ކައިވެންޏަކީ ދެމީހަކާއި ދެއާއިލާ ގުޅުވައިދޭ ވަރަށް މަތިވެރި ގުޅުމެކެވެ. މި ޚާއްސަ ގުޅުމަށް ތައްޔާރު ވުމާއި، އެކަމުގެ އެކި އެކި ރަސްމިއްޔާތުތައް ހިނގަމުންދާއިރު ކޮންމެ ގައުމެއްގައިވެސް އަމަލުކުރާ ވަރަށް ތަފާތު އާދަކާދަތައް ހުރެއެވެ. އަޅުގަނޑުމެން ބޮޑުވެގެން އައި އިރު އަލަށް ކައިވެނި ވެވޭ އަންހެންމީހާ ނުވަތަ އާއިލާގެ އެހެން މީހަކު ތައްޔާރުކުރާ ވަރަށް ޚާއްސަ ޖޫސްތައްޓެއް ފިރިމީހާއަށް ދެވެއެވެ. މިއަށް ކިޔަނީ "ފިރިފަނިތައްޓެވެ". ގިނަ ފަހަރަށް މި ޖޫސްތަށި ހުންނާނީ ވަރަށް ގިނައިން ހަކުރުއަޅާފައެވެ. ނަމަވެސް މި ފަނިތަށިއެކީގައި ބޮއި ހުސްކޮށްލުމަކީ، ކައިވެނީގައި ދެމިހުރުމުގެ ހިތްވަރު ފިރިހެންމީހާގެ ކިބައިގައިވާކަން ދައްކާދޭ ހެއްކެއް ކަމަށް ބުނެވެއެވެ. ހަމަ މިގޮތަށް އެހެން ގައުމުތަކުގައިވެސް ކައިވެންޏާއި ގުޅުން ހުރި އެކި އެކި ކަންކަމުގައި އަމަލުކުރާ ވަރަށް އާދަޔާ ޚިލާފްކަންކަން ހުރެއެވެ. މިއަދު މި ބަލާލަނީ އެފަދަ ބައެއް ކަންކަމަށެވެ.

  1. ބޮޑުމަހުގެ ދަތެއް ހަދިޔާކުރުމަށްފަހު ކައިވެންޏަށް އެހުން

ފިޖީގައި އަންހެނެއްގެ ކައިވެންޏަށް އެހުމަށްޓަކައި އަންހެނާގެ ބައްޕަގެ ކައިރިއަށް ދާއިރު ގެންދާނެ އެންމެ އަގުހުރި އެއްޗަކީ ބޮޑުމަހުގެ ދަތެކެވެ. ބޮޑުމަހުގެ ދަތަކުން ކައިވެންޏަށް އެހުމަކީ ފިރިހެންމީހާގެ ހިތްވަރުހުރިކަން ދައްކައިދޭ ކަމެއް ކަމަށް ބެލެވެއެވެ. ކަނޑުގެ އެންމެ އަޑިއަށް ފީނައިގެން މި ދަތް ހޯދުމަކީ ހަގީގީ ލޯބިވާ މީހަކަށް ނޫނީ ވާނެކަމެއް ނޫނެވެ.

  1. ކޮންމެ މަހަކު ވެލަންޓައިންސް ޑޭ

ކޮރެޔާގައި ލޯބިވެރިންގެ ދުވަސް ފާހަގަކުރަނީ ހަމަ އެކަނި ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހަކު ނޫނެވެ. ކޮންމެ މަހެއްގެ 14 ވަނަ ދުވަހަކީ ވެސް ލޯބި ހާމަކޮށް، ގުޅުން ބަދަހި ކުރުމަށް ކޮންމެވެސް ކަމެއް ކުރާ ޚާއްސަ ދުވަހެކެވެ. އެކި ކަންކަމުގައި އެކި ނަން ނަމުގައެވެ. އެކަކު އަނެކަމަށް މަޢާފްކުރުމާއި، ހަދިޔާ ބަދަލުކުރުމާއި އަގުވަޒަން ކުރުމަށް މިފަދަ ދުވަސްތައް ފާހަގަ ކުރެއެވެ.

  1. ކަރުގޮހޮރު އުނގުޅައިގެން ހިންގުވުން

ސްކޮޓްލެންޑްގައި ކައިވެނިވެވޭ ދެމީހުންގެ ގަޔަށް މުޑުދާރުވީހާ އެއްޗެއް އުކައިގެން އެމީހުންގެ މަގުތަކުގައި ހިންގުވުމަކީ ޒަމާނުއްސުރެ ހިނގަމުން އަންނަ އާދައެކެވެ. މިގޮތަށް އުކާ ތަކެތީގެ ތެރޭގައި ކަރުގޮހޮރު، ކުނި ބިސް އަދި ދެންވެސް ނުބައިވަސްދުވާހާ އެއްޗެއް ހިމެނެއެވެ. މިގޮތަށް މަގުތަކުގައި ހިންގުވާ ލަދު ގެންނެވުމަކީ އެމީހުން ދެކޭ ގޮތުގައި ޒަވާޖީހަޔާތުގައި ރަގަޅު ދެމަފިރިންގެ ގޮތުގައި ފެނިގެން ދިއުމަށް ދެވޭ ހިތްވަރެކެވެ.

