ހުޅަނގުގެ ގައުމުތަކުގެ ޝާހީ ކައިވެނިތަކުގައި ހުދުކުލައިގެ ހެދުން އެޅުން އެއީ ކުރިން ކޮށް އުޅުނު ކަމެއް ނޫން. ގިނަ ގައުމު ތަކުގައި ހުދުކުލައަކީ ހިތާމަވެރި ވަގުތުގައި ބޭނުންކުރާ ކުލައެއް. އިނގިރޭސިވިލާތުގައި އެންމެ ފުރަތަމަ ހުދުކުލައިގެން ކައިވެނީގެ ހެދުމެއް ބޭނުންކުރި ކަމަށް ތާރީޚުން ފެންނަން އޮތީ 1406 ވަނަ އަހަރު ޕްރިންސަސް ފިލިއްޕާ އަދި ޕްރިންސް އެރިކްގެ ކައިވެނީގައި. ސްކޮޓްލެންޑްގައި އެންމެ ފުރަތަމަ ކައިވެނީގެ ހުދު ހެދުމެއް ބޭނުންކުރީ 1559 ވަނަ އަހަރު ކުރީން މޭރީގެ ފުރަތަމަ ކައިވެނި ފްރާންސްގެ ވަލީއަހުދު ފްރާންސިސް އާ ކުރެވުނު އިރު. އެދުވަސްވަރު ފްރާންސްގައި ހުދުކުލަ ބޭނުން ކުރަނީ ޖަނާޒާތަކުގައި އަދި ސްކެންޑިނޭވިއާގެ ކައިވެނިތަކުގައި ގިނައިން ބޭނުންކުރަނީ ކަޅު ކުލަ. ކައިވެނި ހެދުން ހުދުކުލައިން އެޅުން ފެޝަނަކަށް ވެގެން ދިޔައީ ކުއީން ވިކްޓޮރިޔާގެ ކައިވެނި އަލްބާރޓް އާ ކުރެވުނު ހިސާބުން. އޭގެ ފަހުން އާންމުގެ ގިނަ ބަޔަކު ކުއީން ވިކްޓޯރިޔާ މިސާލަކަށް ބަލައިގެން މިކަން ކުރަން ފެށި. ހުދުކުލައިން ކައިވެނި ހެދުން އަޅަން ފެށި ނަމަވެސް 1900 ގެ ކުރީ ކޮޅާއި ހަމައަށް ކައިވެނި ހެދުންތަކުގައި އެކި ބާވަތުގެ ރޭނދާ އަޅާ ރޫޖެއްސުމަކީ އާދައެއް. މިކަން މިހާރު ނެތެމުން ގޮސް އެންމެ ގިނަ ބަޔަކަށް ރީތިކަމަށް ވަނީ އެންމެ ސާދާކޮށް ހުންނަ ހެދުން.