ބަލި ހާލުގައި އަހަރެން އޮތީ، ބަނަކަން ވަށާ އަހަރެންގެ ލާ

   އަލި ވާނެ ކަމުގެ އިޝާރަތެއް، ޑަކްޓަރު އަހަންނަށް ދެއްވުމުން

 

ހަމަ ހާލުގައި ހެޔޮ ހާލުގައި، ހުއްޓާ ވިޔަސް ބަލި ވާނެޔޭ

   ހަމަ ކޮންމެ ވަގުތަކު ވެސް މަގޭ، އޮންނަން ޖެހޭނީ ބަލިވުމުން

 

ބަލި ހާލު އަހަރެން ގޯސް ވުމުން، މަރު ވެސް ހަނދާން އެބަ އައު ވެޔޭ

   ބަލި ވުމުގެ ކުރިއަށް ދޭހުގައި، ހެޔޮ އަމަލުތައް ވީ ގިނަ ކުރަން

 

އަބަދާ އަބަދު މަރުވާނެކަން، އަބަދަށްޓަކާ ދަންނާށެވީ

   އަބަދާ އަބަދު ތައްޔާރުގައި، ހުންނާށެ ވީ ހިތް ސާފު ކޮށް

 

ދުނިޔޭގެ މީ ވާ އާދައޭ، އައުމާ ދިޔުން މިތަނުގަ ވެޔޭ

   އުނިކަން ނުވާ މި ނިޒާމުގައި، ކަންކަން ހިނގާ ވިސްނަމުން

 

ފިކުރާ ހިޔާލާ އަބަދުވެސް، މިކަމަށްޓަކައި ހުސްކޮށް ހުރޭ

   ތިކުރާ މަސައްކަތް ކުރި އަކަސް، މަރު ހަނދުމަ ގިނައިން ވީ ކުރަން