އިންސާނާގެ އަނގައަކީ އެތަނެއްގައި ވަރަށްގިނަ މައިކުރޯ އޯގަނިސަމްސް އުޅޭ ތަނެއް. ހަށިގަނޑަށް ބޭނުންވާ ފައިދާހުރި އެތައް ޖަރާސީމަކާއި، ގެއްލުން ދެނިވި ޖަރާސީމުވެސް އަނގައިގެ ތެރެއިން ފެނޭ. މިއީ އިންސާނާގެ އަނގަ ނުވަތަ ދަތްތަކުގެ ނުރައްކާ ބޮޑުކުރުވާ އެއް ސަބަބު. އިންސާނާގެ ދަތުން އެހެން އިންސާނެއްގެ ހަށިގަނޑަށް ދެވޭ އަނިޔާއަކީ އެހެން ޖަނަވާރެއްގެ ދަތަކުން ދެވޭ އަނިޔާއަށްވުރެ ނުރައްކާތެރި އަނިޔާއެއް. ފަހަރުގައި އިންސާނާ ދަތް އެޅުމުގެ ސަބަބުން ބުރިވެގެން ނުގޮސްފާނެ. ނަމަވެސް ކަނޑައިގެން ގޮސް މަސްގަނޑުގެ ތެރެއަށް ދަތްޕިލަ ވަދެއްޖެ ނަމަ އޭގެ ސަބަބުން އޭގެ ނުރައްކާ މާ ބޮޑުވޭ. އެހެނީ އިންސާނާގެ ދަތްޕިލައިން ނުވަތަ އަނގައިން އެ މަސްގަނޑަކަށް ފޯރާ ޖަރާސީމު ތަކުގެ ބާރު އިންތިހާއަށް ގަދަކަމުން. އެފަދަ އަނިޔާއަކަށް ލަސްނުކޮށް ފަރުވާ ހޯދަން ޖެހޭނެ. ހަމަ އެއާއި އެކު ދަތްއުޅުމުގެ ސަބަބުން ބޮޑެތި ނުރައްކާތެރި ބަލިތައް ޖެހުމުގެ ފުރުސަތުވެސް ބޮޑުވޭ. އެގޮތުން އެޗް.އައި.ވީ، ހެޕަޓައިޓިސް "ބީ" އަދި "ސީ"، މީގެ އިތުރުން ކުރިމަތިފަރާތައް ޖެހޭ ސިފިލިސް ފަދަ ބަލިތަކަކީ މިކަމުގެ ސަބަބުން ޖެހިދާނެ ބަލިތައް. ހަމަ އެއާއިއެކު ދަތް އަޅާ ތަނެއްގައި ޖަރާސީމު އަށަގަތުމާ، އެތަން ދުޅަވެ ލޭ ނުބައިވުން ހިމެނޭ. އެހެން ޖަނަވާރެއްގެ ދަތްއުޅުމުން ވެސް މިކަން މިހެން ހިނގާފާނެ. ނަމަވެސް އިންސާނުންގެ ދަތް އެޅުން މާ ނުރައްކާ ވަނީ އޭގެ ސަބަބުން މާ ނުރައްކާތެރި އެހެން ބަލިތަކަކަށް އިންސާނާ ހުށަހެޅޭތީ. އެއީ އިސްވެ ދެންނެވުނު ނުރައްކާތެރި ބަލިތައް. އެހެން ކަމުން އިންސާނެއްގެ ދަތަކުން ލިބޭ އަނިޔާއެއް ލުއިގޮތަކަށް ދޫކޮށްލައިގެން ނުވާނެ.