އައިފިލްޓަވާރ ފަހަތައް ޖައްސާލުމަށް ފަހު ފަތުރުވެރިން ގެ ތެރޭގައި އިންސްޓަގްރާމް ކުރަން އެންމެ މަގްބޫލް މަންޒިލަކަށް ދިވެހިރާއްޖެ ހޮވިއްޖެއެވެ.
އިންސްޓަގްރާމްގައި 9 މިލިއަނާ ގާތް ކުރާ އަދަދެއްގެ ޕޯސްޓްތަކެއްގައި "ހޭސްޓެގް މޯލްޑިވަސް" ޖަހާ ރާއްޖެ ޓެގް ކޮށްފައިވާ ކަމަށް "މައި ބެގޭޖް" ގެ ޓްރެވެލް އެކްސްޕާޓުން ކުރި ދިރާސާ އަކުން ހާމަ ވެގެން ގޮސްފައިވެއެވެ. މި ދިރާސާއިން އިތުރަށް ހާމަ ވެގެން ގޮސްފައިވާ ގޮތުގައި ރާއްޖެއަށް 8.8 މިލިއަން އިންސްޓަގްރާމް ޓެގްސް ލިބިފައިވެއެވެ. މިއީ ދުނިޔޭ ގެ އެހެން ފަތުރުވެރިން މަންޒިލް ތަކާއި އަޅާބަލާއިރު ގިނަ އަދަދެއް ކަމަށް "މައި ބެގޭޖް" އިން ހާމަކުރެއެވެ.
ކޮވިޑް 19 އާއި ގުޅިގެން ދިވެހިރާއްޖެއަށް ވަނީ ފަތުރުވެރިން ގެ ފަރާތުން ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިފައެވެ. މިކަމުގެ ސަބަބެއް ކަމުގައި ވެގެން ދަނީ ކޮވިޑް ގެ ފުރަބަންދަށް ފަހު ބޯޑަރު ހުޅުވާލި ފުރަތަމަ ގައުމު ތަކުގެ ތެރެއިން ދިވެހިރާއްޖެ ހިމެނިގެން ދިޔުމެވެ. މީގެ އިތުރުން ސޯޝަލް މީޑިޔާގެ ނުފޫޒުގަދަ އެތައް ބަޔަކު ދިވެހި ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުން ވެސް އެއީ ދިވެހި ރާއްޖެ އެއްވަނަ އަށް އެރުމުގައި ވަރަށް ބޮޑު ރޯލެއް ކުޅުން ކަމަކަށް ވެގެން ގޮސްފައިވާކަމަށް "މައި ބެގޭޖް" އިން ބުނެފައިވެއެވެ.
ދެވަނަ އަށް ގޮސްފައިވާ އައިފިލް ޓަރަވ އަށް 6.5 މިލިއަން ހޭޝްޓެގްސް ލިބިފައިވާ އިރު 3 ވަނަ އަށް ގޮސްފައިވާ ޓައިމް ސްކޮއަރ އަށް ލިބިފައިވަނީ 4.4 މިލިއަން ހޭޝްޓެގްއެވެ. 4 ވަނަ ލިބިފައިވަނީ 3.8 މިލިއަން ހޭޝްޓެގް އާއި އެކު ގްރޭންޑް ކެންޔަންއަށެވެ. 5 ވަނަ ލިބިފައިވާ ބްރޯކްލިން ބްރިޖް އަށް ލިބިފައިވަނީ 3.3 މިލިއަން ހޭޝްޓެގްއެވެ.
މިދިޔަ އަހަރު ފާހަގަ ވެގެން ގޮސްފައިވަނީ ދިވެހިރާއްޖެއަށް ފަތުރުވެރިކަމުގެ ރޮނގުން މުހިންމު އެވޯޑްތަކެއް ލިބިގެން ގޮސްފައިވާ އަހަރެއް ގެ ގޮތުގައިއެވެ. އެގޮތުން ވޯލްޑް ޓްރެވެލް އެވޯޑްސްގެ "ލީޑިންގ ޑެސްޓިނޭޝަން"ގެ އެވޯޑް ދިވެހިރާއްޖެއަށް ފުރަތަމަ ފަހަރަށް ލިބިގެން ދިއުން ފާހަގަކޮށްލެވެއެވެ. މި އެވޯޑް ދިވެހިރާއްޖެ ހާސިލް ކޮށްފައިވަނީ މަސްހޫރު 22 މަންޒިލަކާއި ވާދަ ކޮށްގެންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 176000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން