ދުނިޔޭގެ އެންމެ ނުރައްކާތެރި ދިރޭ އެއްޗަކީ ކޮބައިތޯ އެހުމުން ލިބޭނޭ ބައިވަރު ތަފާތު ޖަވާބުތަކެއް ވާނެ. އެހެން ނަމަވެސް އެންމެ ނުރައްކާތެރި ދިރޭ އެއްޗަކީ ސުއިއްޕެއް. ކުޑަކުޑަ ސުއިއްޕެއް. އާދެ! އެއީ މަދިރި. މަދިރިއަކީ އެންމެ ނުރައްކާތެރި ސުއިއްޕަށް ވަނީ ކީއްވެ؟ މަދިރީގެ ސަބަބުން ދުނިޔޭގައި އަހަރަކު 1 މިލިއަނަށްވުރެ ގިނަ މީހުން މަރުވާ ކަމަށް ދިރާސާތަކުން ދައްކާ. ނަމަވެސް މި މަދިރި އަކީ ހިމަ ހިމަ ކައްޓަކުން އިންސާނުނަށް އަނިޔާދޭ ސުއިއްޕެއް. މި ކުޑަ ކުޑަ ސޫފީގެ ސަބަބުން މިހާގިނަ އަދަދެއްގެ ބަޔަކު ކޮންމެ އަހަރަކު މަރުވަނީ ކީއްވެތޯވެސް ބަލާލުން މުހިންމު.

މަދިރި އަކީ އެސޮރުގެ ސަބަބުން ވަރަށް ގިނަ ބަލި ފެތުރޭ ސުއިއްޕެއް. އަދި އޭގެ ތެރޭގައި ބޮޑެރި ނުރައްކާތެރި ބަލިތައް ހިމެނޭ. އެގޮތުން ފާހަގަ ކޮށްލަން ޖެހޭ ބަލިތަކެއްވޭ. ޑެންގޫ ހުމާއި މެލޭރިއާ އަދި ޒިކާ ވައިރަސް ފަދަ ބޮޑެތި ނުރައްކާތެރި ބަލިތައް ފަތުރުވާ އެއްޗަކީ މަދިރި. މަދިރިން ބަލި ފެތުރެންވީ ކީއްވެތޯވެސް އަމުދުން ބަލައިލުން މުހިންމު. މަދިރި ގޮސް އިންސާނެއްގެ ގައިގާ ކަށި ޖަހާ ހިސާބުން އެ އިންސާނެއްގެ ލޭގެ ތެރޭގައި ހުންނަ ބައެއް ޖަރާސީމުތައް އެ ކަށީގައި ހަރުލާ. ދެން އެ މަދިރި އުދުހި ގޮސް އެހެން އިންސާނެއްގެ ގައިގާ ޖައްސާ ކަށި ޖަހާ ހިސާބުން އެ އިންސާނެއްގެ ލޭގެ ތެރެއަށް އެ ޖަރާސީމެއް ވަދޭ. މި ސަބަބުތައް މިހެން ހުރުމުން މަދިރި ވެގެންދަނީ އެންމެ ނުރައްކާތެރި ދިރޭ ސުއިއްޕަށް.