  1. 3 ދުވަސް ވަންދެން ފާޚާނަ ކުރަންވެސް ބޭރަށް ނުގޮސް

ބޯރނިއޯގައި އަލަށް ކައިވެނި ވެވޭ އަންހެންކުއްޖާ، ކައިވެނީގެ ފުރަތަމަ 3 ދުވަހު ގެއިން ބޭރަށްނުކުތުން މަނަލެވެ. ފާޚާނާކުރުމަށްވެސް ބޭރަށް ނިކުތުމެއް ނެތެވެ. މި ޙާލަތުގައި އަންހެން ކުއްޖާ ފަޚާނާއަށް ދިއުން މަދުކުރުމަށް ޚާއްސަ ޑައިޓެއް ދެވެއެވެ. އަދި ބޮޑެތިމީހުންގެ ފާރައަށް ތިބެއެވެ. މިއީ ކައިވެނީގެ ފަހުން ދެމަފިރިންގެ ހަޔާތަށް ބާއްޖަވެރިކަން ގެނެސްދޭނެކަމެއް ކަމަށް ދެކިގެން ކުރާ ކަމެކެވެ.

  1. ކައިވެނީގެ ތާރީޚް ކަނޑައެޅޭނީ ސިއްޙަތު ރަގަޅު ކުކުޅު މޭގަނޑެއް ފެނުމުން

ކައިވެނިތަކުގައި ކޭކް ފެޅުމަކީ އިސްލާމީ އުސޫލަކަށް ނުވި ނަމަވެސް އަޅުގަނޑުމެން ދިވެހިންގެ ތެރޭގައިވެސް ވަރަށް އާންމު ކަމެކެވެ. ނަމަވެސް ކައިވެނީގެ ތާރީޚް ކަނޑައެޅުމަށް ކުކުޅުގެ މޭ ފަޅާ ވާހަކަ އަޑުއެހިން ހެއްޔެވެ؟ ޗައިނާގެ ޑައުރު ގަބީލާގެ މީހުންގެ ތެރޭގައި ކައިވެނި ކުރުމަށް އެންގޭޖްވެފައިވާ ދެމީހުން ތިބެގެން ކުކުޅުގެ މޭ ފަޅާ އެއީ ސިއްޙަތު ރަގަޅު މޭގަނޑެއްކަން ޔަގީން ކުރަން ޖެހެއެވެ. ރަގަޅު ނަމަ ކައިވެނީގެ ތާރީޚް ކަނޑައަޅަންވީއެވެ. ރަގަޅު ނޫންނަމަ އަނެއްކާވެސް ދުވަސްކޮޅެއް ފަހުން އެހެން ކުކުޅެއްގެ މޭގަނޑު ބަލަންވީއެވެ.

  1. ކައިވެނީގެ އެއްމަސް ކުރިއަށް ރުއިމުގެ ޕްރެކްޓިސް

ޗައިނާގެ ތުޖިޔާ މީހުންގެ މެދުގައި ހިނގާ ވަރަށް އާދަޔާ ޚިލާފް އެއް އާދައަކީ، ކައިވެނި ކުރުމަށް ކަނޑައަޅާ ތާރީޚްގެ އެއްމަސް ކުރިން ފެށިގެން ކޮންމެ ދުވަހަކު އެއް ގަޑިއިރަށް އަންހެންކުއްޖާ ރޯން ޖެހުމެވެ. މިކަމުގެ ތެރޭގައި އަންހެންކުއްޖާގެ މަންމަވެސް ބައިވެރިވެއެވެ. ރޮމުން ކަރުނަ އޮހޮރަމުން ކުރިއަށް ގެންދިޔަ ނަމަވެސް މިއީ ވަރަށް އުފާވެރި ކަމެކެވެ. އެކި އަންހެނުން އެކި އަޑުން ރޮއިހަދާއިރު ހީވަނީ ލަވައެއް ކިޔާހެން ކަމަށްވެސް ބައެއް މީހުން ބުނެއެވެ.

  1. ލޯބީގެ ރަމްޒެއްގެ ގޮތުން ލަކުޑި ސަމުސަލެއް

އިނގިރޭސިވިލާތުގެ ވޭލްސް މީހުންގެ ތެރޭގައި، ފިރިހެނަކު އަންހެނެއްގެ ކައިވެންޏަށް އެދޭނަމަ އެމީހަކަށް ލަކުޑި ސަމުސަލެއް ހަދިޔާކުރެވެއެވެ. މީގެ މާނައަކީ އަބަދުވެސް އާއިލާ ބަލަހައްޓާނެކަމެވެ. މިކަމަށް އަންހެން މީހާ ނުހުރޭނަމަ ސަމުސާ ރައްދުކުރަންވީއެވެ. ނަމަވެސް އަންހެންމީހާވެސް ރުހި ގަބޫލުނަމަ މި ސަމުސާ ކަރުގައި އަޅުވައިގެން ދުވަސްކޮޅަކު އުޅެން ޖެހެއެވެ.