ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުގެ އިތުރުވަގުތުގައި ކަސެމީރޯ ވައްދާލި ލަނޑާއެކު 2-1 ގެ ނަތީޖާއަކުން ކޮލަމްބިއާ ބަލިކޮށް ބްރެޒިލުން ޖެހިޖެހިގެން 10 ވަނަ މޮޅު ހޯދައިފިއެވެ.

މި ނަތީޖާއާއެކު ގްރޫޕް ބީ ގެ އެއްވަނައިގައި ބްރެޒިލް އޮތީ ކުޅުނު ތިން މެޗުން ސައްތައިން ސައްތަ ރެކޯޑަކާއެކު ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ކޮލަމްބިއާ އަށް ހަތަރު މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ތިންވަނައިގައި އޮތް ޕެރޫ އަށް ތިން މެޗު ކުޅެގެން ހަމަ އެ އަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ކޮލަމްބިއާ އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ހަތަރުވަނައިގައި އޮތް އެކުއޭޑޯ އާއި އެންމެ ފުލުގައި އޮތް ވެނެޒުއޭލާ އަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ.

އެސްޓާޑިއޯ އޮލިމްޕިކޯ ނިލްޓަން ސަންޓޯސްގައި ރޭ ކުޅުނު މި މެޗު ފެށިތާ 10 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ ކޮލަމްބިއާ އިންނެވެ. މިއީ އެ ޓީމުގެ ހުއާން ކުއަޑްރާޑޯ ދިން ބޯޅައަކުން ލުއިސް ޑިއާޒް ކާމިޔާބުކުރި ގޯލެކެވެ. 

ބްރެޒިލުން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތް ކާމިޔާބުވާގޮތްވީ މެޗު ނިމެން 12 މިނެޓަށްވެފައިވަނިކޮށް ލިވަޕޫލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯ ކާމިޔާބުކުރި ގޯލުންނެވެ. މިއީ އެ ޓީމުގެ ފުލްބެކް ރެނާން ލޯޑީ ނަގައިދިން ހުރަހަކުން ފިރްމީނޯ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

ކޮލަމްބިއާގެ ލުއިސް ޑިއާޒް (ވ) އޯވަހެޑް ކިކަކުން ގޯލަށް ބޯޅަ ފޮނުވާލަނީ. --ފޮޓޯ: ޓުވިޓާ

އޭގެފަހުން، މެޗުގެ އިތުރުވަގުތުގެ ގޮތުގައި ރެފްރީ ދެއްކި 10 މިނެޓުގެ ތެރެއިން އެންމެ ފަހު މިނެޓުގައި ބްރެޒިލް މޮޅުކޮށްދިން ލަނޑުޖެހީ ކަސެމީރޯ އެވެ. މިއީ އެ ޓީމުގެ ޕީއެސްޖީ ތަރި ނޭމާ ނަގައިދިން ކޯނަރަކުން ކަސެމީރޯ ކާމިޔާބުކުރި ގޯލެކެވެ.

މި މުބާރާތުގައި ރޭ އެކުއޭޑޯއާ ދެކޮޅަށް ޕެރޫ ކުޅުނު މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރުވެގެންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އެކުއޭޑޯ އިން ވަނީ ދެ ލަނޑުގެ ލީޑެއްނަގާފައެވެ. މެޗުގެ 23 ވަނަ މިނެޓުގައި އެ ޓީމުން ލީޑްނެގީ ޕެރޫގެ ރެނާޓޯ ޓާޕިއާ އަތުން ބައިކޮޅަށް ވަތް ލަނޑަކުންނެވެ. އޭގެފަހުން، ފުރަތަމަ ހާފުގެ އިތުރުވަގުތުގައި އެކުއޭޑޯގެ ދެވަނަ ލަނޑުޖަހައިދިނީ އައިރްޓަން ޕްރެސިއާޑޯ އެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަތަރު ވަނަ މިނެޓުގައި ޖިއަންލޫކާ ލަޕަޑިއުލާ ކާމިޔާބުކުރި ގޯލުން ޕެރޫ ފަރަގު ކުޑަކުރިއެވެ. އަދި އޭގެ ފަސް މިނެޓުފަހުން، އަންދްރޭ ކަރީލޯ ވަނީ ޕެރޫ އަށް މި މެޗުން ޕޮއިންޓެއް ކަށަވަރުކޮށްދީފައެވެ.

ބްރެޒިލަށް ދެން އޮތީ އަންނަ އާދީއްތަ ދުވަހު އެކުއޭޑޯއާ ބައްދަލުކުރާ މެޗެވެ. ހަމަ އެ ދުވަހު ކުޅޭ އަނެއް މެޗުގައި ޕެރޫ ނިކުންނާނީ ވެނެޒުއޭލާއާ ދެކޮޅަށެވެ.