ނިޔަފައްޗަކީ ބައެއްމީހުން ވަރަށް ފަރުވާތެރިކަމާއި އެކީ ވަރަށް ރީތިކޮށް ގެންގުޅޭ ގުނަވަނެއް. އާންމު ކޮންމެ އިންސާނަކީވެސް ނިޔަފަތި ހުންނަ އަދި ނިޔަފަތި ކަނޑާ އިންސާނަކަށް ވާނެ. އެގޮތުން ނިޔަފައްޗާއި ބެހޭގޮތުން އަޖައިބުކުރަނިވި ބައެއް ވާހަކަތަކެއް އެނގުން ވަރަށްވެސް މުހިންމު. ނިޔަފަތި އުފެދިފައިވަނީ އިސްތަށިވެސް އުފެދިފައިވާ މާއްދާއިން. ނަމަވެސް އެމާއްދާގެ ހަރު ބާވަތަކުން. އެއީ ޕްރޮޓީންގެ ބާވަތެއް ކަމަށްވާ ކެރަޓިން ނަމަކަށް ކިޔާ މާއްދާއެއް. މިއީ މަރުވެފައިވާ މާއްދާއެއްކަމަށް ދިރާސާވެރިން ބުނޭ. ސީދާ ނިޔަފައްޗަށް ލިބޭ އަނިޔާއަކުން ތަދު އިހުސާހެއް ނުކުރެވޭނެ. ނަމަވެސް މަސްގަނޑާއި އެކުވެ ލިބޭ އަނިޔާތަކުގައި ވޭން ހުންނާނެ. އިންސާނުންގެ ނިޔަފަތި އެވްރެޖުކޮށް ދިގުވާނީ މަހަކު 3.5 މިލިމީޓަރަށް. ނަމަވެސް އެކިމީހުންގެ މި މިންވަރު ތަފާތުވޭ. އަންހެނުންނާއި ފިރިހެނުންގެ ނިޔަފަތި ދިގުވާ މިންވަރު ތަފާތުވޭ. ހަމަ އެއާއި އެކު ކަނާތާއި ވާތުގެ ނިޔަފަތިތައް ދިގުވާ މިންވަރުވެސް ތަފާތުވޭ. ދިރާސާވެރިން ދެކިލައްވާ ގޮތުގައި އަންހެނުންނަށްވުރެ ފިރިހެނުންގެ ނިޔަފަތިތައް ދިގުވާލެއް އަވަސް. އަދި ވާތަށް ވުރެ ކަނާތުގެ ނިޔަފަތިތައް ދިގުވާލެއް އަވަސްވާނޭ. ފަހަރުގައި މިކަން އިންސާނުންނަށް އިހުސާސް ނުކުރެވި ހިނގައިދާނެ. މިއީ ނިޔަފައްޗާއި ބެހޭގޮތުންހުރި ބައެއް އަޖައިބުކުރަނިވި ކަންކަން. މިއިން ކޮންމެ ކަމާއި މެދު ވިސްނާ ފިކުރު ކުރާނަމަ، ހެއްދެވި ފަރާތުގެ ފުރިހަމަކާއި ކުޅަދުންވަންތަކަން އެނގި ހާމަވާނެ.