ކާއްޓަކީ ދިވެހި ގައުމީ ގަހުން އަހަރެމެންނަށް ލިއްބައިދޭ ކާނާއެއް. އާދެ، ދިވެހި ރުކުން ލިއްބައިދޭ ކާނާއެއް. ކާއްޓަކީ ދިވެހިންގެ ކެއުމުގައި ވަރަށް ގިނައިން ބޭނުން ކުރެވޭ މޭވާއެއް. ކާށިން ކުރެވޭ ބޭނުންތައް ކިތަންމެހާވެސް ގިނަ. އެއިން ކޮންމެ ބޭނުމަކީ ތަފާތު ބޭނުމަކަށް ވެދާނެ. ދިވެހިންނާއި ކާއްޓާ ދެމެދު އޮންނަ ގުޅުމަކީ ވަކި ނުކުރެވޭނެ ވަރުގަދަ ގުޅުމެއް. ކަންމިހެން ހުރުމާއި އެކު ކާއްޓާ ބެހޭގޮތުން އަހަރެމެން ނުދަންނަ އައު ވާހަކަތަކެއް ހުރެދާނެއޭ ބުނުމުން އެކަމާ ހައިރާން ވެދާނެ. އެހެން ނަމަވެސް ކާއްޓާ ބެހޭ އާދަޔާ ހިލާފު، ގަބޫލުކުރަން ދަތި ވާހަކައެއް އެބައޮތް. އާދެ! ކާށިން ކުރި ވަރަށް އާދަޔާ ހިލާފު ބޭނުމެއްގެ ވާހަކަ. ދުނިޔޭގައި ކުރެވުނު އެންމެ ބޮޑު އެއް ހަނގުރާމަ ކަމަށްވާ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު، ކާށި ވެގެން ގޮސްފައިވަނީ އެއްބައެއްގެ ހަތިޔާރަކަށް. ޖަޕާނުގެ ސިފައިން އެމީހުންގެ ހަތިޔާރެއްގެ ގޮތުގައި ކާށި ބޭނުން ކުރީ ކާށިން ބޮން ހަދައިގެން. އެބައިމީހުން ކާށިން ބޮން ހަދާފައިވާގޮތް، ފަރަންޖީ ބައެއް މަޖައްލާތަކުގައި ސިފަކޮށްފައިވޭ. އެބައިމީހުން ކާށި ހެހެގެން، ކާށީގެ ތިން ލޮލުން އެއްލޯ ފޫދުއްވާލާ ކާށީގެ ފެން ހުސްކޮށްލާ. އަދި އެއަށްފަހު ކާށީގެ ތެރެއަށް ކުޑަ ތެޔޮފޮދެއް އެޅުމަށްފަހު އެމީހުން ބޭނުން ކުރަމުން އައި ކެމިކަލެއް އަޅާ. އަދި ތޮރުފާލެވުނު ލޮލާއި ހެޔޮވަރު ލަކުޑި ކޮޅެއް ލޮލަށް ޖަހާ ލޯ ބައްދާލާ. ދެން އަނެއްކާ އެ ލަކުޑިކޮޅު މެދުން ހިމަ ވިދެއް އެޅުމަށްފަހު އަލިފާން ނަރުކޮޅެއް ބާރުކޮށް ވައްދާ. ބޮމެއްގެ ގޮތުގައި ކާށި ގޮވަނީ އެ ނަރުކޮޅުގައި ރޯކޮށްލުމުން އަނދަމުން އަދަމުން ގޮސް ކާށީގެ އެތެރޭގައި ހުރި ކެމިކަލްތަކަށް އަލިފާން ފޯރުމުން. ބުނެވޭ ގޮތުގައި ޖަޕާނު މީހުން އެގޮތަށް ރޯކުރުމަށްފަހު ދުޝްމަނުންނާއި ދިމާލަށް އުކި. މިއީ ކާށީގެ ދިގު ތާރީހުގައި ބަޔަކު މީހުން ކާށިން ކޮށްފައިވާ އާދަޔާހިލާފު ބޭނުމެއް. އެހެން ކަމުން މުސްތަގުބަލުގައިވެސް ކާށިން އާދަޔާ ހިލާފު ބޭނުމެއް ކުރާތަން ދިރިތިބީންނަށް ފެނުމުގެ ފުރުސަތު ވަރަށްވެސް ބޮޑު.