު އެކި ތަންތަނަށް ދަތުރުފަތުރު ކޮށް އުޅެއެވެ. މި ދުވަސްވަރަކީ ވައްކަމުގެމައްސަލަތައް އިތުރުވެފައިވާ ދުވަސްވަރެއް ކަމުން ރަށުން ބޭރަށް ދަތުރު ކުރާނަމަ ތިރީގައި މިވާ ކަންކަމަށް ސަމާލު ވެލައްވާށެވެ.
1. ގެ ރަނގަޅަށް ތަޅުލުން.
ރަށުން ބޭރަށް ދާއިރު އަބަދުވެސް ގޭތެރެ ރަނގަޅަށް ތަޅުލާފައި ހުރިތޯ ބަލަން ވާނެއެވެ. އަދި ގާތް މީހަކަށް ގޭތެރެ ބަލާލުމަށް ގޭގެ ތަޅުދަނޑި ހަވާލު ކޮށްލުންވެސް ރަނގަޅެވެ.
2. ގޭގައި ހުންނަ އަގުބޮޑެތި ތަކެތި ފަސޭހައިން ނުފެންނަ ގޮތަށް ފޮރުވުން.
ގޭގައި ހުންނަ އަގުބޮޑެތި ތަކެތި އަބަދުވެސް ބަހައްޓަން ޖެހޭނީ ރަނގަޅަށް ރައްކާ ކޮށްފައެވެ. ނަމަވެސް ގޭގައި ގިނަ ދުވަހަށް ނޫޅޭނެ ނަމަ އެތަކެތި ރަނގަޅަށް ފޮރުވާފައި ބެހެއްޓުމަށް އިތުރު ސަމާލު ކަމެއް ދޭންވާނެއެވެ.
3. ގޭތެރެ އެއްކޮށް އަނދިރި ކޮށްނުލާ އެއް ބޮކި ދިއްލާފައި ބެހެއްޓުން.
ބޭރަށް ފެންނަ ގޮތަށް ކުޑަ ދޮރު ހުންނަ ގެއެއްނަމަ އެއްކޮށް އަނދިރި ކޮށްލުމުން ގޭގައި މީހުން ނޫޅޭކަން ވަރަށް ފަސޭހައިން ދެނެގަނެވޭނެއެވެ. އެހެން ކަމުން އެއް ބޮކި ދިއްލާފައި ބެހެއްޓުން ބުއްދިވެރިވާނެއެވެ.
4. ކަރަންޓު އެއްޗެހި ގުޅާފަ ހުންނަ ސުވިޗުތައް ނިއްވާލުން.
ކަރަންޓުގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު ކުޑަކުރުމަށް ގޭގައި ހުންނަ ޓީވީ، ރައިސް ކުކަރު، ކޮމްޕިއުޓަރު ފަދަ ތަކެތީގެ ސުވިޗު ނިއްވާލާފައި ރަށުން ބޭރަށްދިއުން ރަނގަޅެވެ. އަދި އޭގެ އިތުރުން ސުވިޗުތައް ނިއްވާލުމުން ކަރަންޓު ބިލުވެސް ކުޑަވާނެއެވެ.
5. އަވައްޓެރިއަކަށް ފޯނު ނަންބަރު ދީފައި ބޭއްވުން.
އަވައްޓެރިއަކަށް ފޯނު ނަންބަރު ދީފައި ދިޔުމުން ގެއަށް މީހަކު ވަންނަން މަސައްކަތް ކޮށް، ނުވަތަ އެހެން ކަމެއް ދިމާވިޔަސް ގުޅާލާފައި އަންގާލެވޭނެއެވެ.
6. ސައިކަލުގެ މަޑި ދަށުގައި އަގުހުރި ތަކެތި ނުބެހެއްޓުން.
ސައިކަލު ތަކުގެ މަޑިދަށުން ވައްކަން ކުރުން މީި ސައިކަލު ގެންގުޅޭ ފަރާތްތަކަށް އާ ކަމަކަށް ނުވާނެއެވެ. އެހެން ކަމުން ހަނދާނުގައި ބަހައްޓައިގެން މަޑި ދަށުގައި އެއްވެސް އަގު ހުރި އެއްޗެއްވާނަމަ ނަގަން ވާނެއެވެ.
7. ސައިކަލު ޕާކިންގ ޒޯނެއްގައި ޕާކުކޮށްފައި ބެހެއްޓުން.
ސައިކަލު ޕާކިންގ ޒޯނަކަށް ނުވާ ގޮތަށް ޕާކުކޮށްފައި ރަށުން ބޭރަށް ގޮއްސަ އަންނައިރު ފުލުހުން ޓޯ ކުރުން އެކަށީގެންވެއެވެ. ގިނަ ދުވަހަށް ރަށުން ބޭރަށް ދާނަމަ ސައިކަލު ގާތްމީހަކާއި ހަވާލުކުރުން ނުވަތަ ގާތްމީހަކާއި ހަވާލުކުރެވެން ނެތް ނަމަ، ޑިސްކު ލޮކެއް ފަދަ ތަޅަކުން ރަނގަޅަށް ތަޅުލުމުން ރައްކާތެރި ވާނެއެވެ.
8. މީސްމީޑިއާގައި ގޭގައި ނެތްކަން އެނގޭފަދަ އެއްޗެހި ޕޯސްޓު ނުކުރުން.
މީސް މީޑިއާގައި އުޅޭ ތަންތަން އެނގޭ ގޮތަށް އެއްޗެހި ޕޯސްޓު ކުރުމަކީ މި ޒަމާނުގައި ގިނަ ބަޔަކަށް ނޭނގިވިޔަސް ކުރެވޭ ވަރައް ނުރައްކާތެރި ކަމެކެވެ. އެންމެ ރައްކާތެރި ގޮތަކީ ދަތުރާއި ގުޅޭއެއްޗެހި ޕޯސްޓު ކުރަން ބޭނުންވާ ނަމަ ދަތުރު ނިންމާފައި އައިސް ކުރުމެވެ.
އުފާވެރި ޢީދު ބަންދެއް ހޭދަ ކޮށްފައި އެނބުރި ގެއަށް އަންނަ އިރު ގޭތެރޭގެ ހާލަތު ރަނގަޅަށް އޮތުމަކީ ހިތަށް ލިބޭނެ ހަމަޖެހުމެކެވެ. އަދި ދަތުރު ކުރާ އިރުގައި ހުރިހާ ގޮތަކުންވެސް ރައްކާތެރިވާން ސަމާލުކަން ދޭންވާނެއެވެ. އެގޮތުން، ފުރުމުގެ ކުރިން މޫސުން ބެލުމާއި ކަނޑު ދަތުރު ކުރާނަމަ ލައިފް ޖެކެޓު އެޅުން ވަރަށް މުހިންމެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން