ދުނިޔޭގެ ދިރިއުޅުމަކީ ތަފާތު ކުލަތަކެއް އެކުލެވޭ ކަމެކެވެ. ދިރިއުޅުމުގައި އެކި ދުވަހު އެކި ކުލަ ދައްކައެވެ. އެއްދުވަހު ރޮއްވައިފިނަމަ، އަނެއް ދުވަހު ހެއްވާނެއެވެ. ތަފާތު މިޒާޖުގެ މީހުންނާ ކޮންމެ ދުވަހަކުވެސް ދިމާވާއިރު، ވަރަށް ގިނަ މީހުންގެ ކަންބޮޑުވުމެއް އަބަދުވެސް އޮވެއެވެ. ކަމެއް ކުރާއިރުވެސް ނުވަތަ ބަހެއް ބުނާއިރުވެސް، އެހެން މީހުން އެކަމަކާ ބެހޭގޮތުން ވިސްނާނީ ކިހިނެއްތޯ ކުރެވޭ ސުވާލެވެ. ނުވަތަ ވިސްނާ ވިސްނުމެވެ. ތިމާ ކުރާ ކަމަކުން ނުވަތަ ކުރަން އުޅޭ ކަމަކުން އެހެން މީހުންގެ ހިތަށް އަރާފާނެ އެއްޗަކަށް ވިސްނާފައި އެކަމެއް ނުކޮށް ކިތަންމެ ފަހަރަކު ދޫކޮށްލެވޭތަން އަންނަކަމީ ހަގީގަތެކެވެ.
އެފަދަ ވިސްނުމެއް އައިސްފިނަމަ، އެންމެ ފުރަތަމަ އަމިއްލަ ނަފްސާއި ސުވާލު ކޮށްލަމާ ހިނގާށެވެ. ކުރަން މިއުޅޭ ކަމަކީ، ތިމާއަށް ކިހާ ފައިދާހުރި ކަމެއްތޯއާއި، އެކަމުން ނުކުމެދާނެ ނަތީޖާތަކަށް ވިސްނާލާށެވެ. އެ ކަމަކީ، ތިމާއަށް ފައިދާހުރި އަދި އެހެން މީހުންނަށް ގެއްލުމަކަށް ނުވާ ކަމެއްކަމަށްވާނަމަ، އެކަމެއް ކުރުމުގައި މައްސަލައެއް ނެތްކަމަށް ތިމާގެ އަމިއްލަ ސިކުނޑިއަށް ވިސްނައިދޭށެވެ.
މި ދެންނެވި ގޮތަށް ވިސްނެނީ ކީއްވެ ހެއްޔެވެ؟ ނުވަތަ އެހެން މީހުން ހިތަށް އަރާފާނެ އެއްޗަކާއި މެދު އަހަރުމެން ކަންބޮޑުވަނީ ކީއްވެ ހެއްޔެވެ؟
ސްމިތްސޯނިއަން ނެޝަނަލް މިއުޒިއަމް އޮފް ނެޗުރަލް ހިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުގައި ދިރިއުޅުމުގައި ކުރިއަރައި ދިޔުމަށާއި ކާމިޔާބުވުމަށްޓަކައި މީހުންގެ މަޤުބޫލުކަން ލިބިފައިވާ ގުރޫޕެއް ނުވަތަ މީހުން ބަލައިގަންނަ މީހުންނާއެކު އުޅުމަކީ އެހެން މީހުން ތިމާ ބަލައިގަންނަ ކަމެކެވެ. އަދި ކަމެއް ކުރާއިރު އެހެންމީހުން ދެކޭ ގޮތާމެދު ވިސްނުމަކީ ގުދުރަތީކަމެއްކަމަށާއި، އެކަންތައް އެއްކޮށް ފުހެވިގެން ނުދާނެކަމަށެވެ.
މިފަދަ އެއް ދިރާސާކަމަށްވާ 'ބްރެއިން އިމޭޖިންގ ސްޓަޑީ' އިން ހާމަވިގޮތުގައި މީހުންގެ ފަރާތުން ލިބޭ ރަނގަޅު ފީޑްބެކް އާއި ނުރަނގަޅު ފީޑްބެކްއަށް ސިކުނޑިތެރޭގައި ބަޔޯފިޒިކަލް ރިއެކްޝަނެއް އުފައްދައެވެ. އަދި މިކަމަކީ ސޯޝަލް އެންޒައިޓީ ހުންނަ މީހުންނަށް ނުލާހިކު އަސަރު ކުރާކަމެއްކަމަށް އެ ހޯދުންތަކުން ދައްކައެވެ.
