ދުނިޔޭގެ މޫސުމަށް އަންނަ އެކި އެކި ބަދަލުތަކާއި އެކު ދުނިޔޭގެ އެކި ހިސާބުތަކުގައި ކޮޅިގަނޑުތަކާއި ތޫފާނުތައް އުފެދޭ. މިފަދަ ބައެއް ތޫފާނުތަކަކީ އެ ތޫފާނުތަކުގައި މާބޮޑުގެއްލުންތަކެއް ކުރިމަތި ކުރުވާ ތޫފާނު ތަކަކަށް ނުވޭ. ނަމަވެސް އަނެއްބައި ތޫފާނު ތަކަކީ އޭގެސަބަބުން ބޮޑެތި އެތައް ގެއްލުންތަކެއް ކުރިމަތި ކުރުވާ ތޫފާނު ތަކެއް. މިފަދައިން އުފެދޭ ތޫފާނުތަކަކީ ނިސްބަތުން ގިނަ ތޫފާނުތަކެއް. އެހެންކަމުން އެ ތޫފާނުތައް ފާހަގަ ކުރުމަށާއި އެ ތޫފާނަކާއި ބެހޭ މައުލޫމާތު އަވަހަށް ފޯރުކޮށްދިނުމަށް މޫސުމާބެހޭ އިދާރާތަކުން ކޮންމެ ތޫފާނަކަށް ވަކި ހާއްސަ ނަމެއް ދޭ. ތޫފާނުތަކަށް ނަން ދިނުމުގައި ބަލާ މިންގަނޑެއް ނުވަތަ ގައިޑްލައިނެއް އޮވޭ.

އެ ގައިޑްލައިނުގައި ވާ ގޮތުން ތޫފާނަކަށް ނަން ދިނުމުގައި އެ ނަމެއް ވާންޖެހޭނީ ނުފޫޒުން ބޭރުންކިޔޭ ނަމަކަށް. އެގޮތުން ވަކި ސީޔާސީ ބަޔަކަށް ނުވަތަ ވަކި ދީނެއްގެ ބަޔަކަށް ނުވަގަ ވަކި ސަގާފަތެއްގެ ބަޔަކަށް ނުވަތަ ވަކި ނަސްލެއްގެ ބަޔަކަށް ނިސްބަތްވާފަދަ، ޒާތީ އެއްވެސް ނަމެއް ނުދެވޭނެ. އަދި އެނަމަކުން އެއްވެސް މީހެއްގެ ނުވަތަ ބައެއްގެ އަބުރު ގެއްލޭފަދަ ނަމަކަށްވެސް އެނަމެއް ވެގެން ނުވާނެ. ހަމައެއާއި އެކު ތޫފާނަކަށް ދެވޭ ނަމަކީ "ރުންކުރު" ނުވަތަ ޖެއްސުމަށް ނުވަތަ މަލާމާތެއްގެ ގޮތުން ކިޔޭ ނަމަކަށް ވެގެން ނުވާނެ. އަދި އެނަމަކީ ކުރު، ކިޔަން ފަސޭހަ ދުލަށް ލުއި ނަމަކަށް ވާން ޖެހޭ. އަދި ނަމެއް ދެވޭއިރު، އެނަމެއް ކިޔާނޭ އަޑުވެސް ނުވަތަ ޕްރޮނައުންސް ކުރާނޭ ގޮތްވެސް އާންމު ކުރަންޖެހޭ. އެހެނީ އެއް އަކުރުތަކެއް އެކި މީހުން އެކި ގޮތަށް ޕްރޮނައުންސް ކޮށްފާނެތީ. ތޫފާނުތަކަށް ދެވޭ ނަންތަކުގެ ޝަރުތުތައް ނުވަތަ ގައިޑުލައިނުގައިވާ ފާހަގަ ކުރެވޭ އަނެއް ނުކުތާއަކީ، ތޫފާނަކަށް ދެވޭ ކޮންމެ ނަމަކީވެސް 8 އަކުރަށްވުރެ ކުރު ނަމަކަށް ވާން ޖެހޭ ކަން.

ދުނިޔޭގެ އެކި ހިސާބުތަކުގައި އުފެދޭ ތޫފާނުތަކަށް ދެވޭ ނަންނަން ތަފާތުވޭ. ކޮންމެ ބަޔަކުވެސް އެބަޔަކަށް ނުވަތަ އެ ސަރަހައްދެއްގެ ބަޔަކަށް ފަސޭހަވާނޭ ފަދަ ނަމަކުން ނަން ދީފާ ހުރޭ.