ދިވެހީންގެ ބަހަކީ ދިވެހިބަހެވެ. އެކި ބަހުރުވަތަކާއި ރާގުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތުތަކެއް ހުއްޓެއްކަމަކު، މުޅި އާބާދީ އެއް ބަހަކުން ވާހަކަ ދައްކައި އުޅޭ މަދު ގައުމުތަކުގެ ތެރޭގައި މި ދިވެހިރާއްޖެވެސް ހިމެނެއެވެ. ލިޔާއިރު ތާނައިން ލިޔުނު ނަމަވެސް، ޓެކްނޮލޮޖީގެ އެކި ވަޞީލަތްތައް ބޭނުންކުރާއިރު އާންމުކޮށް ލިޔެވެނީ ލެޓިނުންނެވެ. ތާނައިން ކިޔޭ ގޮތަށް އިނގިރޭސި އަކުރުތައް ބޭނުންކޮށްގެނެވެ. އެހެންނަމަވެސް، ލެޓިނުން ލިޔާއިރު އެކި މީހުން ލިޔާ ލިޔުންތަކުގައި ތަފާތުތަކެއް ހުރެއެވެ. އަޑު ދޭހަ ކުރުމަށްޓަކައި ބޭނުންކުރާ އަކުރުތައް އެކި މީހުން ބޭނުންކުރަނީ އެކި ގޮތަށެވެ. ލިޔެފައި ހުންނަ އެއްޗެއް އުޅެއުޅެ ކިޔަން ނޭނގޭ ފަހަރުތަކާއި، ލިޔެފައި ހުންނަގޮތުން ބުނަން އުޅޭ އެއްޗެއް ސާފު ނުވުމާއި، މުޅި އެތީގެ މާނަ އޮޅުމާއި، އަވަގުރާނެއް ލިޔެވޭއިރުވެސް ނޭނގޭ ފަހަރު އަންނަކަމީ ހަޤީޤަތެކެވެ. މިހެން މިވަނީ، ލެޓިނުން ލިޔާއިރު ކޮންމެހެން ސަމާލުކަން ދޭންޖެހޭ ކަންކަމަށް ބަލައިނުލެވޭތީއެވެ. ހަމައެއް ލަމައެއް ލިޔާތީއެވެ. ގިނަ ފަހަރު އެކަމުގައި ހަމަތަކެއް ހުންނަކަންވެސް ޤަބޫލު ނުކުރާތީއެވެ.

މީގެ އަހަރުތަކެއް ކުރިޔަށް ޖެހިލާއިރު، އިބުރާހިމް ނާޞިރުގެ ވެރިކަމުގައި ދިވެހިންގެ އަކުރުތަކާއި ފެޔަށް ގޮސް، ލެޓިނަށް ބަދަލުވުމުގެ ވިސްނުން ގެންގުޅުއްވިކަމަށް ލިޔުންތަކުގައި އެބަ ހުއްޓެވެ. އެ ދުވަސްވަރު ހުކުރު ޚުތުބާތައްވެސް ލެޓިނުން ލިޔެ ބޭނުން ކުރަމުންދިޔައެވެ. އަދި ލެޓިނުން ލިޔުމުގެ ޤަވާޢިދެއް ހަދައި ރަސްމީކޮށް ބޭނުން ކުރަމުން ދިޔައެވެ. އޭރުގެ ރަސްމީ ލިޔެކިޔުންތައްވެސް ލެޓިނުން ލިޔުނެވެ. މި ލިޔުމުގައި މި ބަލައިލަނީ ރައީސް ނާޞިރުގެ ދައުރުގައި ހެދުނު ލެޓިނުން ލިޔުމުގެ ޤަވާޢިދަށެވެ.

  1.       ތާނައިގެ އަކުރުތައް

'އ' އަށް ބޭނުންކުރާނީ a,e,i,o,u މި ފަސްއަކުރުންކުރެ އެފަހަރަކު ޖަހަންޖެހޭ ފިއްޔަކާއިގުޅޭ އަކުރެކެވެ.

މިސާލު: އަލަމާރި (alamaari) ، އަންނާރު (annaaru) ،  އެތެރެ (ethere) ، އެދުރު (edhuru) ، އިސްކުރު (iskuru) ، އިރު (iru) ، އޮނު (onu) ، އޮޑާ (odaa) ، އުތުރު (uthuru) ، އުރަ (ura).

ފިއްޔެއްނެތި އ ބޭނުންކުރަން ޖެހިއްޖެނަމަ ބޭނުންކުރާނީ 'a' އަކުރެވެ.

1.       ފިލިތައް

ތާނައިން ލިޔާއިރު ދެން އެންމެ މުހިންމު އެއްކަމަކީ ރަނގަޅަށް ފިލި ޖެހުމެވެ. ފިލި ޖެހޭ ގޮތަކުން މާނަ މުޅިން އޮޅޭތަންވެސް އަންނާނެއެވެ. އެހެންކަމުން ލެޓިނުން ލިޔާއިރު މިއީ އަދި މާ ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމެކެވެ.

ނޯޓު: ފިއްޔަށް ބޭނުންކުރާ އަކުރުތަކުން އަކުރެއްގައި ފިލިޖެހުމަށް ހަމަ އެއަކުރު ބޭނުން ކުރާކަށް ނުޖެހޭނެއެވެ. ސަބަބަކީ އެ އަކުރުގައި ފިލި ހިމެނިފައިވާތީއެވެ.

