ގަހެއްގައި މޭވާއެއް ނުވަތަ އޮށެއް ނުކުންނާނީ އެ ގަހަހެއްގައި އަޅާ މަލުގެ ސަބަބުން. އެގޮތުން ކޮންމެ ގަހެއްގައި ނުބަތަ ކޮންމެ ބާވަތެއްގެ ގަހެއްގައި އަންހެން މަލާއި ފިރިހެންމާ ހުރޭ. މިފަދައިން އަންހެން މަލުގެ ހައްޓާއި ފިރިހެން މަލުގެ ހަށި އެއްމަލެއްގެ ތެރޭގައި ހުންނަ ވައްތަރުގެ މާ ވެސް ހުރޭ. އަދި އަނެއްގައި ގަސްގަހުގައި އަންހެން މަލާއި ފިރިހެންމާ އަޅާނީ ވަކިން. ބައެއް ވައްތަރުގެ ގަސްގަހާ ގެހީގައި އަންހެން ގަހާއި ފިރިހެން ގަސް ހުރޭ. މާނައަކީ އަންހެން ގަހުގައި ފިރިހެން މަލެއް ނުނިކުންނާނޭ. ފިރިހެން މަލާއި އަންހެން މާ ހުންނާނީ މުޅިން ދެގަހެއްގަ. މަލަކުން އޮށެއް ނުވަތަ މޭވާއެއް އުފެދޭ ނިޒާމަކީ ވަރަށް ފުރިހަމަ އަދި އެހާމެ އަޖައިބުކުރުވަނިވި ނިޒާމެއް. މަލުގައި ހުންނަ ފިރިހެން ހައްޓަށް ސްޓެމެންއޭ ކިޔާ. މި ބައިގައި ކުދި ކުދި ޕޯލެންތައް އުފެދިފައި ހުރޭ. މަލެއްގެ އަންހެން ހައްޓަކީ ޕިސްޓިލް ނަމަކަށް ކިޔާ ބައެއް. މިއީ ފިރިހެން ހަށީގައި ހުރި ޕޯލެންތައް ބަލައިގަންނަ ނުވަތަ ލިބިގަންނަ ތަން. އަންހެން ހަށީގައި ފިރިހެން ހަށީގައި ހުންނަ ޕޯލެންތައް ޖެހުމުން. އޭގެ ތެރެއަށް ދަމައިގަނޭ. އަދި އޭގެ ތެރޭގައިވާ ހިމަ ހޮޅިއަކުން، މަލުގެ އޯވަރީ ނުވަތަ ބިސްރަވައަށް އެ ޕޯލެންތައް ގެންދޭ. މި ބިސްރަވައިގައި ހުންނަ ބިސްތަކާއި ޕޯލެންތައް ގުޅި އޮށް ނުވަތަ މޭވާ އުފެދެން ފަށާ. އަހަރެމެން ގޭ ދޮށުގައި މޭވާ އަޅާ އެތައް ގަހެއް އިންދާ. މިއިން ކޮންމެ މޭވާއެއްގެ ހަގީގަތަކީ މިއީ. މާތް ﷲ ތަރުތީބު ކޮށްދެއްވާފައިވާ މި ފުރިހަމަ ނިޒާމަކީ އެކަލާންގެ ކުޅަދުންވަންތަކަން ހާމަކޮށްދޭ ވަރަށް އަލިގަދަ ދަލީލެއް.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން