ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗުގައި ތުރުކީ 3-0 އިން ބަލިކޮށް ދުނިޔޭގެ ފުޓްބޯޅައިގެ ގަދަ ބާރު އިޓަލީން މޮޅަކުން ފަށައިފިއެވެ.

މިއީ ޔޫރޯގެ މުބާރާތެއްގެ މެޗެއްގައި އިޓަލީން ތިން ގޯލު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އެ ޓީމުން ރޭގެ މެޗުން ހޯދީ މޮޅާއެކު ވަނީ ބަލިނުވެ 28 މެޗު ފުރިހަމަކޮށްފައެވެ. އިޓަލީ އެންމެ ފަހުން ކުޅުނު ނުވަ މެޗުގައިވެސް ބައިކޮޅަށް ގޯލެއް ވަދެފައެއްނުވެއެވެ. މީގެއިތުރުން، ރޭގެ މެޗާއެކު އިޓަލީން ވަނީ ތުރުކީއާ ދެކޮޅަށް ބަލިނުވެ 11 މެޗު ހަމަކޮށްފައެވެ.

އިޓަލީގެ ވެރިރަށް ރޯމްގައި ހުންނަ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ލަނޑެއްޖެހިފައިނުވީނަމަވެސް އިޓަލީން ވަނީ ތުރުކީގެ ޑިފެންސަށް ބާރުބޮޑުކޮށްފައެވެ. މި ހާފުގައި ތުރުކީ އަށް މާއެދެވޭ ކުޅުމެއް ދެއްކިފައެއްނުވެއެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން 8 ވަނަ މިނެޓުގައި އިޓަލީން ލީޑްނެގީ ތުރުކީގެ ޑިފެންޑަރު މެރިހް ޑެމިރާލް އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ. މިއީ އިޓަލީގެ ފޯވާޑް ޑޮމެނިކޯ ބެރާޑީ ނަގައިދިން ހުރަހެއް ޕެނަލްޓީއޭރިޔާތެރެއިން ޑެމިރާލް ދިފާއުކުރަން އުޅުމުގެ ތެރޭގައި އޭނާގެ ގައިގަ ޖެހިފައި ވަތް ގޯލެކެވެ.

އިޓަލީން މި މެޗުގައި ޖެހި ދެވަނަ ލަނޑު، 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލާޒިއޯގެ އިތުބާރު ފޯވާޑް ޗީރޯ އިމޯބިލޭ އެވެ. މިއީ ޕެނަލްޓީއޭރިއާތެރެއިން އެ ޓީމުގެ ފުލްބެކް ލިއޮނާޑޯ ސްޕިނަޒޯލާ ޖެހި ބޯޅަ ތުރުކީގެ ކީޕަރު އުގުރުހާން ހާކިރް އަތުގައި ޖެހިފައި ނިކުތްވަގުތު ދެވަނަ ފަހަރަށް އެ ބޯޅަ އިމޯބިލޭ އަށް ލިބުމުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

ރޭގެ މެޗުގައި އިޓަލީން ޖެހި ތިންވަނަ ލަނޑު، މެޗު ނިމެން 11 މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ލޮރެންޒޯ އިންސީނިއޭ އެވެ. މިއީ ތުރުކީގެ ކީޕަރު ހާކިރް އަށް ހެދުނު ގޯހެއްގައި ފައިދާނަގައި ބެރާޑީ އާއި ނިކޯލޯ ބަރެއްލާ އަދި އިމޯބިލޭ ގުޅިގެން ތަނަވަސްކުރި ފުރުޞަތަކުން އިންސީނިއޭ ކާމިޔާބުކުރި ރީތި ގޯލެކެވެ.

މި މުބާރާތުގައި މިއަދު ކުޅޭ ފުރަތަމަ މެޗުގައި ގްރޫޕް އޭގެ ދެވަނަ މެޗުގައި ވޭލްސް ނިކުންނާނީ ސްވިޒަލެންޑާ ދެކޮޅަށެވެ. މިއަދުގެ ދެވަނަ މެޗުގައި ޑެންމާކާ ދެކޮޅަށް ފިންލެންޑް ނިކުންނައިރު، ފަހު މެޗުގައި ބެލްޖިއަމް ނިކުންނާނީ ރަޝިޔާއާ ދެކޮޅަށެވެ.