މިއަދަކީ، ބައިނަލް އަޤްވާމީ މާދަރީބަހުގެ ދުވަހެވެ. 1999 ވަނަ އަހަރުގެ ނޮވެމްބަރ މަހު ޔުނެސްކޯގެ އިންސާނީ ސަގާފަތާއި ތަރިކަ ރައްކާތެރި ކުރުމުގެ ކޮންފަރެންސްގައި ކޮންމެ އަހަރެއްގެ ފެބުރުއަރީ މަހުގެ 21 ވަނަ ދުވަހަކީ މާދަރީ ބަހުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ވަނީ ފާސްކޮށްފައެވެ. އެކަމާގުޅިގެން 2000 ވަނަ އަހަރުން ފެށިގެން މާދަރީ ބަހުގެ ދުވަސް މުޅިދުނިޔޭގައި ދަނީ ފާހަގަކުރެވެމުންނެވެ. މި ދުވަސް ފާހަގަ ކުރުމުގެ މަޤުޞަދަކީ، ބަހުގެ މުހިއްމުކަމާއި ބޭނުންތެރިކަން އަންގައިދީ ހޭލުންތެރިކަން އުފެއްދުމާއި ބަސް ހިމާޔަތްކޮށް ރައްކާތެރިކުރުމެވެ.

އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގައިވެސް ކޮންމެ އަހަރަކު މި ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކުރެވެމުންދެއެވެ. ތަފާތު ހަފްލާތަކާއި ޖަލްސާތައް ބާއްވައެވެ. ދުވަހާއި ގުޅުވައިގެން ދިވެހިވަންތަ ހެދުން ލައިގެން ސުކޫލުތަކުގައި އެކިއެކި ހަރަކާތްތައް ބާއްވައެވެ. ތަފާތު އަދަބީ މުބާރާތްތައް އެކި ފެންވަރުގައި ކުރިޔަށް ގެންދެއެވެ.

އެހެންނަމަވެސް، ރަނގަޅަށް ލޯ ހުޅުވާލުމަށްފަހު، މި ދިވެހި ޤައުމުގައި މާދަރީބަސް އޮތް ހިސާބު ބަލައިލުމުން މި ޤައުމުދެކެ ލޯބިވާ ކޮންމެ ދަރިއެއްގެ ލޮލުން ކަރުނަ އަންނާނެކަން ގައިމެވެ. އަހަރުމެންނާ ހިސާބަށް ކާބަފައިން ގެނެސްދީފައިވާ މި ދިވެހިބަސް މާދަމާގެ ޖީލަށް އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދެވިދާނެތޯ ހިތާހިތުން ސުވާލުކޮށްލާށެވެ.

މިފަހުން މާލެ ދިޔަ ފަހަރެކެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ ލިފްޓުން އަރަން ކިއު ހަދާފައި އޮތުމުން އަހަރުމެންވެސް މަޑުކޮށްލީމެވެ. ކައިރީގައި ތިބީ ފުރާވަރަށް އަރަމުންއަންނަ ސާދަފަނަރަ އަހަރުގެ ހަތަރުވަރަކަށް އަންހެން ކުދިންނެވެ. ބަލާބެލުމަށް އެއީ ދިވެހިކުދިންކަން ޔަގީނެވެ. ނަމަވެސް، އެކުދިން ވާހަކަ ދައްކަމުންދިޔައީ އިނގިރޭސިބަހުންނެވެ. ފެންފަދަ ފަރިތައެވެ. ހީސަމާސާ ކުރަމުންދިޔައީ އެންމެ ދިވެހި ލަފްޒެއްވެސް ބޭނުން ނުކޮށެވެ. މިއީ އެންމެ މަންޒަރެކެވެ.

މިއަދު ކުލާސްތަކުގައި ދިވެހިން ވާހަކަ ދައްކާ ކުދިން ބާކީ ކޮށްލެވޭތަން ދަނީ ފެންނަމުންނެވެ. މުދައްރިސުންނެއް ނޫނެވެ. ކުދިންގެ މެދުގައެވެ. ނަމަވެސް، އެކަން އެހެންވުން ހުއްޓުވުމުގައި މުދައްރިސުންގެ ދައުރުވަރަށް ބޮޑެވެ. ކުދިންނަށް މާދަރީބަހުގެ މުހިންމުކަން ވިސްނައިދޭން ޖެހެއެވެ. މާދަރީބަސް ހިމާޔަތްކުރެވޭނީ ހަމައެކަނި ވަކިދުވަހެއް ފާހަގަކޮށްލުމަށް މަހައިލެވޭ ލިބާހަކުން، ދިގުހެދުމަކުން ނުވަތަ ލެވޭ މުންޑަކުން ނޫންކަން ކުދިންނަށް ވިސްނައިދޭންޖެހެއެވެ. ބޭރުގެ ބަސްތަކުން ހުންނަ މާއްދާތައް ކިޔަވައިދޭ ގަޑިތައް ފިޔަވައި އެހެން ވަގުތުތަކުގައި ދިވެހިން ވާހަކަދެއްކުމާއި ލިޔުމުގެ މުހިންމުކަން ކުދިންނަށް އަންގައިދޭން ޖެހެއެވެ.

ދެން އޮތީ ގޭތެރޭގެ ވާހަކައެވެ. ޒަމާނާއެކު ވަރަށް ޅައުމުރުންފެށިގެން ކުދިން އަތަށް ޒަމާނީ ވަޞީލަތްތައް ދެވެއެވެ. ތަފާތު އެޕްލިކޭޝަންތައް ބޭނުންކުރާއިރު ކުދިންނަށް ގިނައިން ފެންނަނީވެސް އަދި އިވެނީވެސް ބޭރު ބަސްތަކެވެ. މިހެންވުމުން ކުދިން ފުރަތަމަ ދަސްކުރަން ފަށަނީވެސް ބޭރުގެ ލަފުޒުތަކެވެ. ވާހަކަ ދެއްކޭ އުމުރަށް އެޅޭއިރު ކުދިން ފަރިތަވަނީވެސް މިދެންނެވި ގޮތަށް ބޭރުގެ ބަސްތަކަށެވެ. މައިންބަފައިން ކުދިންނާ ވާހަކަ ދައްކާއިރުވެސް، ނުވަތަ ގޭތެރޭގައި ވާހަކަ ދައްކާއިރުވެސް ގިނައިން ބޭނުންކުރެވެނީ ބޭރު ބަސްތަކެވެ. މާދަރީބަހާއި ކުދިން ދުރުވާން ދިމާވާ އެންމެ ބޮޑު ސަބަބަކަށް ގޭތެރެއިން މާދަރީބަހާ ބީރައްޓެހިވުން ހިމެނެއެވެ.

އަންނާން އޮތް ޖީލަށް މާދަރީބަސް ރަނގަޅުގޮތުގައި ގެންދިޔުމަށް އަދުގެ ކުޑަކުދިންނަށް މާދަރީބަހުގެ މުހިންމުކަން އެކުދިން އުޅޭ ހުރިހާ މާހައުލަކުން ދަސްކޮށްދޭންޖެހެއެވެ. އެހެން ނޫންނަމަ، އަހަރުމެންގެ ދިވެހިބަސް މާދަމާގެ ޖީލަށް ނުފޯރާ ގެއްލިގެން ދިޔުމަކީ ދުރުގައިވާކަމެއް ނޫނެވެ. މިއީ އަހަރެމެންގެ ތެރެއިން އެއްވެސް މީހަކު ދެކެން ބޭނުންވާނެ މަންޒަރެއް ނޫންކަން ހަމަ ޔަގީނެވެ.