ފެބްރުއަރީ 4 ވަނަ ދުވަހާއި ހަމައަށް 102107 ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތް ކުރިއިރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތް ކޮށްފައިވަނީ ރަޝިޔާ، އިންޑިޔާ އަދި ޔޫކްރޭން އިންނެވެ. މީގެ އިތުރުން ކަޒަގިސްތާން، ރޯމޭނިޔާ، ފްރާންސް، ޖާރްމަނީ، ޔޫކޭ، ޗެކް ރިޕަބްލިކް އަދި އެމެރިކާ ގެ ވަރަށް ގިނަ ފަތުރުވެރިން ވަނީ ދިވެހި ރާއްޖެއަށް ޒިޔާރާތްކޮށްފައިއެވެ. ފެބްރުއަރީ 1 ކުން  ފެބްރުއަރީ 4 އާއި ހަމައަށް 10004 ފަތުރުވެރިން ޒިޔާރަތް ކުރިއިރު އެއީ ދުވާލެއްގެ މައްޗަށް 2501 ފަތުރުވެރިންނެވެ.

2020 ވަނަ އަހަރުގެ ޖެނުއަރީ މަހު އެހެން އަހަރުތަކާއި ބަލާއި އިރު 14 އިންސައްތަ ފަތުރުވެރިން ގިނައިން ޒިޔާރާތް ކުރިކަމުގައި ވިޔަސް ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކުރަން ޖެހުމުން 2 މިލިއަން ފަތުރުވެރިން ގެ އަމާޒު ވަނީ ހާސިލް ނުވެވިފައިއެވެ.

ދިވެހިރާއްޖެ ވެގެން ގޮސްފައިވަނީ އެންމެ ފުރަތަމަ ބޯޑަރު ހުޅުވި ގައުމު ތަކުގެ ތެރެއިން އެއް ގައުމަށެވެ. އެގޮތުން ރާއްޖޭ ގެ ބޯޑަރު ހުޅުވާލެވުނީ 15 ޖުލައި 2020 ގައެވެ. ފަތުރުވެރިން ކަރަންޓީން ވާން ނުޖެހުނުކަމުގައިވި ނަމަވެސް ރާއްޖެ ޒިޔާރަތް ކުރުމުގެ 24 ގަޑިއިރުކުރިން ހެލްތް ޑިކްލަރޭސަން ފޯމެއް ފުރަންޖެހެއެވެ. މީގެ އިތުރުން 96 ގަޑިއިރު ވެފައިވާ ޕީސީއާރް ޓެސްޓެއް ވެސް ހުށަހަޅަން ޖެހެއެވެ.  

ރާއްޖެއިން 2020 ވަނަ އަހަރު ނިންމާލީ 500000 އަށް ވުރެން ގިނަ ފަތުރުވެރިންނާއި އެކުއެވެ. އަދި މިއަހަރު 100000 އަށް ވުރެން ގިނަ ފަތުރުވެރިން ޒިޔާރާތް ކޮށްފައިވެއެވެ.