މިސާލު:

1.       ސުކުން

'އ' ނުވަތަ 'ށ' ސުކުނަށް ނިމޭ ކޮންމެ ލަފުޒެއްގައި އެ ސުކުނަކަށް ބޭނުންކުރަންވާނީ h އަކުރެވެ. (މިސާލު: މީހެއް meeheh، ކުށް kuh، އަށް ah). އަދި 'ނ' ސުކުނަށް ބޭނުން ކުރާނީ ‘n’ އަކުރެވެ. (މިސާލު: ފެން fen، ތުން thun) 'ތ' ސުކުނަށް ބޭނުން ކުރާނީ ‘iy’ އެވެ. (މިސާލު: ބަތް baiy، ތަތް thaiy). އަދި 'ސ' ސުކުނަށް ބޭނުން ކުރާނީ ‘s’ އަކުރެވެ. (މިސާލު: ގަސް gas، ވިސްނުން visnun)

އ ސ ނ ތ ށ މި އަކުރުތައް ފިޔަވައި އެހެން އަކުރެއްގައި ސުކުން ކުރަން ވެއްޖެނަމަ، ބޭނުންކުރާނީ ހަމައެކަނި އެއަކުރެވެ. (މިސާލު: މިލްކު milk، ރަމްޒު ramzu). އަދި ލަފުޒެއްގައި ތަޝްދީދަށް ކިޔޭ ގޮތަށް ސުކުން ކުރަން ވެއްޖެނަމަ، ސުކުން ކުރުމުގެ ބަދަލުގައި ތަޝްދީދަށް ކިޔޭ އަކުރު ދެފަހަރަށް ބޭނުންކުރާނީއެވެ. (މިސާލު: މާފަންނު maafannu، ބައްޔެއް bayyeh، ބައްޕަ bappa، މަންމަ mamma)

2.       ހުސްނޫނު

ހުސްނޫނަކަށް ބޭނުން ކުރާނީ n ގެ ފަހަތުގައި އެފޮސްޓްރޮފީއެކެވެ. (މިސާލު: އަނބު an’bu ، ކަނޑި kan’di)

3.       ލަފުޒު

ލަފުޒުތައް ލިޔުމުގައި ވަކިވަކިން ލިޔުމަށް ސަމާލުކަން ދިނުމަކީ މުހިންމުކަމެކެވެ. އެހެނީ އެމުނިއެކުލަވައިގެން ލިޔެފިނަމަ، އެ ލިޔުން ފަހުމު ކުރަން މީހުންނަށް އުނދަގޫވެ މާނަ އޮޅުންބޮޅުން ވާނެތީއެވެ.

މިސާލު: 

- ތިމާގެ ވަޒަން ދެކެ ލޯބި ވާންވާނެއެވެ. އެ ލޯބި ވާންވާނީ ތެދުވެރި ލޯތްބަކަށެވެ.

- Thimaage vazan dheke loabi vaan vaane eve. E loabi vaan vaanee thedhuveri loaiybakasheve.

އިސްވެ މި ބަޔާން ކުރެވުނީ ރައީސް އިބުރާހިމް ނާޞިރުގެ ދައުރުގައި އެކަށަނައެޅުނު ލެޓިނުން ލިޔުމުގެ ޤަވާޢިދުން މި ލިޔުމަށް މުހިންމު ބައިބައެވެ. މި ޤަވާޢިދު މި ޒަމާނަށް ބަލާއިރުވެސް މުހިންމު ކަމަށް ދެކޭތީއެވެ.

ލެޓިނުން ލިޔާއިރު ހެދޭ ގޯސްތައް ނައްތައިލުމަށް ދިވެހިބަހުގެ އެކަޑަމީގެ ކުރީގެ ރައީސް އަލްފާޟިލް އަޝްރަފު ޢަލީގެ އިލްތިމާސްއަކީ، ލެޓިނުން ލިޔުން ހުއްޓާލައި، ތާނައިން ލިޔުންތައް ލިޔުމެވެ. އަދި މަސްހުނިކޮށްގެން ވާހަކަ ދެއްކުމުގެ ބަދަލުގައި ދިވެހި ބަހުން މުޢާމަލާތު ކުރުމެވެ. މިއީ ވަރަށް އެދެވޭ އަދި ކުރެވިދާނެކަމެކެވެ. އޭގެ ސަބަބުން ދިވެހިބަހަށް އިސްކަންދެވި، ބަސް ކުރިއެރުވުމަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެކަމެކެވެ. ލެޓިންގެ ބަދަލުގައި ތާނައިން ލިޔުމަށް ޗެޓުކުރާއިރުއާއި މީސްމީޑިއާގެ އެކި މަންސަތަކުގައި ބޭނުންކުރުމަށް ފޯނަށް ތާނަ ކީބޯޑެއް އިންސްޓޯލް ކޮށްލެވިދާނެއެވެ. އެކަހަލަ ކިތަންމެ ކީބޯޑެއް ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރުން ލިބެން ހުންނައިރު، ދެން މިކަމުގައި މަދުވަނީ މީހުން މިކަމަށް އަހުލުވެރިކުރުވުމުގެ ހަރަކާތްތަކެވެ. އެންމެން އެއްވިސްނުމެއްގައި ދިވެހިބަހާއި ތާނަ އަކުރު ކުރި އެރުވުމަށް މަސައްކަތް ކުރެވިއްޖެނަމަ، މިއީ އަންނަން އޮތް ޖީލުތަކަށް ދިވެހިބަސް ހެޔޮގޮތުގައި ފޯރުކޮށްދިނުމުގައި އެހީއަކަށް ވެގެންދާނެކަމެއްކަން ޔަޤީނެވެ.