މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ދުވަސްވަރެވެ. ހުޅަނގު މޫސުމޭ ކިޔަނީ ހުޅަނގު ދެކުނުން ވައި ޖެހޭ ދުވަސްވަރަށެވެ. “ހުޅަނގު” މި ލަފުޒު އައިސްފައިވަނީ ސިންގަޅަ ބަހުގެ “ހުލަނގާ” މި ލަފުޒުންނެވެ. ހުލަނގާގެ މާނައަކީ ވައެވެ. ހުޅަނގު މޫސުމުގެ ދުވަސްތައް ފެށެނީ އޭޕްރީލް 8 ވަނަދުވަހުއެވެ. ނިމެނީ ޑިސެންބަރު 9 ވަނަދުވަހަށެވެ. މި ދެމެދުގައިވާ ދުވަސްތައް ޖުމްލަ 18 ބަޔަށް ބަހާފައިވެއެވެ. އެއީ ހުޅަނގު މޫސުމުގެ 18 ނަކަތެވެ. ހުޅަނގު މޫސުމުގެ ނަކަތްތަކަކީ އައްސިދަ، ބުރުނު، ކެތި، ރޯނު، މިއަހެލި، އަދަ، ފުނޯސް، ފުސް، އަހުލިހަ، މާ، ފުރަ، އުތުރަ، އަތަ، ހިތަ، ހެއި، ވިހާ، ނޮރަ، ދޮށަ އެވެ. 

މިހާރު ކުރިޔަށް މިދަނީ ހުޅަނގު މޫސުމުގެ ހަތަރުވަނަ ނަކަތެވެ. މި މޫސުމުގައި ގަދަވަޔާއެކު ވިއްސާރަކުރާނެއެވެ. މިއީ ދިވެހިންގެތެރޭގައި މަޝްހޫރު ޖޫންޖުލައިގެ ވިއްސާރަ ފެށޭ ނަކަތެވެ. ކަނޑުތައް ވަރަށް ގަދަވާނެއެވެ. ޢާންމުކޮށް ވައިޖެހޭނީ ހުޅަނގުންނެވެ. މި ނަކަތުގައި އެވްރެޖްގޮތެއްގައި 4.7 އިންޗިއަށް ވާރޭ ވެހޭނެއެވެ. ވައިޖެހޭނީ ގަޑިއަކު އެވްރެޖްކޮށް 24.08 ކިލޯމީޓަރުގެ ބާރުމިނުގައެވެ. އަވިދޭނީ އެވްރެޖްކޮށް 89.3 ގަޑިއިރުއެވެ. މި ނަކަތުގައި ވެސް މަސްވެރިކަން ދަށްވާނެއެވެ. ހިންދީން މި ނަކަތަށް ކިޔައި އުޅެނީ ރޯހިނީއެވެ. ޢަރަބިން ކިޔައި އުޅެނީ އައްދަބްރާންއެވެ. ސިންގަޅަބަހުން ކިޔަނީ ރެހެނާއެވެ.

ރާއްޖޭގެ މޫސުމާބެހޭ އިދާރާ (މެޓް އޮފީހުން) ދަނީ ކޮންމެ ދުވަހަކުވެސް މޫސުމާބެހޭ އެންމެފަހުގެ ޚަބަރުތައް އަދާހަމަކުރަމުންނެވެ. އެގޮތުން މިއަދު ހެނދުނު އެ އިދާރާއިންވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފައެވެ. ބޯކޮށް ވާރޭވެހި، ވައިގަދަވެ އަދި ކަނޑުތައް ގަދަވެ އުދައަރާނެކަމަށް ލަފާކުރެވޭތީ އުދައަރާނެކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން، ޚާއްޞަކޮށް ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސް ކޮށްފައެވެ. އެކަން އާންމުކޮށް އަންގާފައިވަނީ މިއަދުގެ އިރު އޮއްސުމާއިހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.

ކަން މިހެން ހުރިނަމަވެސް، އެކިއެކި ބޭނުންތަކުގައި ކަނޑުދަތުރު ކުރާކަން ފާހަގަކުރެވެއެވެ. ކަމާބެހޭ އިދާރާތަކުން ކިތަންމެ ވަރަކަށް އިރުޝާދު ދިނެއްކަމަކު، ކަނޑުމައްޗަށް އެރުމުގެ ސަބަބުން ވަރަށް ހިތާމަވެރި ހާދިސާތައް މިފަދަ ދުވަސްވަރުދަނީ ތަކުރާރުވަމުންނެވެ. ދޯނިފަހަރު ގެއްލުމާއި، އޮޔާ ދިޔުމާއި، އުޅަނދުފަހަރު ދިޔަވެ އަޑިޔަށް ދިޔުމާއި، މީހުންގެ ފުރާނައަށް ގެއްލުންވާފަދަ އެތައް ހާދިސާތަކެއް ދަނީ ހިނގަމުންނެވެ. 

ގަބޫލުކުރަން ޖެހޭ ހަގީގަތަކީ، ހިކިފަސްތަނެއްގައި ސަލާމަތުން ތިބެފައި ކަނޑުމައްޗަށް އަރަން މިދުވަސްވަރު ހެޔޮނުވާނެކަމެވެ. ކިތަންމެ ބޮޑު އަގެއް ކިޔަސް، ދަތުރުނުކޮށް އިހަށް މަޑުޖައްސާލާށެވެ. ސަލާމަތުން ތިބިއްޔާ ދަތުރުކުރެވިދާނެއެވެ. ރައްކާވެ ތިބިއްޔާ ދަތުރޭ އިހުތިބީން ބުނެފައިވަނީ މިހެންވެއެވެ. ލިބެން އޮތް މަންފާއަކަށް ނުވަތަ ފައިސާ ފޮއްޗަކަށް ފުރާނަ އަތްމައްޗަށް ލައިގެން ކުރާ އެންމެ ދަތުރަކުން މުޅި ދިރިއުޅުން އެފުށްމިފުށަށް ޖެހިދާނެއެވެ. އުމުރުދުވަހު އެއްކުރި ފައިސާއާއި އަގުބޮޑެތި މުދާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ފެނަށްވެދާނެއެވެ.