ދިވެހި ޕާސްޕޯޓުގައި މިހާރު ވިސާއާ ނުލައި 89 ގައުމަކަށް ދަތުރުކުރެވޭ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ހެންލީ އެންޑް ޕާޓްނާސް އިން އެންމެ ފަހުން ނެރުނު އަދަދުގައިވާގޮތުން، މިހާރު ދުނިޔޭގައި ދަތުރުފަތުރު ކުރަން އެންމެ ފަސޭހަ ޕާސްޕޯޓުތަކުގެ ރޭންކިންގައި ރާއްޖެ ހިމެނުނީ 63 ވަނައިގައެވެ. އެއީ ވިސާއާ ނުލާ 89 ގައުމަކަށް ދަތުރުކުރެވޭތީ އެވެ.

މި އަހަރުގެ ތިންވަނަ ކުއާޓާގެ މިހާ ހިސާބަށް އައިއިރު އެންމެ ފަހުން ނެރުނު އަދަދުގައި ހިމަނާފައިވާ ގައުމުތަކުގެ ރޭންކިންގެ އެންމެ ކުރީގައި އުޅެނީ ޖަޕާނެވެ. އެގޮތުން، ޖަޕާން ޕާސްޕޯޓުގައި ދުނިޔޭގެ 193 ގައުމަކަށް ވިސާއާ ނުލައި ދަތުރުކުރެވެ އެވެ.

އެންމެ ފަހުގެ ރޭންކިންގެ ދެވަނައިގައި ދެކުނު ކޮރެއާ އާއި ސިންގަޕޫރު ހިމެނުނީ ދުނިޔޭގެ 192 ގައުމަކަށް ވިސާއާ ނުލައި ދަތުރުކުރެވޭތީ އެވެ. ތިންވަނައިގައި އޮތީ ސްޕެއިނާއި ޖަރުމަނެވެ. މި ދެ ޕާސްޕޯޓުގައި ދުނިޔޭގެ 190 ގައުމަކަށް ވިސާއާ ނުލާ ދަތުރުކުރެވެ އެވެ.

މި އަހަރުގެ ކުރީކޮޅު ނެރުނު އަދަދެކޭ އެއްގޮތަށް އެންމެ ފަހުގެ ރޭންކުގެ އެންމެ ފުލުގައި އުޅެނީ އަފްގާނިސްތާން އެވެ. އެ ގައުމުގެ ޕާސްޕޯޓުގައި ވިސާއާ ނުލާ ދަތުރުކުރެވެނީ އެންމެ 27 ގައުމަކަށެވެ.

ގްލޯބަލް ޕާސްޕޯޓް ރޭންކިން ގަދަ 10:

(1) ޖަޕާން: މި ގައުމުގެ ޕާސްޕޯޓެއްގައި ދުނިޔޭގެ ތަފާތު 193 ގައުމަކަށް ވިސާއާ ނުލާ ދަތުރުކުރެވޭ

އޮސާކާ ކާސަލް، ޖަޕާން.

 

(2) ދެކުނު ކޮރެއާ އާއި ސިންގަޕޫރު: މި ދެ ގައުމުގެ ޕާސްޕޯޓުގައި ދުނިޔޭގެ 192 ގައުމަކަށް ދަތުރުކުރެވޭނެ

ސިންގަޕޫރު


(3) ސްޕެއިނާއި ޖަރުމަން: މި ދެ ގައުމުގެ ރައްޔިތުންނަށް ދުނިޔޭގެ 190 ގައުމަކަށް ދަތުރުކުރެވޭނެ

ބާލިން ސިޓީ ޕެލަސް، ޖަރުމަނު. --ފޮޓޯ: ގެޓީ އިމޭޖަސް

 

(4) ލަގްޒެމްބޯގް، އިޓަލީ އަދި ފިންލެންޑް: މި ތިން ގައުމުގެ ޕާސްޕޯޓުގައި 189 ގައުމަކަށް ދަތުރުކުރެވޭނެ

ފްލޮރެންސް، އިޓަލީ.

