މަރުވުމަށްފަހުވެސް ދެމިގެންދާނޭ ސަދަޤާތުގެ ވާހަކަ އަބަދުވެސް އަޑުއިވެއެވެ. އެއީ އަހަރުމެން މަރުވުމަށްފަހުވެސް އަހަރުމެންނަށް ފައިދާކުރާނެ ކަންތައްތަކެވެ. އެކަމެއްގެ ސަބަބުން އަހަރުމެންނަށް ކަށްވަޅުގައިވެސް އަމާންކަން ލިބުމުގެ އުއްމީދު އޮންނަ ކަންކަމެވެ. ނަމަވެސް ދެމިގެންދާނޭ ފާފަތަކާމެދުވެސް ސަމާލުވުން ވަރަށް މުހިންމެވެ. 

ކުރެވޭ ފާފަތަކުގެ ސބަބުން އަބަދުމެ އަޛާބު ލިބިލިބި ހުންނާކަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެއެވެ. ތިމާ ހެޔޮ ޢަމަލުތައް ކުރާ ވަގުތުތަކުގައިވެސް، ތިމާގެ ވައަތު ފަތަށް އިތުރުވަމުންދާކަށް އެއްވެސް މީހަކު ނޭދޭނެއެވެ. މަރުވުމަށްފަހު، އެއްވެސް ޢަމަލެއް ކުރުމުގެ ކުޅަދާނަކަމުން މީހާ މަޙުރޫމުވެފައިވާ ޙާލު، ފާފަތަކެއްގެ އަސަރުކުރާކަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެއެވެ. އެހެންކަމުން، ދިގުދެމިގެންދާ ފާފަތަކާމެދު ވިސްނާލަން ޖެހެއެވެ. މިޔުޒިކު ހިމެނޭ އޯޑިއޯތަކާއި ވީޑިއޯތައް މީހުންނަށް ހިއްސާކޮށް، ސޯޝަލް މީޑިޔާއަށް އެ މިޔުޒިކުތައް ދޫކޮށްފައި ހުރުމުން، އަހަރުމެން ކަށްވަޅުގައި ވަނިކޮށްވެސް އެހެން މީހުންނަށް އެ އަޑުއިވެން ހުންނާނެއެވެ. އެ އަޑުއިވުމުގެ ޒަރީޢާއަކަށް މެދުވެރުވެފައި ވަނީ އަހަރުމެންނެވެ. އަހަރުމެންގެ ސަބަބުން އެ މިޔުޒިކު އެހެން މީހުންނަށް އަޑުއިވުމުން އޭގެ ޒިންމާ ނަގާނީ ކާކު ހެއްޔެވެ؟ ފާފައަކަށް އަރައިގަތުމަށް މަގުފަހިކޮށްދީފައި އޮތުމުން އޭގެ ފާފަ، އަހަރުމެންނަށް ދިގުދެމިގެންދާ ގޮތުގައި ލިބެމުންދާނެ ނޫން ހެއްޔެވެ؟ މީގެއިތުރުން، މީހެއްގެ ޕޯސްޓެއް ދަށުގައި ހަޑި ހުތުރު ބަހުރުވައިން ވާހަކަ ދައްކާ، ހުތުރު ލަފުޒުތައް ބޭނުންކޮށްފައި ހުންނަ މަންޒަރު މީހުންނަށް ފެނި، އޭގެ ޒަރީޢާއިން މީހުންނަށް ނުބައި އެއޮޗެހިކިޔަން ދަސްވެ، ހަޑި ހުތުރު ލަފުޒުތައް ދަސްކުރަމުން ދިއުމުން އެކަމުގެ މައި މުލަކަސްވެސް ވެފައި އޮންނާނީ އަހަރުމެންނެވެ. ހަމަމިއާއެކު، އެއީ ދޮގު މަޢުލޫމާތުކަން ދެނެހުރެ، އިސްލާމްދީނާއި ބެހޭގޮތުން ދޮގު މަޢުލޫމާތުތައް އެކި މަންސަތަކުގައި ހިއްސާކޮށް ހެދުމަކީ ނުރައްކާތެރިކަމެކެވެ. މަޖަލަކަށްވިޔަސް ނުވަތަ މީހަކަށް ޖެއްސުމަށް ވިޔަސް ގަސްތުގައި އެފަދަ ދޮގު މަޢުލޫމާތު ފަތުރާފައި ވަނިކޮށް، އެއީ ދޮގު މަޢުލޫމާތުކަން ނޭނގޭ މީހަކު އެއާ އެއްގޮތަށް ޢަމަލުކުރަން ފެށުމުން އޭގެ ފާފަ އަހަރުމެންނަށް ލިބޭނެއެވެ. އޭގެ ޒިންމާ އުފުލަން ޖެހޭނެއެވެ. އެމީހަކަށް ނުބައި މަގަށް އުޅެވުމުގެ ސަބަބަކަށް މެދުވެރިވީތީއެވެ. 

