އަހަރެމެންގެ ތެރެއިން ބައެއް މީހުންނީ ކަންކަން ތަޖުރިބާކޮށްލާ، ތަފާތު ތަންތަން ބަލައިލުމުގެ ޝައުގުވެރިކަން ވަރަށްބޮޑަށް ހުންނަ މީހުންނެވެ. ޗުއްޓީތަކާއި ދިމާކޮށް އަދި ބައެއްފަހަރު ކައިވެންޏަށްފަހު، "މާމުއިހަނދުވަރު" ދެކިލަންވެސް ވެސް މިފަދަ މަންޒިލްތައް ގިނަބަޔަކު އިހްތިޔާރު ކުރެއެވެ. އެގޮތުން ދިވެހި ރާއްޖެއިން ފުރައިގެން، ވައިގެ މަގުން ގާތްގަނޑަކަށް 4 ގަޑި އިރާއި 30 މިނެޓުގެ ދަތުރެއް ކޮށްލައިގެން ދެވޭ ދުބާއީ އަކީ އަހަރެމެންގެ ތެރޭގައި މަގުބޫލު މަންޒިލެކެވެ.

ދުބާއީގައި ބަލައިލަންދާނެ އެތައް ރީތި މަންޒިލްތަކެއް ވެއެވެ. އުމްރާނީ ތަރައްގީގައި ދުބާއީ އަކީ އަރާހުރި ހިސާބެކެވެ. ދުނިޔޭގެ އެއްމެ އުސް އިމާރާތް ކަމަށްވާ ބުރްޖް ހަލީފާވެސް ހުންނަނީ ދުބާއީގައެވެ. އަދި ފިއުޗާ މިއުޒިއަމްގެ ނަމުގައި ތަފާތު ފަރުމާއަކަށް އިމާރަތްކޮށްފައިވާ ދާރުލް އާސަރަކީ ދުރު ރާސްލާ ބޮޑު ފަލްސަފާތަކެއް އެތަނުގައި ހިއްސާކޮށްދޭ ތަނެކެވެ. މުސްތަގުބަލަށް ދުބާއީ ކުރާން ތަފާތު އުންމީދު ތަކުގެ ވާހަކަ އެތަނުން ކިޔައިދެއެވެ. ދުބާއީ ޑޮލްފިނޭރިއަމް އަކީ ކޯމަހުގެ ތަފާތު ހުނަރުތައް ދައްކުވައިފޭ ތަމްސީލު ފެސްޓިވަލެކެވެ.

ދުބާއީ އާއި މާ ދުރުނޫން ހިސާބެއްގައި އޮންނަ އަބޫދާބީ ގައިވެސް ތަފާތު އަޖައިބުކުރަނިމި މަންޒިލްތައް ވެއެވެ. ހައްތަހާވެސް އުމްރާނީގޮތުން ތަފާތު ތަންތަނެވެ. ޝެއިހް ޒައިދް މިސްކިތާއި ޤަސްރް އަލް ވަތަލް ޕެލަޒް މިގޮތުން ފާހަގަ ކޮށްލެވެއެވެ.

ދުބާއީގެ އިމާރާތް ތަކުގެ ޖާދޫގައި ޖެހުމަށްފަހު، ގުދުރަތީ ރީތި ހިތްގައިމު މަންޒިލެއްވެސް ދުބާއީގައި ވެއެވެ. އެއީ އަރަބިއަން ސަހަރާއެވެ. ރަތް-އޮރެންޖް ކުލައިގެ ހަނަފަސް ހިލަވެލިން އެކުލެވިގެންވާ ހަނަފަސް ބޮޑު ސަހަރާއެކެވެ. އިރުއޮށްސޭ ވަގުތު މި ސަހަރާއަށް ވެރިވެފައިވާ ރަތްކަމަކީ އަޖައިބެއްކަހަލަ ރީތި މަންޒަރެކެވެ. އަދި ޖެހޭ ވަޔާއި އެކު މި ސަހަރާގެ ތެރޭގައު ރާޅު ބާނިތަކެއް ފަދައިން ޖަމާވެފައިވާ ރަތްކުލައިގެ ބޮޑެތި ވެލި ފުނިތަކުގައިވެސް ވަނީ ޤުދުރަތީ ރީތިކަމެވެ. 

މި ހަނަފަސް ސަހަރާގައި ޖަމަލު އަދި އަސްފަދަ ޖަނަވާރަށް ސަވާރުވެ ދުއްވާލުމުގެ ފުރުސަތު ލިބެއެވެ. އަދި ސުރުމުތި ފަދަ ބާޒު އާއިލާގެ ދޫނި، އަތަށް އަރުވާ ފޮޓޯނެގުމުގެ ފުރުސަތުވެސް އޮވެއެވެ. މީގެ އިތުރުން ހަތަރު ފުރޮޅުލީ ސައިކަލެއްފަދަ އުޅަނދެއް ދުއްވުމުގެ ފުރުސަތުވެސް ލިބެއެވެ. އަދި ވޭނެއް ފަދަ އުޅަނދެއްގައި އެ އަނަފަސް ސަހަރާގެ ވެލީގެ އުސް ބާނިތަކުގެ ތެރޭގައި ދުއްވާ ހަދާނެއެވެ. މިއީވެސް ވަރަށް ތަފާތު ތަޖުރިބާއެކެވެ.

ތަފާތު ތަންތަން ބަލައިލާ ތަފާތު ތަޖުރިބާތައް ކޮށްލަން އެދޭ ފަރާތްތަކަށް، ޗުއްޓީހޭދަކޮށްލަން ދުބާއީވެސް މިއީ ހިތްގައިމު މަންޒިލެކެވެ. ނަމަވެސް ދުބާއީގެ ބައެއް ހިސާބުތަކުގައި ހިދުމަތްތަކާއި ތަކެތީގެ އަގުތައް ތަންކޮޅެއް ބޮޑުވެދާނެއެވެ. މިއީ ބައެއް މީހުން ދުބާއީ އިހްތިޔާރު ނުކުރާ ސަބަބެކެވެ. ކަންމިހެން ހުރިނަމަވެސް ދުބާއީ އަކީ ޗުއްޓީހޭދަކޮށްލަން ވަރަށްގިނަ މީހުން ދާން އުންމީދުކޮށްގެން ތިބި މަންޒިލެކެވެ.