ތިމާ ކަމެއް ކުރާއިރު އެހެން މީހުން އެކަމަކާމެދު ދެކޭނެ ގޮތް ހޯދުމަށް އާންމުކޮށް ކުރާކަމަކީ، އެހެންމީހުންގެ ޚިޔާލާއި މަޝްވަރާ ހޯދުމެވެ. މިކަމުގައި އެކި މީހުން ޢަމަލުކުރަނީ އެކި ގޮތަށެވެ. ރައްޓެހިންނާއި އާއިލާ މީހުން ގާތު އެކަމާ ބެހޭ ގޮތުން މަޝްވަރާކުރެއެވެ. މި ޒަމާނަށް ބަލާއިރު ސޯޝަލްމީޑިޔާގެ ކޮންމެވެސް މަންސައެއްގައި ނުގޮތަކަށް ނުވަތަ ސީދާކޮށް އެކަމަކާ ބެހޭ ގޮތުން މީހުންގެ ޚިޔާލު ހޯދައެވެ. މިހެން ޚިޔާލާއި މަޝްވަރާ ހޯދާއިރު ސަމާލުކަން ދޭންޖެހޭ ކަމަކީ، މަޢުލޫމާތު ޙިއްޞާކުރުމަށް ކަނޑައަޅާ މީހުންނަކީ ތިމާއާއި ކިހާ ގާތް އަދި ތިމާގެ ކަންކަން ކިހާވަރަކަށް ދަންނަ ބައެއްތޯ ބެލުމެވެ. އެހެން ނޫންނަމަ، ބޭކާރު ޚިޔާލުތަކަކާއި އަނެއްކާ ވިސްނަން ޖެހިދާނެއެވެ.
އެހެންމީހުން ބުނާ އެއްޗަކަށް ބަރޯސާވެ ތިމާ އެގޮތަށް ބޭނުން ނުވިޔަސް، އެމީހުން ބޭނުންވާ ގޮތަކަށް ކަންކަން ބަދަލުކުރުމާއި، ތިމާގެ ކަންކަން ނިންމާނެ ގޮތެއް އެހެން މީހުންގެ އަތްމައްޗަށް ދޫކޮށްލުމާއި، ވަކި މިންގަނޑެއް ތިމާ ކަންކަން ނިންމުމުގައި ނުގެންގުޅުމާއި، ތިމާ ދެކޭ ގޮތަކީ އެންމެ ރަނގަޅުގޮތްކަމުގައި ދެކުމާއި، އެހެން ހުރިހާ އެންމެނާ ތިމާގެ ވިސްނުން ތަފާތު ވެއްޖެނަމަ އެއްޗެއް ނުބުނެ ހަނުހުރުމާއި، ތިމާގެ ހިތަށް ލުއި ލިބެނީ އެހެން ބައެއްގެ ހުއްދަ ކަމަކަށް ލިބުނުކަން ކަށަވަރުވެގެން ކަމަށްވުމާއި، ކަމަކުން ކަމަކާނުލައި މާފަށް އެދުމާއި، ނޫނެކޭ ބުނަން ފަސް ޖެހުމަކީ، އެހެންމީހުން ދެކޭނެ ގޮތަކާމެދު ތިމާއަށް މާބޮޑަށް ވިސްނާ ފިކުރުކޮށް ވަގުތުތަކެއް ބޭކާރު ކުރާކަން އަންގައިދޭ ކަންކަމެވެ.
