އަޑަކީ ވައިބްރޭޝަނަކުން އުފެދޭ ގުޑުން ތަކެއް. މި ގުޑުންތައް އަޑަށް ވަނީ ކިހިނެތް ވެގެން؟

އެންމެ ފުރަތަމަ ކޮންމެވެސް ތަނަކުން އަންނަ މިފަދަ ގުޑުމެއް ނުވަތަ ވޭވްއެއް ކަންފަތުގައި ޖެހޭ. ކަންފަތުގެ ބޭރުގެ ބައްޓަން ފަރުމާވެފައިވަނީ އެ ވޭވްތައް ކަންފަތުގެ އެތެރެއަށް ފޮނުވާލަން ފަސޭހަ ވާނޭ ގޮތަކަށް. މިގޮތަށް މި ވޭވްތައް ކަންފަތުގެ ތެރެއަށް ވަދެ ކަންފަތުގެ ހޮޅިން ދަތުރުކުރޭ. މިގޮތަށް ދަތުރުކުރަމުން ގޮސް ކަންފަތުގެ ތޫރީގައި މި ވޭވްތައް ޖެހޭ. އެހިސާބުން ކަންފަތުގެ ތޫރިއަށްވެސް ގުޑުމެއް ނުވަތަ ވައިބްރޭޝަންއެއް އާދޭ. ކަންފަތުގެ ތޫރި އާއި ގުޅިގެން އެތެރޭގައި ވަރަށް ކުޑަކުޑަ ތިން ކަށިކޮޅުވޭ. މިއީ އިންސާނާގެ ހަށިގަނޑުގައިވާ އެންމެ ކުޑަ ތިން ކަށިކޮޅު. ތޫރި އަށް އަންނަ ވައިބްރޭޝަން ނުވަތަ ގުޑުން، މި ތިން ކަށިކޮޅަށްވެސް އާދޭ. ދެން މި ތިން ކަށިކޮޅުގެ ތެރެއިން އެންމެ އެތެރޭގައި އިންނަ ކަށިކޮޅުގެ ވައިބްރޭޝަންއިން ނުވަތަ ގުޑުމުން އެ ކަށިކޮޅާއި ޖެހިގެން އިންނަ "ކޮކްލިއާ" ނަމަކަށް ކިޔާ ކުޑަކުޑަ ގުނަވަނަކަށް ގުޑުން އާދޭ. މި ގުނަވަނުގެ އެތެރޭގައި ދިޔަވަރެއް ހުރޭ. އަދި މި ގުނަވަނުގެ އެތެރެ ފާރުގައި އިސްތަށި ކަހަލަ ކުދި ކުދި ގުނަވަންތަކެއްވޭ. އެ ގުނަވަނަށް އަންނަ މި ގުޑުމުގެ ސަބަބުން ގުނަވަނުގެ ތެރޭގައި ހުންނަ މި ދިޔަވަރަށްވެސް ގުޑުން އާދޭ. އެ ހިސާބުން ކުރިން މިދެންނެވި އިސްތަށިތައް ފަދަ ގުނަވަން ތަކަށްވެސް ގުޑުން އާދޭ. އެހެނީ މި އިސްތަށިތައް ފަދަ ގުނަވަންތައް ވާނީ އެ ދިޔަވަރުގެ ތެރޭގައި ކަމަށް ވާތީ. މި އިސްތަށިތައް ފަދަ ގުނަވަންތައް ގުޅިފައިވަނީ ހިއްސު ދެނެގަންނަ ނާރުތަކާ. އެ ނާރުތައް މެދުވެރިކޮށް މި މެސެޖު ސިކުނޑިއަށް ފޮނުވައިދޭ. ކަންފަތުން ފޮނުވައިދޭ މެސެޖެއް ސިކުނޑިއަށްދާނީ ސިކުނޑީގެ ދެ ފަރަތާތުގައި އިންނަ ބަޔަކަށް. ޓެންޕޯރަލް ލޯބް ނަމަކަށް ކިޔާ މިބައިގެ ތެރޭގައި އިންނަ އޮޑިޓަރީ ކޯޓެކް ނަމަކަށްކިޔާ ތަނަކުން މި މެސެޖު ދެނެގަނޭ. އަދި ދިރާސާކޮށް، އެއީ ކޮން އަޑެއްކަން ބުނެދޭ. ޖައްވުގައި އުޅޭ ގުޑުމެއް ނުވަތަ ވޭވް އެއް، އެއީ ކޮން އަޑެއްކަން އިންސާނާއަށް ދެނެގަނެވެނީ މި ފުރިހަމަ ނިޒާމުން. ތަރުތީބުވެ ހިނގާ މި ފުރިހަމަ ނިޒާމަކީ އަޖައިބެއްކަހަލަ ނިޒާމެއް.