ކުޑަކުދީންނަކީ ކަންކަމާމެދު ވަރަށް ބޮޑަށް ފިކުރު ހިންގާ ބަޔެއްކަން ތަޖުރިބާތަކުން ސާބިތުވޭ. ވިޔައަކުރުގެ ނަންތަކާ މެދު ވެސް ދިވެހި ކުޑަކުއްޖަކު ޚިޔާލު ފާޅުކޮށް މިިކަމުގެ ޢިލްމުވެރީންނަށް އެ ޚިޔާލު ހުށަހަޅައިގެން އައު ނަމެއް އުފެއްދުމަކީ ކުޑަކަމެއް ނޫން.
ދިވެހިބަހުގެއުުސްތާޛެއް ކަމުގައިވާ އަދި ކުޅަދާނަ ވާހަކަދެއްކުންތެރިޔާ އަލްފާޟިލް ޢައްބާސް އިބުރާހީމް ތުއްޕުޅު އިރު ހިސާބު ޢިލްމު ދަސްފުޅުކުރައްވަން އެ މަނިކުފާނުގެ ތުއްތުބޭ އަރިހުގައި އުޅުއްވި. ޢައްބާސްގެ ތުއްތުބެ އަކީ މަޝްހޫރު ޙިސާބު ޢިލްމުވެރިޔާ އަލްމަރުޙޫމު ޢަބްދު ﷲ އިސްމާޢީލް ނުވަތަ އިސްމާޢީލްކަލޭފާނުގެ ތުއްތު (ތުއްތު ސާހަބު).
ޢައްބާސް ތުއްތުބެއަށް ދެންނެވި ކަމަށް ވަނީ އެގާރަ ބާރަ ތޭރަ މިހެން ކިޔަމުން އައިސް ވިހި ކިޔުމުގެ ކުރިން އޮނަވިހި ކިޔަނީ ކީއްވެތޯ؟ ތުއްތު ސާހަބު ޖަވާބުދެއްވި ކަމަށްވަނީ "އޮނަވިހީ"ގެ މާނައަކީ "ވިއްސަށް އެކެއްމަދު" ކަމުގަ. ތުއްތު މި ގޮތަށް ޖަވާބުދެއްވުމުން އެ ޖަވާބުގެ ރައްދެއްގެ ގޮތުން ޢައްބާސް ދެންނެވިކަމަށް ވަނީ، 18 އަށް، "ވިއްސަށް ދޭއް މަދު"، 17 އަށް "ވިއްސަށް ތިނެއް މަދު" މިހެން ނުކިޔަނީ ކީއްވެތޯ؟ ޢައްބާސް މި ގޮތަށް ދެންނެވުމުން ތުއްތު ސާހަބު ޖަވާބު ދެއްވުމުގެ ބަދަލުގައި ޢައްބާސް އަރިހުގައި ސުވާލުކުރެއްވި ކަމަށް ވަނީ "އޮނަވިއްސަށް ކިޔާނީ ދެން ކީކޭތޯއޭ؟" މި ސުވާލަށް ޢައްބާސް ޖަވާބުދެއްވައި ވިދާޅުވި ކަމަށް ވަނީ، ސަތާރަ އަށާރަ ކިޔުމަށް ފަހު ނަވާރަ ކިޔަންވީ ނޫންތޯއޭ؟
ޢައްބާސްގެ މި "ޅަ" ވިސްނުންފުޅު ވީ ތުއްތު ސާހަބުގެ އަރިގައި ވަރަށް މަޤްބޫލު ޚިޔާލުފުޅަކަށް. އެހެންކަމުން ތުއްތު ސާހަބު އެކަމާފުންކޮށް ވިސްނާ، އޭގެ ފަހުން ތުއްތު ނެރުއްވި ހިސާބު ޢިލްމުގެ ފޮތްތަކުގައި "ނަވާރަ" ބޭނުންފުޅުކުރައްވަން ފެއްޓެވި. އަދި މި އުޞޫލުން، އޮނަތިރީހަށް ނަވާވީސް، އޮނަސާޅީހަށް ނަވަތިރީސް، އޮނަފަންސާހަށް ނާވާޅީސް، އޮނަހައްޓިއަށް ނަވަވަންނަ، އޮނަހަތްތަަރިއަށް ނަވަހައްޓި، އޮނަ އާހި އަށް ނަވަހަތްތަރި، އޮނަވައި އަށް ނަވާހި، އޮނަސައްތަ އަށް ނަވާނަވައި މި ގޮތަށް ބޭނުންފުޅުކުރައްވަން ފެއްޓެވި.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން