ފަތުރުވެރިންގެ މެދުގައި ނޭޕާލަކީވެސް މަގުބޫލު އެއް މަންޒިލެވެ. އޭޝިއާގެ ފަތުރުވެރިކަމުގައި ނޭޕާލަކީ ވަކި ފަހަތުގައި އުޅޭ ގައުމެއް ނޫނެވެ. ނޭޕާލަށް ދިއުމަކީ ސަގާފަތްތަކާއި، އަޖައިބު ކުރުވަނިވި ޤުދުރަތީ މަންޒަރުތަކާއި، އެކުވެރިކަމާއި މެހެމާންދަރީގެ ފުރިހަމަކަން ތަޖުރިބާ ކުރެވޭނެ ކަމެކެވެ. ނޭޕާލުގެ ހިމާލަޔާންގެ ބޮޑެތި ފަރުބަދަތަކުގައި ޕޮޚާރާ ކިޔާ ޚާއްޞަ މަންޒިލެއް ފާހަގަކޮށްލެވެއެވެ.

ޕޮޚާރާ އަކީ އުސް ފަރުބަދަތަކާއި އެ ފަރުބަދަތަކުގެ މަތީގައި ހެދިފައިވާ ފެންގަނޑުތަކުން ވަށާލެވިފައިވާ އަންނާޕޫރްނާ ސަރަހައްދުގައިވާ ސަރަހައްދެކެވެ. މިހާ އަމާން، ރީތި މަންޒިލެއް ނޭޕާލުން ހޯދުން އެއީ އުނދަގޫ ކަމެކެވެ. ސްނޯގެ ފަރުދާތަކުން ފަރުބަދަތައް ނިވާކުރަނީ ވިދާ ޖަވާހިރުތަކެއްގެ ސިފައިގައެވެ. މިއީ މި ސަރަހައްދުގައި ފާހަގަ ކޮށްލެވޭ ރީތި ކަމެކެވެ. މި ސަރަހައްދުގައި މި ހުންނަ ފެންގަނޑުގައި ދޯނިފަހަރު ދުއްވާލުމާ އެ ފެންގަނޑުތަކުގެ އައްސޭރީގައި ހުންނަ ކެފޭތަކުން ހިދުމަތް ހޯދުމަކީ ގިނަ ދަތުރުވެރިންނާ ފަތުރުވެރިން އުފަލާއެކު ހޯދާ ހިދުމަތްތަކެކެވެ.

ކަންކަން ތަޖުރިބާ ކުރުމަށް ލޯބިކުރާ މީހުންނަށް ޕޮޚާރާ އަކީ ފުރިހަމަ ފެށުމެކެވެ. ފަރުބަދައެއްގެ މަތީގެ ހިމޭން ކަމާއި ހަމަޖެހުމާ، މަޑުމައިތިރިކަމުގައި އެތައް ތަޖުރިބާއެއް މި ސަރަހައްދުން ހޯދިދާނެއެވެ.

ޕޮޚާރާގައި އަޅާ ކޮންމެ ފިޔަވަޅަކުން ނޭޕާލްގެ ސަގާފަތް ވަށައިގެން އިހުސާސް ކުރެވޭނެއެވެ. ތަފާތު ސަގާފަތްތަކާއި ޤުދުރަތީ މަންޒިލްތަކަށް ލޯބިކުރާ މީހުނަށް މިއީ ނިކަން ކަމުދާނެ މަންޒިލެކެވެ.