ކޮންމެ ދިރޭ އެއްޗެއްވެސް އުފައްދަވާފައިވަނީ އެ އެއްޗެއް ނުރައްކާތަކުން ސަލާމަތްވާނޭ މަގު އެ އެއްޗެއްސަށް ދައްކަވާފައި. ސުފާސޫފީގެ ތެރެއިން ހޯނުގެ ދިފާއީ ނިޒާމަށް ބަލައިލަމާ ހިނގާ. ހޯނުގެ ނިގުލަކީ ވަރަށް އާދަޔާހިލާފު ގުނަވަނެއް. ހޯނުގެ ދިފާއީ ނިޒާމުގައި މަސައްކަތް ކުރަނީ ހޯނުގެ ނިގޫ. ހޯނުގެ ނިގުލާ ހޯނުގެ ހަށިގަނޑު ގުޅިފައި އިންނަނީ އާދަޔާ ހިލާފު ގޮތަކަށް. ތަފާތު ވައްތަރެއްގެ ކަނެކްޓިވް ޓިޝޫ ތަކަކުން ގުޅިފައިވާ ހޯނުގެ ނިގުލަށް ލޭ ދައުރު ކޮއްދެނީ ވަރަށް މަދު ލޭ ހޮޅިތަކަކުން. އެގޮތުން ހޯނަށް ނުރައްކަލެއް ނުވަތަ ހަމަލާއެއް ކުރިމަތިވުމުން ހޯނުގެ ހިތުގެ ހިނގުން އަވަސްވެ، މަސްތައް ކޮންޓްރެކްޓްވޭ. އޭރުން ނިގުލަށް ލޭ ފޮނުވައިދޭ ލޭ ހޮޅިތަށްވެސް ހިމަވެ ނުވަތަ ފިތޭގޮތްވޭ. ނަތީޖާ އަކީ ހޯނުގެ ނިގުލަށް ލޭ ފޮނުވައި ނުދިނުމުގެ ސަބަބުން ހޯނުގެ ނިގޫ ވަކިވުން. މިގޮތަށް ނިގޫ ވަކިވާ އިރު، ވަރަށް ކުޑަ މިންވަރެއްގެ ލޭކޮޅެއްވެސް ބޭރުވާނެ. ހޯނުގެ ނިގޫ ހޯނާ ވަކިވާ އިރު، މަސްތަކުގެ ކޮންޓްރެކްޝަން އެއް އައިސްފައި ހުރުމުގެ ނަތީޖާ އަކީ ހޯނުގެ ނިގޫ ވަކިވުމަށް ފަހުގައިވެސް އެ ނިގޫ ތެޅިފޮޅޭ. އޭރުން ހޯނުގެ ދުޝްމިނުގެ ނަޒަރު އެ ނިގުލަށް ލިބޭ. ބައެއް ދުޝްމިނުން ބިރުންވެސް ދުރުވޭ. ހޯނުގެ ނިގޫ ވަކިވާ ހިސާބުން އައު ނިގުލެއް ލާން ފަށާ. މިއީ އިލާހީ ގާނޫނުގެ ތެރެއިން ރޭވި ތަރުތީބުވަމުން ހިނގާ އަޖައިބުކުރަނިވި ފުރިހަމަ ކަމެކެއް.