ކިނބިހި އެޅުމަކީ ކޮންމެ މީހަކަށްވެސް، ކޮންމެ އިރަކުވެސް ކުރިމަތިވެދާނޭ، ބޭއިހްތިޔާރީ ކަމެއް. ކިނބިހި އެޅެނީ ނޭވާލާ ނިޒާމުގެ ތެރެއަށް ނުގުޅޭ ކޮންމެވެސް ޒާތެއްގެ "އެއްޗެއް" ދިއުމުން، އެ "އެއްޗެއް" ބޭރުކޮށްލުމަށް ހިނގާ ދިފާއީ ހަރަކާތެއް. ކިނބިހި އެޅޭ އިރު ފުއްޕާމޭގެ މަސްތައް ކުއްލިގޮތަކަށް ބާރުވެ ކުޑަވޭ. ހަމަ އެއާއި އެކު މޭމަތީގެ ބައެއް މަސްތަކާއި ކަރާއި މޫނުމަތީގެ ބައެއް މަސްތަކަށްވެސް މިދެންނެވިހެންވޭ. މިޔަށް "ކޮންޓްރެކްޓް" ވުމޭ ކިޔާ. މިގޮތަށް ދިމާވާއިރު ކިނިބިހިއަޅާ ވަގުތު ނުވަތަ ކިނބިހިއެޅޭ ވަގުތު އިހްތިޔާރަކާއި ނުލާ އެސްފިޔަ ޖެހޭ. ނުވަތަ ލޯ މެރޭ. މިހެން ދިމާވަނީ މޫނުގެ ބައެއް މަސްތައް ކޮންޓްރެކްޓް ވުމުން ކަމަށް ދިރާސާވެރިން ބުނޭ. ބައެއް ބޯދާ ވިސްނުން ތަކުގައި ދެކޭ ގޮތުން ލޯ ހުޅުވައިގެން ހުރެ ކިނބިހި އެޅުމަކީ ލޮލުގެ އޮށް ނުވަތަ ލޯ ނުކުންނާނޭ ކަމެއް. ނަމަވެސް މިއީ ހަގީގީ ވާހަކައެއް ނޫން. ކިނބިހި އެޅޭ ވަގުތު ބޭ އިހްތިޔާރުގައި ލޯ މެރޭ މެރުމުގައި ވަރަށްބޮޑު ހިކުމަތެއްވެސް ވޭ. އެހެނީ އެޅޭ ކޮންމެ ކިނބިއްސަކާއި އެކު އަނގަޔާއި ނޭފަތުން އެތައް ބައިވަރު ތިކިތަކެއް ބުރާނެ. އޭގައި އެތައް ޖަރާސީމެއްވެސް އެކުލެވިގެންވޭ. ބާރުމިނުގައި ބުރައިގެންދާ މި ތިކިތަށް، އިހުސާސް ވުމަކާއި ނުލާ ލޮލާއި މޫނާއި ދިމާލަށްވެސް އަންނާނެ. އެހެންކަމުން ބޭއިހްތިޔާރުގައި ނަމަވެސް ކިނބިހިއެޅޭ ވަގުތު ލޯމެރުމުން، މިފަދައިން ބުރައިގެންދާ މި ތިކިތަށް ނުވަތަ ޖަރާސީމުތައް އަހަރެމެންގެ ނާޒުކު ލޮލަށް ނުފޯރާނެ. އެހެންކަމުން ދިރާސާވެރިން ދެކިލައްވާ ގޮތުގައި އެއީ ލޮލުގެ ރައްކާތެރިކަމަށް، މާތް ﷲ ތަރުތީބު ކުރައްވާފައިވާ ފުރިހަމަ ނިޒާމެއް.