އައުރަ ނިވާނުކޮށް ހުންނަ ފޮޓޯތައް ނުވަތަ ޒީނަތްތެރިކަން ފާޅުކޮށްފައި ހުންނަ ތަސްވީރުތައް ސޯޝަލް މީޑިއާގައި ހިއްސާކޮށް، ހިލޭ މީހުންނަށް އިސްތިހާރުވާނޭހެން ބެހެއްޓުމުން އެ ފޮޓޯތަކަށް މީހުންގެ ނަޒަރު ހުއްޓެމުން ދާހާ ހިނދަކު، އޭގެ ފާފަ އަހަރުމެންނަށް ލިބޭނެއެވެ. ހުދު ފޮތިން އަހަރުމެން ނިވާކޮށް ފޮރުވާފައި ވަނިކޮށްވެސް، އަހަރުމެންގެ ފޮތުގައި ލިޔެވެމުންދާ ފާފަތަކަށް ހުއްޓުމެއް ނައުމަކީ ކިހާ ބޮޑު ބަދުނަސީބެއް ހެއްޔެވެ؟ ބިމުގެ 6 ފޫޓު ދަށުގައި އޮންނަ ހިނދު ތަޢުބާވާނީ ކިހިނަކުން ހެއްޔެވެ؟ އޭރު ސޯޝަލް މީޑިއާއަށް ދޫކުރި ފޮޓޯތަކާއި، މިޔުޒިކާއި ދޮގު މަޢުލޫމާތުތައް 'ޑިލިޓް' ކޮށްލަ ދިނުމަށް މީހެއް ކައިރި ބުނާނީވެސް ކިހިނެއް ހެއްޔެވެ؟ 

މަރުވެގެންދާފަހުންވެސް، އަހަރުމެންނަށް ދެމިގެންދާ ފާފަތަކުގެ އަސަރު ކުރުމަކީ ބިރުވެރިކަމެކެވެ. ކުޑަކުޑަކަމެއް ގޮތުގައި ދެކިގެންވާނެ ކަމެއް ނޫނެވެ. އިތުރަށް ތަޢުބާވެ، ކަންކަން އިސްލާހު ކުރުމުށް ކުޅަދާނަކަން ނެތް ހިނދުގައި، އެފަދަ ދެމިގެންދާ ފާފަތަކާ ކުރިމަތިލާން ޖެހުމަކީ ނުހަނު ބިރުވެރިކަމެކެވެ. މިކަމަށް އަހަރުމެން އެންމެން ސަމާލުވާން ޖެހެއެވެ. އަހަރުމެންގެ ދުނިޔޭގެ ދިރިއުޅުމަކީ އަހަރުމެންގެ ކަށްވަޅު އަމާންތަނަކަށް ހެދުމަށް ލިބޭ ފުރުސަތެވެ. ކަށްވަޅަކީ ސުވަރުގޭގެ ބަގީޗާތައް ތެރެއިން ބަގީޗާއަކަށް ހެދުމަށް މަސައްކަތް ކުރަންޖެހެއެވެ. ނޫންނަމަ، ދުނިޔެ މައްޗަށް ދޫކޮށްފައިވާ ދެމިގެންދާ ފާފަތަކުގެ އަޛާބު ލިބޭ ތަނަކަށް، އެ ކަށްވަޅުވެގެން ހިނގައިދާނެއެވެ.