އަނެކާ ދެކޭނެ ގޮތަކާމެދު ވިސްނުމުން ތިމާ ސަލާމަތްވުމަށް ކުރެވިދާނެ ވަރަށް ގިނަކަންކަން އެބަ ހުއްޓެވެ. އެންމެ ފުރަތަމަ، އެހެން މީހުން ދެކޭނެ ގޮތަކީ، ތިމާގެ ބާރުގެ ދަށުގައި އޮންނަކަމެއް ނޫންކަން ގަބޫލުކުރަންޖެހެއެވެ. ތިމާ ކިތަންމެ ރަނގަޅުކަމެއް ކުރިޔަސް އެކަމަށް ގޮތްކިޔާ، ފާޑުކިޔާ އަދި ނުވިތާކަށް މަލާމާތްކުރާނެ މީހުން އުޅޭނެކަން ގަބޫލުކުރަންޖެހެއެވެ. އެހެންމީހުންގެ ވިސްނުމާއި ޢަމަލުތައް ތިމާއަށް ބާރުނުފޯރުވޭއިރު، ދެން ކުރެވޭނެކަމަކީ، ތިމާގެ ވިސްނުމުގެ ނައު ހެޔޮ ކޮށްލުމެވެ. އޭރުން ބޭކާރުވިސްނުންތަކުން ސިކުނޑި ސަލާމަތްކޮށްލެވޭނެއެވެ. އެގޮތުން ޑޮކްޓަރެއްގެ ލަފާ ހޯދުމާއި، ކަސްރަތެއް ކޮށްލުމާއި ކުރާހިތްވާ ކަމެއްގައި އުޅެލެވިދާނެއެވެ. ދެން ގަބޫލުކުރަން ޖެހޭ ހަގީގަތަކީ، ކޮންމެ މީހަކީވެސް ކުށްކުރެވޭނެ މީހެއްކަން ގަބޫލުކުރުމާއި، ގޯސްކޮންކަމެއް ކުރެވިއްޖެނަމަ، އެއީ ދަސްވި ފިލާވަޅެއްކަން ގަބޫލުކޮށް ގޯސްތައް ރަނގަޅުކުރަން މަސައްކަތްކުރުމެވެ.
އަމިއްލަ ނަފްސަށް އިތުބާރުކުރުމަކީ ވަރަށް މުހިންމުކަމެކެވެ. ކޮންމެ ދުވަހަކުވެސް މި ތިން ސުވާލު އަމިއްލަ ނަފްސާއި ކޮށްލުމަށް ވަގުތުކޮޅެއް ހުސްކޮށްލާށެވެ. އަހަރެންނަކީ ކާކު ހެއްޔެވެ؟ އަހަރެން އަޅާލަންޖެހޭ ކަންކަމަކީ ކޮބައިހެއްޔެވެ؟ އަދި އަހަރެން އެންމެ ކުރާހިތްވާ ކަމަކީ ކޮބައިހެއްޔެވެ؟ މި ތިންކަމުގެ މައްޗަށް ތިމާގެ އަމިއްލަ ނަފްސު ތަރައްގީކުރާށެވެ. ތިމާގެ ފަރާތުން މިކަންކަން އެއްގޮތަކަށް ފެންނަން ފެށުމުން ތިމާއާއި ދޭތެރޭ ވިސްނާ އަދި ގޮތްކިޔާ މީހުންނަށް ފާޑުކިޔަން ފަސްޖެހެވޭނެއެވެ. ސަބަބަކީ، މިވެނިކަމެއް ކުރީ ކީއްވެކަން އަދި އެކަން ކުރާނީ އެގޮތަށްކަން އެމީހުންނަށް ވިސްނޭނެތީއެވެ. މިސާލަކަށް، އާންމުކޮށް އެއްގޮތެއްގައި ހިފަހައްޓާ މީހެއްނަމަ، ކަމެއް ވަކިގޮތަކަށް ކުރަން ކިތަންމެ ވަރަކަށް ކިޔަސް އެހެން ނުވާނެކަން އެފަދަ މީހުންނަށް ވިސްނި އެކަމާ އެމީހުން އަޅައިނުލާ ދޫކޮށްލާނެއެވެ.
މިއީ އެކި އުމުރުގެ މީހުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. މިކަމުގެ ސަބަބުން ވިސްނާވިސްނާ ސިކުނޑި ސުމަކަށް ދާ މީހުންވެސް މަދެއް ނޫނެވެ. ކަންކަން ކުރަން ފޫހިވެ، ލިބިފައިވާ އިލްމާއި ހުނަރު ބޭކާރުވެގެން ދާއިރުވެސް ނޭނގެއެވެ. މިފަދަ ގިނަ މީހުންގެ ހުރިހާވެސް ވިސްނުމަކީ އެހެން މީހުން ހިތްހަމަ ޖެއްސުމެވެ. އެހެންމީހުން ތިމާއާއި ދޭތެރޭ ދެކޭގޮތް ބަދަލުކުރުމަށް މަސައްކަތްކުރުމެވެ. މިކަމަކީ، ނަފްސާނީ ދުޅަހެޔޮކަން ގެއްލި ބޮޑު ނުރައްކަލަކަށް ވެއްޓިދާނެކަމެކެވެ. އެހެން ގޮތަކަށް ބުނާނަމަ، އެންމެ ބޭކާރު ވިސްނުމަކީ އަނެކާ ދެކޭނެ ގޮތަކާމެދު ވިސްނުމެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން