ހުރިހާ ދަރިންނަށް ލިބެން ޖެހެއެވެ. ހުރިހާ ދަރިންނަކަށް ދެވޭކަށް ނެތެވެ. ނުދީ ވާކަށްވެސް ނެތެވެ. ދެވެން އޮތީ ބައެއް ދަރިންނަށެވެ. ހުރިހާ ދަރިންނަށް ދޭނެ ވަރަށް ނެތީމައެވެ. ލިބުނު ދަރިން ޝަކުވާއެއް ނުކުރެއެވެ. ނުލިބޭ ދަރިންގެ ޝަކުވާ އެހާ ބޮޑެވެ. ލިބުނު ދަރިއަކު އަތުން އަތުލާފާ ނުލިބޭ ދަރިއަކަށް ދެވޭކަށް ނެތެވެ. އެހެނީ އަތުލެވޭ ދަރި އަނެއްކާ ޝަކުވާ ކުރާނެތީއެވެ.

ހައްތަހާވެސް އެއްފުރާގެ ދަރިންނެވެ. އަހަރު ދެކޮޅު ބަލިވެ އިނދެ ވިހާފައި ތިބި ގާތްގަނޑަކަށް އެއްފުރާގެ ދަރިންނެވެ. ޝަކުވާކޮށް ބޮޑާހާކަން އެ ދަރިންގެ މަންމަ ދަސްކޮށް ނުދިނެއްކަމަކު ޝަކުވާކޮށް ބޮޑާހާކަނީ އެކަމުން ސަނަދު ހާސިލްކޮށްގެންނޭ ހީވާ ކަހަލައެވެ. ބިންމަތީގައި ފުރުޅޮނީއެވެ. ރޮއެ ހަޅޭ ލަވަނީއެވެ. އަތްވީއްލާ އެއްޗެހި އުކަނީއެވެ. ކާގޭގައި ހުންނަ ފެންބަނޑިޔާ ވައްޓާލަނީއެވެ. ގިފިލި ބިތްގަނޑު ފަޅާލަނީ އެވެ. އުނދުނަށް ފެން ޖަހަނީއެވެ. ބަނޑަހަގޭ މަތީ ފިލާގެ ވާ ކަނޑާލަނީއެވެ. ބޮޑު އަށިން މަޅު ނަގަނީއެވެ. ރިހާކުރު ރުނބަޔަށް ވެލި އަޅަނީއެވެ.

މިއީ އެއްފުރާގެ ގިނަ ދަރިންތަކެއް ބަލާބޮޑުކުރަމުން އައި މަޔަކު، ތަހައްމަލު ކުރި އިހުސާސް ތަކެކެވެ. ނެތް ތަނަވަސްކަމަކުން ދަރިންގެ ކަންކަން ހަމަހަމަކޮށް ކުރެވޭކަށް ނެތެވެ. ނަމަވެސް ވެވުނު ވަރަކުން އަދުލުވެރިވިއެވެ. އެހެނަސް އެ ދަރިންނަށް އަދުލުވެރިކަމެއް ދަސްވެފައެއް ނެތެވެ. ދަސްވެފައި އޮތީ ހަމަހަމަ ކަމެކެވެ. ވާނީވެސް އެހެންތާއެވެ. އަދުލުވެރިކަމަށްވުރެ ގިނަ މީހުން އިސްކަން ދެނީ ހަމަހަމަ ކަމަށެވެ. ހާއްސަކޮށް އެއްޗެއް ލިބެން އޮންނަ ތަނެއްގައި އަދުލުވެރިކަމަކީ މީހުން ގަބޫލު ކުރާ ހަމައެއް ނޫނެވެ. ލިބެންވާނީ ހަމަހަމަ ކޮށެވެ. މިކަމުގައިވެސް އެއްމެ ޝަކުވާ ބޮޑުވަނީ ދޮށީ "ބޭބޭފުޅުންނެވެ".

ކޮންމެއަކަސް ދައްކަން މިއުޅެނީ ފަގީރު ހާލުގައި އުޅުނު، އެއްފުރާގެ ދަރިން ގިނަ، މި މައިމީހާގެ ވާހަކައެއް ނޫނެވެ. ނަމަވެސް މި މައިމީހާގެ ހާލަތެވެ. މި މައިމީހާގެ ހާލަށް ވިސްނާބަލާށެވެ. އޭނާގެ އެ ދަރިންގެ ހާލަށް ވިސްނާބަލާށެވެ. މީހަކު އަޅެ ހައިރާނެއް ނުވާނެހެއްޔެވެ؟ އެ މައިމީހާ ހަދާނީ ފަހެ ކިހިނެއް ހެއްޔެވެ؟ ހެޔޮ އެއްގޮތެއްވެސް އެ މައިމީހާއަށް އެބަ އޮތް ހެއްޔެވެ؟

އާދޭހެވެ! ދުނިޔޭގައި މިފަދަ އެތައް ހާލަތްތަކެއް ހިނގާނެއެވެ. ވެރިކަމުގެ ނިޒާމާ ރައްޔިރުންނާ ގުޅުންހުރި ކަންކަމާ ރަށްވެރި ކަންކަމާ އާއިލާތަކުގެ ތެރޭގައިވެސް މެއެވެ. މިއީ ދުނިޔޭގެ އާދައެކެވެ. އެއްމެނެއް ނުރުއްސޭނެއެވެ. އެންމެނަށް ހެޔޮކޮށް ކަންކަމެއް މެދުވެރިއެއްވެސް ނުވާނެއެވެ. މި ހަގީގަތާ އިންސާނާ ކުރިމަތިލާން ދަސްކުރަން ވާނެއެވެ.