ފިނި ހޫނުމިން ތަފާތުވުމުގެ ސަބަބުން ދުނިޔޭގެ އެކި ހިސާބުތަކުގައި ގަނޑުފެން އުފެދި އަދި ވިރެމުންދޭ. އިންސާނާ ދިރިއުޅޭ މާހައުލުގައި ހުންނަ އައިސް އަލަމާރި ތަކުގައިވެސް ފެން ގަނޑުކުރޭ. ގަނޑުފެނަކީ ދިޔާ ފެނަށްވުރެ ލުއި އެއްޗެއް. މިކަން ދުނިޔޭގެ ދެ ދަނޑިއަށް ބަލައިލުމުން ހެކިވާނެ. ކަނޑުގެ ލޮނުގަނޑުގެ މަތީގައިވާ އައިސްތައް އުފިލިފައިވާ މަންޒަރު ފެންނާނެ. ހަމައެގޮތަށް ކާގޭގެ ކާ މާޒުމަތިންވެސް މިކަން ހެކިކޮށްދޭނެ. ފެންތައްޓަކަށް ފެން އެޅުމަށްފަހު އޭގެ ތެރެއަށް އައިސް އެޅުމުން އެ އައިސް ތަށީގެ އަޑިއަށް ނުގޮސް ފެނުމަތީގައި އޮވޭ. މިއީ ފެނަށްވުރެ އައިސް ނުވަތަ ގަނޑުފެން ލުއިވުމުން ވާގޮތެއް. ގަނޑުފެން ފެނަށްވުރެ ލުއިވަނީ އޭގައި ހުންނަ މޮލިކިއުލްތަކުގެ ސަބަބުން. ފެނުގައި ހުންނަ މޮލިކިއުލްތައް ހުންނަނީ މާ ގާތްގާތުގައި އެމުނި އެކުލެވިގެން. އެހެން ނަމަވެސް ފެން ގަނޑުވަމުން ދާނަމަ އެ މޮލިކިއުލްތަކުގެ ޖާގަ ދުރުވޭ. އެގޮތުން އެއް މޮލިކިއުލް އާއި އަނެއް މޮލިކިއުލް އާދޭތެރޭ ހުސް ޖާގަ އޮވޭ. މިއީ ފެނަށްވުރެ ގަނޑުފެން ލުއިވާ ސަބަބު.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން