ދިވެހި ކާބަފައިން އެބައިމީހުންގެ ގެދޮރު ބިނާކޮށް އުޅުނީ އުވައިން. ފަރުތަކުން ނަގާ ގަލާއި މުރަކައިން ގެދޮރު އިމާރާތްކުރަމުން ދިޔައީ އެބައިމީހުންގެ އަތްތަކުން ދަވާ އުވަ ބޭނުން ކޮށްގެން. އެހެންކަމުން ކޮންމެ ދިވެއްސަކުވެސް ކާބަފައިންގެ ހައްގުގައި ނަމަވެސް އުވަ ދަވާގޮތް، ކޮންމެވެސް މިންވަރަކަށް އެނގިގެން ތިބުން ވަރަށްވެސް މުހިންމު. އުވަ ދެވުމަށް ފުރަތަކަމަ ކުރާކަމަކީ ލަކުޑި އެއްކުރުން. އެގޮތުން ބޮޑެތި ގަސްދަރާއި ލަކުޑި އެއްކުރޭ. ގަސްގަަސް ކަނޑައިގެންނާއި ކަނޑާފައި ހުންނަ ގަސްގަހުގެ ބުޑު ޖަމާކުރޭ. އުވަވަޅެއް ދަވާލެވޭ ވަރަށް ލަކުޑި އެއްކުރެވުމުން، އަންދާނެ ގަލާ މުރަކަ ބަލާ ފަރަށްދޭ. މިގޮތަށް ދަނީ އަތޮޅުތަކުގައި ހުންނަ ބޮޑެތި ފަރުތަކަށް. އުވަ ދެވުމުގައި އެންމެ މަޝްހޫރުކޮށް ބޭނުންކޮށް އުޅެނީ ހިރިގާ. އެއާއި އެކު މުރަކައަކީވެސް އާންމު އެއްޗެއް. މޫދަށް ފީނުމަށްފަހު ފަރުމަތީގައި ހުންނަ ގަލާ މުރަކަ ވަކިކޮށް، ވާޖަހައިގެން ނަގާ ދޯނިފަހަރަށް ބަރުކުރޭ. އެއަށްފަހު އެ ގަލާ މުރަކަތައް ގެނެސް އުވަދަވާ ސަރަހައްދަށް އަރުވާ. އާންމުކޮށް އުވަ ދަވާއުޅޭނީ ހޭޅި ހޭޅީގައްޔާއި އަތިރިމަތީ ފަސްގަނޑުގައި. އުވަދެވުމަށް ފުރަތަމަ ބޮޑު ވަޅުގަނޑެއް ކޮންނަން ޖެހޭ. އެ ވަޅުގަނޑު ކޮނުމަށްފަހު ވަޅުގަނޑުގެ ފޫ ފޮރުވާލެވޭ ވަރަށް ހިކި ފަން އަޅާ. އޭގެ މަތިން އެއްކުރި ލަކުޑިތައް ހަމަޖެހޭ ތަރުތީބަކުން އަތުރާ. މި ލަކުޑިތައް އަތުރާއިރު އުވަ ވަޅުގެ ތުންފަތުގެ ކައިރިން ހަތަރު ވަރަކަށް އާނގިވަޅު ހަދާނެ. މި އާނގިވަޅުތައް ވަޅުގެ ތުންފަތާ ހިސާބުން، ފުލަށް ހާމަކޮށް ފެންނަން ހުންނާނެ. މިއީ އުވަވަޅު ރޯކުރާ އަލިފާން ލާ އާނގިވަޅުތައް. ލަކުޑި ޖަހާނިންމުމަށްފަހު މި އާނގިވަޅުތަކުގެ ތުންފަތް ފޮރުވާލުމަށް ބޮޑު ގާގަނޑެއް ބާއްވާނެ. ތަރުތީބަކުން ލަކުޑިތައް ޖެހުމަށްފަހު، އޭގެ ވަށައިގެން، އެއްކުރި ގާތައް ޖަހާ. މިގޮތައް އެ ގާތަކާ މުރަކަށް ޖަހާ ނިމޭއިރު ފެންނަން ހުންނާނީ ގާފުންޏެންހެން. ގާތައް ޖަހާ ނިމުމުން ދެން އެވީ އުވަވަޅަށް ހުޅުލާން. އުވަވަޅަށް ހުޅުލަނީ ނާށީގައި ރޯކޮށްފައި. ރޯކޮށްފަ އޮންނަ ނާށި ގެންގޮސް އެއްކަލަ އާނގިވަޅިތަކުގެ މަތިން ބޭއްވި ގާގަނޑު ނެގުމަށްފަހު، އެ އާނގިވަޅުން ދޫކޮށްލާނެ. މިގޮތަށް ހުރިހާ އާނގިވަޅަކުން ނާށި ދޫކޮށްލުމާއެކު މާ ގިނަ އިރުތަކެއްނުވެ ލަކުޑިތަކުގައި ހުޅުހިފާ ރޯވާނެ. މިގޮތަށް ރޯވެ ގާތަކާ މުތަކަށް އަނދަމުން ދާނެ. މިގޮތަށް ހުޅުގަނޑު އެއްދުވަސްވަންދެން އަނދާނެ. އެއަށްފަހު އެއްދުވަސް މެދަށް ދޫކޮށްލާނެ. އެއީ ހޫނު މަޑުކުރުމަށް. ވަކި ހޫނު މިނަކަށް އުވަވަޅުގެ ހޫނު މަޑުވުމުން އުވަވަޅަށް ލޮނު ޖަހާނެ. އަނދާފައި ހުންނަ ގާ ނުވަތަ މުރަކަ ލޮނާއި އެކުވުމުން އުވައަށް ބަދަލުވޭ. މިގޮތަށް މުޅި އުވަ ވަޅުން ލޮނުން ތެންމާލެވޭއިރު ހުންނާނީ އުވައަށްވެފައި. ދެންފަކީރާ ޖަހައިގެން ގޯނިގޯންޏަށް އުވަތައް އަޅާނެ. އަދި ރައްކާ ކުރަންވެސް ކުރާނެ. މިދަންނަވާލެވުނީ ކުރުގޮތަކަށް ދިވެހިން އުވަދަވާ އުޅުނުގޮތް. މިއީ ހަގީގަތުގައި ވަރަށް ބުރަ، އެހާމެ ބޮޑު މަސައްކަތެއް. މިއީ ދިވެހިންގެ މަސައްކަތްތެރިކަމާއި ހިތްވަރު ހާމަކޮށްދޭ އަލިގަދަ ހެއްކެއް.