 

(5) ސްވިޑެން، ނެދަލެންޑްސް، ޑެންމާކް އަދި އޮސްޓްރިއާ: މި ހަތަރު ގައުމުގެ ރައްޔިތުންނަށް ދުނިޔޭގެ 188 ގައުމަކަށް ދަތުރުކުރެވޭނެ

ވިއެނާ، އޮސްޓްރިއާ.

 

(6) އިންގްލެންޑް، ޕޯޗުގަލް، އަޔާލެންޑް އަދި ފްރާންސް: މި ހަތަރު ގައުމުގެ ޕާސްޕޯޓުގައި ދުނިޔޭގެ 187 ގައުމަކަށް ދަތުރުކުރެވޭނެ

ލެއިރިއާ، ޕޯޗުގަލް.

 

(7) ނޯވޭ، ނިއު ޒީލެންޑް، ބެލްޖިއަމް އަދި އެމެރިކާ: މި ހަތަރު ގައުމުގެ ރައްޔިތުންނަށް ދުނިޔޭގެ 186 ގައުމަކަށް ދަތުރުކުރެވޭނެ

ބަސެލް، ސްވިޒަލެންޑް. --ފޮޓޯ: ގެޓީ އިމޭޖަސް


(8) މޯލްޓާ، ގްރީސް، ޗެކް ރިޕަބްލިކް، ކެނެޑާ އަދި އޮސްޓްރޭލިއާ: މި ފަސް ގައުމުގެ ޕާސްޕޯޓުގައި ދުނިޔޭގެ 185 ގައުމަކަށް ދަތުރުކުރެވޭނެ

ޕްރާގް، ޗެކް ރިޕަބްލިކް. --ފޮޓޯ: ގެޓީ އިމޭޖަސް


(9) ހަންގޭރީ: މި ގައުމުގެ ޕާސްޕޯޓުގައި 183 ގައުމަކަށް ދަތުރުކުރެވޭނެ

ބުޑަޕެސްޓް، ހަންގޭރީ.

 

(10) ޕޮލެންޑް، ލިތުއޭނިއާ އަދި ސްލޮވާކިއޭ: މި ތިން ގައުމުގެ ޕާސްޕޯޓުގައި 182 ގައުމަކަށް ދަތުރުކުރެވޭނެ

ކްރަކޯވް، ޕޮލެންޑް. 

މިހާރު 17 ވަރަކަށް އަހަރު ވެފައިވާ މި އިންޑެކްސްގެ އެންމެ ފަހު ކުއާޓާގެ އަދަދުގައި 199 ގައުމެއް ހިމެނޭއިރު، ތަފާތު 227 މަންޒިލެއް އެކުލެވިގެންވެއެވެ. 

ގައުމުތަކުން ކަނޑައަޅާ ދަތުރުފަތުރުކުރުމުގެ ސިޔާސަތުތަކަށް ބިނާކޮށް ވަގުތުން ވަގުތަށް ލިސްޓް އަޕްޑޭޓުވާ ގޮތަށް ހަދާފައިވާ މި ރޭންކިން ސިސްޓަމަކީ އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އޮތޯރިޓީ (އައިއޭޓީއޭ)ގެ އެހީތެރިކަމާއެކު ހެންލީ އެންޑް ޕާޓްނާސް އިން އެކުލަވާލަމުން އަންނަ އިންޑެކްސް އެކެވެ.

މިއީ، ދުރާލާ ވިސާ ނެގުމަކާ ނުލައި ޕާސްޕޯޓް ބޭނުންކޮށްގެން އެންމެ ގިނަ ގައުމުތަކަށް ދަތުރުކުރެވެނީ ކޮން ޕާސްޕޯޓަކުންތޯ ބަލައި ޕާސްޕޯޓުތައް ގިންތިކުރާ އިންޑެކްސް އެކެވެ.