ޒައިނިސްޓް ޔަހޫދީ އިސްރާއީލުން، ފަލަސްޠީނަށާއި ފަލަސްޠީނުގެ ޣައްޒާ އަށް ދެމުންދަނީ ނަސްލެެއް ނައްތާލުމަށް ދޭ ހަމަލާ ތަކެއް. މި ހަމަލާތައް އަމާޒުވަނީ އެއްވެސް ދިފާއެއް ލިބިފައިނުވާ އާއްމުންނަށް. އަދި ފަލަސްޠީނާ ޣައްޒާގެ ދިފާއުގައި މަސައްކަތް ކުރާ މުޖާހިދުންނާވެސް، މި ޔަހޫދީން ދަނީ ކުރިމަތިލުންތަކެއް ހިންގަމުން.

ފަލަސްޠީނުގެ މުޖާހިދުން އިސްރާއީލަށް ފޮނުވާލާ ރޮކެޓް މިސައިލްތައް އެ ގައުމުގައި ހުންނަ "އަޔަން ޑޯމް" ނަމަކަށް ކިޔާ ނިޒާމަކުން ހަލާކު ކޮށްލާ. ނަތީޖާއަކަށް ވަނީ ޖައްވު ތެރޭގައި އެ މިސައިލުތައް ހަލާކުވުން.

ައަޔަން ޑޯމް އިން އިސްރާއީލުގެ ސަރަހައްދަށް ވެއްޓެން އަންނަ ރޮކެޓް މިސައިލް ތަކުގެ %90 ޖައްވު ތެރޭގާ ގޮއްވާލާ. މިއީ 2006 ވަނަ އަހަރުން ފެށިގެން، އެމެރިކާގެ އެހީތެރިކަމާއެކު އިސްރާއީލުގައި ގާއިމުކޮށް ބޭނުން ކުރަމުން އަންނަ ދިފާއީ ނިޒާމެއް.

ވަރުގަދަ ރާޑަރު ސިސްޓަމަކާއި އެކު ބައްޓަން ކޮށްފައިވާ މި ނިޒާމުން، ރައްކާތެރިކޮށްދޭ ވަކި ސަރަހައްދެއް ކަނޑައަޅާފައި ވޭ. އެހެންކަމުން މި ރާޑަރު ސިސްޓަމަށް ރޮކެޓް މިސައިލެއް ފާހަގަވެ، އެ މިސައިލަކީ އޭގައި ފާހަގަ ކޮށްފައިވާ ސަރަހައްދަކަށް ވެއްޓެން އަންނަ މިސައިލެއް ނަމަ، އަޔަން ޑޯމް އިން ކުދި ކުދި މިސައިލުތަކެއް އެ މިސައިލާ ދިމާލަށް ފޮނުވާލާ. އަދި އެ މިސައިލު ވައިގެ ތެރޭގައި އޮއްވާ ގޮއްވާ.

ެިއިސްރާއީލަކީ މިއަދު ދުނިޔޭގައި ހަތިޔާރާ ހަނގުރާމަ މަތީ އާލާތްތައް އުފައްދާ ބޭނުން ކުރުމުގައި އެއްމެ ކުރީގައި އުޅޭ އެއް ގައުމު. ހުޅަނގުގެ އެތައް ގައުމެއްގެ ފަންނީ އެހީއާއި މާލީ އެހީތެރިކަން ހޯދައިގެން މި ޔަހޫދީން ކުރާހާވެސް ކަމަކީ ހަތިޔާރު އުފެއްދުމާ، ފަލަސްޠީނުގެ ބިން ހޯދަން މަސައްކަތް ކުރުން.

ނަމަވެސް މިއަދު ހައިރާންވާ އެއްކަމަކީ އެއްވެސް ބައެއްގެ މަދަދެއް އަދި މާބޮޑު މާލީ ތަނަވަސްކަމެއް ނެތް ފަލަސްޠީނުގެ މުޖާހިދުންގެ މައްޗަށް، އެ "މޮޅު" އިސްރާހީލަށް ކުރި ނުހޯދޭކަން. އެ "މޮޅު" ހަނގުރާމަ މަތީ ހަތިޔާރާ، އެ ވަރުގަދަ ދިފާއީ ނިޒާމާ، އަޔަން ޑޯމާ މިފަދަ ނިޒާމުތައް ހުއްޓެއް ކަމަކު، އެބައިމީހުންނަށް ފަލަސްޠީނުގެ މުޖާހިދުންގެ މައްޗަށް އަދި ކުރިއެރުމެއް ނުހޯދޭ. އަދި މި ފަހުން ވަނީ އަޔަން ޑޯމް ވެސް މައްސަލަ ޖެހި، އެއިން ފޮނުވާލި ދެ ހަމަލާ އިސްރާއީލުގެ ބިމަށް ވެސް ވެއްޓިފަ.

މިފަދަ ދަނޑިވަޅެއްގައި އިސްރާއީލުގެ މި އަޔަން ޑޯމް އާއި ބެހޭ މައުލޫމާތުކޮޅެއް އެނގިފައި ހުރުން އެއީ ބައެއް ފަރާތްތަކަށް މުހިއްމު ކަމެއް ކަމުގައި ދެކޭތީ އެ މައުލޫމާތު ހިއްސާ ކޮށްލީމު. މާތް ﷲ ފަލަސްޠީނަށް ނަޞްރު ދެއްވާ، ޔަހޫދީ އިސްރާއިލުން ބަލިކުރައްވާ ނިކަމެތި ކުރައްވާށި!