މާބަނޑުވުމަކީ އެއާއި އެކު އިންސާނާއަށް ވަރަށް ގިނަ ތަފާތު އެތައް ކަމެއް ކުރިމަތި ކުރުވާ ކަމެއް. އިންސާނާގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށްވެސް އަސަރު ކުރުވާ. އިންސާނާގެ ހަށިގަނޑުގައި ހުންނަ އެހެން ގުނަވަންތަކާއި ބައެއްކަންކަމުގެ ތަރުތީބަށްވެސް ބަދަލު އާދޭ. އެގޮތުން އަންހެނަކު މާބަނޑުވުމާއި އެކު، އާދައިގެ އޮރެންޖެއްގެ މިންވަރަށް އިންނަ އެ އަންހެނާގެ ރަހިމު ބޮޑުވާން ފަށާ. އެހެނީ ކުއްޖާ ޣަރުބަގަންނަނީ މައިމީހާގެ ރަހިމުގައި ކަމަށްވުން. އެގޮތުން އާންމު ހާލަތުގައި، މާބަނޑުވާ އަންހެނާގެ، އެ ރަހިމުގެ އަސްލު ސައިޒަށްވުރެ 500 ގުނަ އެ ރަހިމު ބޮޑުވޭ. އެއާއި އެކު މާބަނޑު އަންހެނާގެ ގައިގައި ހުންނަ ލޭގެ މިންވަރު ނުވަތަ ވޮލިއުމް މާބަނޑުވުމުގެ ކުރިން ހުރި މިންވަރަށްވުރެ 40-50 އިންސައްތަ އިތުރުވޭ. އެހެނީ ކުއްޖާއަށް ބޭނުންވާ ކާނާއާއި އޮކްސިޖަންވެސް ދައުރުވާނީ މައިމީހާގެ ލެއިން ކަމުގައިވުން. މިފަދައިން ލޭގެ މިންވަރު އިތުރުވުމާއި އެކު މާބަނޑުއަންހެނާގެ ހިތުގެ ސައިޒުވެސް ބޮޑުވޭ. މިގޮތަށް ހިތުގެ ސައިޒު ބޮޑުވަނީ ގިނަ ލޭ ފޮނުވަން ޖެހުމާއި އަދި ހިތުގެ މަސްތަކަށް އިތުރު ބާރުޖެހުމުގެ ސަބަބުން. މާބނޑުއަންހެނުންގެ ފައި ފޮއްސިވެފައި ހުންނަނީވެސް ލޭ ގިނަވުމުގެ ސަބަބުން. އެހެނީ އޭރުން ބިމައްދަމާބާރާއި އެކު ހަޑިގަނޑުގައި ހުންނަ "ފްލުއިޑްސް" ފަޔަށް ޖަމާވެފައި ހުންނާތީ.