ދިރިއުޅުމުގެ އެކި މަރުހަލާތައް ކަނޑައްތު ކުރަމުންދާއިރު އެކި މިޒާޖުގެ އެކި ކަހަލަ މީހުންނާ ބައްދަލުވެ ގުޅުންތައް އުފެދިގެންދެއެވެ. ކުޑައިރުގެ އެންމެ ގާތް އެކުވެރިން މިއަދު ނުދަންނަ މީހުންފަދައެވެ. ފުރާވަރުގައި އެކު އުޅުނު ރަޙްމަތްތެރިން މިއަދު ވީ ތަނެއް ނޭނގެއެވެ. ދިރިއުޅުމެއް ފަށައި އެކި ކަންކަން ތަޖުރިބާ ކުރަމުންދާއިރު އެކި ދުވަސްވަރު ރައްޓެހިންނާއި ރަޙްމަތްތެރިން ބައްދަލުވެ އައިސް ގޮސް ވާކަމީ ހަގީގަތެވެ. މިއީ ހަމަ ކޮންމެ މީހަކުވެސް ތަޖުރިބާ ކުރާ ކަންކަމެވެ.

މަޢުލޫއާއިގެން ކުރިޔަށް ދިޔުމުގެ ކުރިން އެކުވެރިންނާއި ރައްޓެހިންނާއި ރަޙްމަތްތެރިންގެ ފަރަޤު އެނގިލުން މުހިންމުކަމުގައި ދެކެމެވެ. ރައްޓެހިންނަކީ ދެކެ ފަރިތަ ނުވަތަ ދަންނަ މީހުންނެވެ. ކޮންމެވެސް މާހައުލަކުން ބައްދަލުވެ ކާކުކަން އެނގުމުން އެއީ ރައްޓެއްސެކޭ ބުނެވިދާނެއެވެ. އެކުވެރިންނަކީ ރައްޓެހިންގެ ތެރެއިން އެކީގައި ގިނަ ވަގުތު އުޅޭ މީހުންނެވެ. ކޮފީތަކަށް ގޮސް، ކުޅިވަރުތައް ކުޅެ، އެކީގައި އެކި ކަންކަމުގައި އުޅޭ މީހުންނެވެ. ނަމަވެސް، ރަޙުމަތްތެރިންނަކީ މުޅިން ތަފާތު ބައެކެވެ. ރަދީފުގައި ރަޙުމަތްތެރިން ސިފަކުރަނީ، "އެކަކު އަނެކަކަށް އުފަލާއި ހިތާމައިގައި ބައިވެރިވެ އެކަކު އަނެކެއްގެ ހާލުބަލައި އެހީތެރިވެދީ އުޅޭ މީހުން" ކަމުގައެވެ. މި ދެންނެވި ތިން ލަފުޒުގެ ތަފާތު ވަރަށްވެސް ބޮޑު ނޫންތޯއެވެ.

ދެން އޮތީ ތިމާގެ އަގު ވަޒަންކުރުމުގެ ވާހަކައެވެ. އިސްވެ ދެންނެވި އެކުވެރިންނާއި، ރައްޓެހިންނާއި ރަޙުމަތްތެރިންގެ ތެރެއިން ތިމާގެ އަގު ހަގީގަތުގައި ވަޒަންކުރާނީ ދެބަސްވުމެއްނެތް ގޮތުގައި ރަޙުމަތްތެރިންކަން ޔަގީނެވެ. ތިމާއަކީ ކާކުކަން، ކިހާވަރެއްގެ މީހެއްކަން، ކިހާ ފެންވަރެއްގެ މީހެއްކަން ދަންނާނީ ތިމާގެ ރަޙުމަތްތެރިންނެވެ. ދަތި ހާލެއް ނުވަތަ އުނދަގޫ ދަނޑިވަޅެއް ދިމާވުމުން ތިމާގެ ކައިރީގައި ތިބޭނީ ރަޙުމަތްތެރިންނެވެ. ދެރަގޮތެއް ދިމާވުމުން ނުވަތަ އަޑިގަނޑަކަށް ތިމާ ވެއްޓި، އެންމެ ބޭނުންޖެހޭ ދުވަހު ތިމާގެ ކައިރީގައި ހިތްވަރުލައިދޭން ތިބޭނީވެސް ތިމާގެ ރަޙުމަތްތެރިންނެވެ. އެފަދަ ދުވަހަކުން ތިމާއާއި ފެޔަށް ޖެހިލާ ކޮންމެ މީހަކީ ތިމާގެ އަގު ވަޒަން ނުކުރާ މީހެކެވެ.

ވަޒީފާގެ މާހައުލުގައިވެސް ހަމަ މިފަދައެވެ. މަސައްކަތު މާހައުލުން އައު އެކުވެރިން ލިބެއެވެ. ބައެއްފަހަރު ބައެއް މީހުން ގާތްވެގެން ގޮސް އެއީ ތިމާއަށް ރަޙުމަތްތެރިއެއްކަމަށް ދެކި އިހުގެ ރަޙުމަތްތެރިން ދުރުކޮށްލެވޭތަން އާދެއެވެ. ނަމަވެސް، އެހެން ގާތް ކޮށްލެވޭ ގިނަ މީހުންގެ ފުށުން ލިބެނީ ލަނޑެވެ. ކަމެއްޖެހޭއިރު އެމީހުންވެސް ފިލައެވެ. ވެއްޓެންދާނަމަ، ގައިގާ އަޅައި ވައްޓާލައެވެ. 

އެހެންވަނީ ކީއްވެ ހެއްޔެވެ؟ އެންމެ ބޮޑު ސަބަބަކީ، އެކުވެރިކަމާއި، ރައްޓެހިކަމާއި ރަޙުމަތްތެރިކަމުގެ ތަފާތު ނަގައި ނުގަނެވޭތީއެވެ. ވަގުތީ އުފަލަކަށް ނުވަތަ ހެއްލުމަކަށް ކުއްލިއަކަށް އެހެން މީހަކު ނުވަތަ ބަޔަކު މާ ބޮޑަށް ކައިރި ކޮށްލެވޭތީއެވެ. އެކަން އެހެން ވިޔަނުދިނަށްޓަކައި މީހުން ދަސްކުރާން ޖެހެއެވެ. ކައިރިކޮށްލެވޭ މީހާގެ ފަތިފުށް ދެނެގަންނަންޖެހެއެވެ. ތިމާގެ ހުރިހާ ސިއްރުތައް އެހާ އަވަހަށް ކިޔައިނުދީ އިތުބާރު އުފައްދަން ޖެހެއެވެ. ކޮންމެ އެކުވެރިއަކީ ނުވަތަ ރައްޓެއްސަކީ ތިމާއަށް ހެޔޮ އެދޭނެ މީހެއް ނޫންކަން ދަންނަން ޖެހެއެވެ. އެހެން ނޫންނަމަ، ތިމާގެ އަގު ވަޒަންކުރުމުގެ ބަދަލުގައި އެމީހުން ވައްޓައިލާނީ ތިމާގެ އަގެވެ. އަދި އެފަދަ ބަޔަކު ތިމާގެ ރަޙުމަތްތެރިކަމުގެ ބޮޅު ތެރޭގައި އުޅޭކަން އެނގިއްޖެނަމަ، އަވަހަށް އެބަޔަކާ ދުރަށްދާށެވެ.