އިނގިރޭސިބަހުން އެކި އެކި ކަންކަމަށް ނުކެރި ބިރުގަނެ ޖެހިލުންވާނަމަ އެކަންކަމަށް ހާއްސަކޮށް ނަންދީފައި ހުރޭ. އެގޮތުން ބިރުގަތުމަށް ދީފައިވާ ހާއްސަ ނަމަކީ "ފޯބިއާ". މިސާލަކަށް "ހައިޑްރޯ ފޯބިއާ" އަކީ ފެން ދެކި ބިރުގަންނަ ގަތުން. "އެކްރޮ ފޯބިއާ" އަކީ އުސްތަންތަން ދެކި ބިރުގަންނަ ގަތުން.

މިގޮތަށް އިންސާނުން ގެންގުޅޭ ފޯނަށް ނިސްބަތްކޮށްވެސް ވަނީ ނަންދީފަ. އެއީ "ނޮމޯ ފޯބިއާ". މިއީ އެހެނަސް މޯބައިލްފޯނު ދެކި ބިރުގަންނާތީ ދީފައިވާ ނަމެއް ނޫން. މިއީ އަދި މުޅިން އެހެން ކަމަކަށް ދީފައިވާ ނަމެއް.

އިންސާނާ ގެންގުޅޭ ފޯނަކީ އެއާއިނުލާ މިނެޓަކުވެސް އުޅެން އުނދަގޫ އެއްޗަކަށް މިވަނީ ވެފަ. ޒަމާނާއި އެކު އައި ތަރައްގީގައި އިންސާނާގެ ދިރިއުޅުމުގައި ކުރާ ހުރިހާކަމަކާއި މޯބައިލްފޯނާއި މިވަނީ ގުޅިލާމެހިފަ. އެހެންކަމުން އެ ފޯނު ގެއްލުމުން ނުވަތަ އެ ފޯނާއި ނުލާ އުޅެން ޖެހުމަކީ ދިރިއުޅުން ވަރަށް ދަތިކުރުވާނޭ ކަމެއް.

އިސްވެ ދެންނެވުނު "ނޮމޯ ފޯބިއާ" އަކީ މޯބައިލްފޯނާއި ދުރުގައި ނުވަތަ ފޯނާއި ނުލާ އުޅެން ބިރުގަންނަ ގަތުމަށް ދީފައިވާ ހާއްސަ ނަމެއް. މި ނަން އުފެދިފައި ވަނީ މައިގަނޑު ތިން ބައެއްގެ މައްޗަށް އެއީ ފުރަތަމަ ބައިގައި އިންނަ "ނޮ" މިއީ އިނގިރޭސި ބަހުން "ނޯ". ދެންއިން ބަޔަކީ "މޯ". މި ބަސް ރަމްޒުކޮށްދެނީ މޯބައިލް ފޯނު. އެންމެ ފަހު ބަޔަކީ "ފޯބިއާ". މިއީ ބިރު. އެހެންކަމުން މި ތިން ބައި އެއްކޮށްލުމުން "ނޯ-މޯބައިލް-ފޯބިއާ". މިގޮތަށް ކިޔޭ. މާނަ އަކީ މޯބައިލްފޯނު ނެތުމުން ގަންނަ ބިރު.