ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ހިތްގައިމު މަންޒިލްތައް ވެއެވެ. ދަތުރުފަތުރު ކުރަން ޝައުގުވެރިކަން ހުނަން ފަރާތްތަކުން މިފަދަ މަންޒިލްތަކަށް ފާރަވެރި ވެއެވެ. އެގޮތުން ޖަޕާނުގެ މައުންޓް ފުޖީ ނަމަކަށް ކިޔާ ފަރުބަދައަކީ މިފަދަ ދަތުރުވެރިންގެ މެދުގައި ވަރަށް މަޝްހޫރު މަންޒިލެކެވެ. އަދި މިއީ މުޅި ދުނިޔޭގައިވެސް އެތަނަކަށް ބޮޑު މަޤުބޫލުކަމެއް ލިބިފައިވާ ތަނެކެވެ.

3776 މީޓަރު އުސް މި ފަރުބަދައަކީ ޖަޕާނުގައި ހުންނަ އެއްމެ އުސް ފަރުބަދައެވެ. މި ފަރުބަދަ އަކީ ޤަދީމީ ޒަމާނުއްސުރެ ޖަޕާނުގެ ރައްޔިތުން ހިމާޔަތްކޮށް ބަލަމުން އަންނަ ތަނެކެވެ. ފަރުބަދައިގެ މަތީ ކޮޅުގައި ވަކި ހިސާބަކަށް ސްނޯގެ ހުދުކުލައިގެ ސާލަކުން ފަރުދާވެފައި ވާއިރު އޭގެ ތިރިން ފަރުބަދައިގެ އަސްލު ކުލަ ކަޝްފުވާން ހުރެއެވެ. ޖަޕާނުގެ ރައްޔިތުން ޒަމާނުއްސުރެ ގަބޫލުކުރާ ގޮތުގައި މައުންޓް ފުޖީގެ މަތިން އިރު އަރައިގެން އަންނަ މަންޒަރަކީ ކޮންމެހެންވެސް ބަލައިލުން ރީތި ހިތްގައިމު މަންޒަރެކެވެ.

މައުންޓް ފުޖީގެ އެއްމެ ތިރި ހިސާބު، ބިމާއި ގުޅިފައިވާ ހިސާބު ހުންނަނީ ހަކޯނޭ ނަމަކަށް ކިޔާ ނޭޗާޕާކުގެ ތެރޭގައެވެ. މިސަރަހައްދުގައި ޤުދުރަތީ ރީތި އެތައް ކޯރުތަކާއި ފެންގަނޑުތަކާއި ކުޅިތައް ވެއެވެ. އަދި ޖަޕާނުގެ ތާރީހު ދައްކުވައިދޭ ޤަދީމީ އެތައް ބިނާއެއްވެސް މި ސަރަހައްދުގައި ވެއެވެ. ހޫނު މޫސުން ނިމި، ފިނި މޫސުން ފެށުމުގެ ކުރިން އަންނަ ޙަރީފު މޫސުމުގައި އެ ސަރައްދުގައި ހުންނަ ގަސްތަކުގެ ފަތްތަކަށް އަންނަމުން ދާނީ ތަފާތު އެކި ކުލަތަކެވެ. ރަތްކުލަ އާއި އޮރެންޖް އަދި ރީނދޫ ކުލައިގެ ބަގީޗާތަކެއް ފަދައިން ގަސްތައް ވެގެންދާއިރު، މަގުތަކުގައި ވެސް ވާނީ ހިކިގެން ފައިބާ، ހަމަ އެކުލަތަކުގެ ފަތްތަކުން ޖަރީވެފައެވެ.

ޖަޕާނަށް ޙަރީފު މޫސުން ބައްދަލު ކުރާނީ އިނގިރޭސި މަހުން ނޮވެންބަރ މަހާއި ޑިސެންބަރ ބަހުގައެވެ. އެހެންކަމުން މިދުވަސްވަރަކީ ވަރަށް ގިނަ ފަތުރުވެރިން ޖަޕާނަށް، ހާއްސަކޮށް މައުންޓް ފުޖީއަށް ޒިޔާރަތްކުރާ ދުވަސްވަރެކެވެ. ޖަޕާނުގެ ވެރިރަށް، ޓޯކްޔޯއަށް ދެވުމާއި އެކު، އެ ސަރަހައްދުން މައުންޓް ފުޖީ ދެކިލަން ދިއުމުގެ އިންތިޒާމުތައް ހަމަޖެހިގެން ދާނެއެވެ. މައުންޓް ފުޖީ އަކީ ފަތުރުވެރިންނާއި ދަތުރުވެރިންގެ މެދުގައި މަޝްހޫރު މަންޒިލެކެވެ. ހިސާބަކަށް ދިވެހިންވެސް ގޮސް އުޅޭ މަންޒިލެކެވެ. ނަމަވެސް މަންޒިލްގެ ދުރުކަމާއި ހިނގާ ހަރަދުގެ ބޮޑުކަމުން، ގިނަ ދިވެހިންގެ ޝައުގު މަންޓް ފުޖީއަކަށް ނުލިބެއެވެ.

ނޯޓް: މައުންޓް ފުޖީ އަކީ އަލިފާން ފަރުބަދައެކެވެ. އެ ފަރުބަދައިގައި ގޮވުމެއް ގޮވާފައިވަނީ މީގެ 300 އަހަރު ކުރިންނެވެ. އެ ފަރުބަދައިގެ ދިރާސާތައް ކޮންމެ ދުވަހަކު ކުރެވެމުން ދެއެވެ. އެއީ އެތަނަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި އެގައުމުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ. އެހެންކަމުން އެއީ އަލިފާންފަރުބަދައެއްކަމަކު، ޒިޔާރަތްކުރަން ޖެހިލުންވާންވީ މަންޒިލެއް ނޫނެވެ.