ތަކޫވަށް ނުވަތަ ނަޓްމެގް އަކީ ދިވެހި ބޭސްވެރިކަމުގައި ޒަމާނުއްސުރެ ބޭނުންކުރާ ބާވަތެކެވެ. އާންމު ގޮތެއްގައި އިންޑޮނޭޝިއާގައި ހައްދާ ތަކޫވަކަށް ސައިންސްވެރިން ކިއާ ސައިންޓިފިކް ނަމަކީ " މިރިސްޓިކާ ފްރެގްރާންސް" އެވެ.

ތަކޫވަކަކީ ބޭސް ވެރިކަމުގެ އިތުރުން ކެއްކުމާއި، ތަފާތު ބުއިންތަކާއި އަދި ސައި ހަދަންވެސް ބޭނުންކުރާ އެއްޗެކެވެ.  އެކި ބަލިތަކާ ރިހުންތަކުން ފަސޭހަވުމަށްވެސް ތަކޫވަށްބޭނުންކުރެއެވެ.

ތަކޫވަކަކީ ރީތި ވުމަށްވެސް ބޭނުންކުރެވިދާނެ ވަރަށްފައިދާހުރި ބާވަތެކެވެ. ތަކޫވަކުގައި އެކުލެވޭ ގިނަ  އެންޓިއޮކްސިޑެންޓް ގެ ސަބަބުން މޫނުގައި ނަގާ އޮށާޅަ އަދި ބިހި ނައްތާލައެވެ. ލަކުނުތައް ފަނޑުކޮށްލާ ހަންގަނޑުގެ ކުލަވަރު އަލިކޮށްދީ މޫނު މަތި އަލި ކޮށްލައެވެ. އަދި ތަކޫވަގުގައި ހުންނަ އެންޓިބެކްޓީރިއަލް މާއްދާތަކުގެ ސަބަބުން ހަނގަނޑުގެ މަތީ ފަށަލައިގެ އެތެރެ ސާފްކޮށްލައެވެ. އެހެން ކަމުން މޫނުގެ އިންފެކްޝަންތަކުގެ ސަބަބުން ނަގާ އޮށާޅަފަދަ ތަކެތި ނެގުމުން ދުރުހެލިކޮށްދެއެވެ.

މޫނުގައި ލަކުނު ގިނަވެ ކަޅުވާނަމަ ތަކޫވަށް ގޭނުމަށްފަހު ނުވަތަ ތަކޫވަށް ޕައުޑާރ ގަނެގެން މޫނުގައި މާސްކެއް އެޅިދާނެއެވެ. މިމާސްކު ތައްޔާރު ކުރުމަށް ތަކޫވަށް ޕައުޑަރުގެ ތެރެއަށް ލުނބޯ ހުތް ކޮޅާކާއި ޕްލެއިން ޔޯގަރޓް ކޮޅެއް އެއްކޮށްލާފައި ތަތްކޮށް ހުންނަ ވަރަށް ޕޭސްޓެއް ތައްޔާރުކޮށްލާފަ މޫނުމަތީ އުނގުޅާލާށެވެ. އަދި 8 ވަރަކަށް މިނެޓް ބެހެއްޓުމަށްފަހު ފިނި ފެން ފޮދަކުން މޫނު ދޮވެލާށެވެ. މިޕޭސްޓް ހަފްތާއަކު 3 ދުވަހު ބޭނުންކޮށްލުމުން ހަންގަނޑުން ތަފާތު ފެންނާނެއެވެ.

މޫނުމަތީގައި ކުދި ބިހިނަގާ މޫނު ކަށިވެފަ ހުންނަނަމަ ބޭކިންގ ސޮޑާ ކޮޅާކާ، ތަކޫވަށް ޕައުޑަރު ކޮޅެއްގެ ތެރެއަށް މާމުއި ކޮޅެއް އަޅާއިގެން ހަނގަނޑު ގައި 5 ވަރަކަށް މިނެޓް ވަންދެން މަސާޖް ކޮށްލާށެވެ.